އެމްއޭސީއެލްގެ އުޅަނދެއް ފުރޮޅާލައި، ދެ މީހަކަށް އަނިޔާވެއްޖެ

ހައިވޭގައި ޖަހާފައި ހުުރި ފެންސުގައި ޖެހި އެމްއޭސީއެލްގެ އުޅަނދެއް ފުރޮޅާލައިފައި --- ފޮޓޯ: އެމްވީ ކްރައިސިސް

މާލެ-ހުޅުމާލެ ހައިވޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އުޅަނދެއް ފުރޮޅާލައި، މަގުގެ ފެންސުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ. މި ހާދިސާގައި އުޅަނދުގައި ތިބި ދެ މީހަކަށް އަނިޔާވެ، އެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ހުދު ކުލައިގެ މި އުޅަނދު އޮތީ ފުރޮޅާލައިފައެވެ. ފުލުހުން މި ހާދިސާ ތަހުގީގު ކުރަމުންދާ އިރު، މިއީ ރާއްޖޭގައި އެކްސިޑެންޓުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ހިނގި ހިތާމަވެރި ހާދިސާއެކެވެ. މިއަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް 683 އެކްސިޑެންޓެއް ވަނީ ރިޕޯޓުކޮށްފައެވެ.

  • އެމްއޭސީއެލްގެ އުޅަނދެއް ހައިވޭ ފެންސުގައި ޖެހި ފުރޮޅާލުން
  • ހާދިސާގައި ދެ މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުންދިއުން
  • ފުލުހުން ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވެ ތަހުގީގު ފެށުން
  • މިއަހަރު ހުށަހެޅުނު ޖުމުލަ 2493 މައްސަލައިގެ ތެރެއިން 683 މައްސަލައަކީ އެކްސިޑެންޓުގެ މައްސަލަތައް ކަމަށްވުން

ހުޅުމާލޭން އެއާޕޯޓަށް ދުއްވާފައި ދިޔަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އުޅަނދެއް، ބުރިޖު ފެންސުގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، ފަރުވާދޭން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކުން ފެންނަނީ ހުދު ކުލައިގެ ކުޑަ ޕިކަޕެއް ފުރޮޅާލާފައި އޮތް މަންޒަރެވެ.

ފުލުހުން ބުނީ، އެކްސިޑެންޓު ހިނގީ މާލެ-ހުޅުމާލެ ހައިވޭގައި ދަތުރުކުރި އުޅަނދެއް މަގުގެ އެއްފަރާތުގައި ހުންނަ ފެންސުގައި ޖެހިގެން ކަމަށެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި އެ އުޅަނދުގައި ތިބި ދެ މީހަކަށް އަނިޔާވި ކަމަށާއި، އިތުރު ފަރުވާއަށް ދެ މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް، ފުލުހުން ބުންޏެވެ.

ފުލުހުން މިހާތަނަށް އާންމުކުރި މިއަހަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ޖުމުލަ 2،493 މައްސަލައެއް ފުލުހަށް ހުށަހަޅައިފައިވެއެވެ. އޭގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން ހުށަހަޅައިފައިވަނީ އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެގޮތުން އެކްސިޑެންޓުގެ 683 މައްސަލައެއް މިއަހަރު ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް