އަވައްޓެރި، އިންޑިއާ ރުޕީސްގެ އަގު ރެކޯޑު މިންވަރަކަށް ދަށަށް

އީރާނުގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ހީނަރުކަމާއެކު، އެމެރިކާ ޑޮލަރާ އަޅާބަލާއިރު އިންޑިއާ ރުޕީސްގެ އަގު ފުރަތަމަ ފަހަރަށް 93 އަށް ވުރެ މައްޗަށް ހިނގައްޖެއެވެ.

މިއަދު ރުޕީސްގެ އަގު ވަނީ 0.7 އިންސައްތަ މައްޗަށް ގޮސް، ޑޮލަރަކަށް 93.2750 ރުޕީސްއަށް އަރައިފައެވެ. މިއީ ބުދަ ދުވަހު ރެކޯޑުކުރެވުނު 92.63 ގެ ދަށް މިންވަރަށްވުރެވެސް ބޮޑު ވެއްޓުމެކެވެ.

ހަނގުރާމަ ފެށުނުއިރު 1 ޑޮލަރަށް ރުޕީސްއެއް މާރުކުރަމުން ދިޔައީ 90 އާއި 91 އަކާ ދެމެދުގެ އަދަދަކަށެވެ.

ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އަދި ބޭނުންކުރާ ގައުމު ކަމަށްވާ އިންޑިއާއަށް، ތެލުގެ އަގު އުފުލުމުގެ ސަބަބުން އިގުތިސާދީ ދުވެލި މަޑުޖެހި އިންފްލޭޝަން މަތިވެދާނެކަމުގެ ބިރު ވަނީ ހީވާން ފަށާފައެވެ.

މިއީ އިންޑިއާ ރުޕީސްގެ އަގު އެންމެ ބޮޑަށް ވެއްޓުނު އެއް ފަހަރު -- ފޮޓޯ: ގެޓީ އިމޭޖަސް

މި ހާލަތާ ގުޅިގެން ބޭރުގެ އިންވެސްޓަރުން ވަނީ މި މަހުގެ ތެރޭގައި އިންޑިއާގެ ހިއްސާގެ ބާޒާރުން އަށް ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ނަގާފައެވެ. މިއީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހަށްފަހު މިހާ ގިނަ އަދަދެއްގެ ފައިސާ އިންވެސްޓަރުން ނެގި ފުރަތަމަ ފަހަރެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 120 ޑޮލަރާ ގާތަށް އުފުލިފައެވެ. ނަމަވެސް ހޮރުމޫޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބައެއް ގައުމުތަކުން ހުށަހެޅުމާއެކު ހުކުރު ދުވަހު ތެލުގެ އަގު ވަނީ ކުޑަކޮށް ދަށަށް ގޮސްފައެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޑޮލަރާ އަޅާބަލާއިރު ރުޕީސްގެ އަގު ވަނީ ހަތް އިންސައްތަ ދަށަށް ގޮސްފައެވެ. ރުޕީސްގެ އަގު އިތުރަށް ވެއްޓުނަނުދީ ހިފެހެއްޓުމަށްޓަކައި އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ދަނީ ބާޒާރަށް ޑޮލަރު ނެރެމުންނެވެ.

comment ކޮމެންޓް