ހަނގުރާމައާ ހެދި ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ރިކޯޑު މިންވަރަކަށް އިތުރު

އެއާޕޯޓުގައި ޖެޓްތަކެއް: ހަނގުރާމައާ އެކު ރާއްޖެ އަންނަ ޖެޓްތަކުގެ އަދަދު ވަނީ އިތުރުވެފައި -- ފޮޓޯ: އެމްއޭސީއެލް

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މައި ވައިގެ ބަނދަރުތަކަށް ދަތުރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއެކު، ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ވަނީ 83 އިންސައްތަ އިތުރުވެފައެވެ. އޭވިއޭޓާސް މޯލްޑިވްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 128 ޕްރައިވެޓް ޖެޓު ރާއްޖެއަށް ޖައްސާފައިވެއެވެ. މިއީ މުއްސަނދި ފަތުރުވެރިން ދަތުރުފަތުރުގެ ދަތިތަކުން ސަލާމަތްވުމަށް ސީދާ ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރުމަށް އިސްކަންދޭކަމުގެ ހެއްކެކެވެ. މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ތަރައްގީކޮށް، ސްޓްރެޓެޖިކް ހަބަކަށް ހެދުމަށް ލިބިފައިވާ ރަނގަޅު ފުރުސަތެއްކަމަށް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ.

  • މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު 128 އަށް އަރައިފި.
  • މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ 83 އިންސައްތައިގެ ބޮޑު ކުރިއެރުމެއް.
  • ދުވާލަކު އެވްރެޖްކޮށް އަންނަ ޖެޓުތަކުގެ އަދަދު 5 އިން 12 އަށް އިތުރުވެ، މިދިޔަ މާރިޗު މަހުގެ ތިންވަނަ ދުވަހު ރެކޯޑު އަދަދަކަށް 18 ޖެޓު އައިސްފައިވޭ.
  • މި ހާލަތުގެ ބޭނުން ހިފައި، ރާއްޖެއަކީ ވައިގެ ދަތުރުފަތުރުގެ މުހިންމު ހަބަކަށް ހެދުމަށް ތަޖުރިބާކާރުން ވަނީ ގޮވާލާފައި.

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން މި ދުވަސްވަރު ރާއްޖެ އަންނަ މަހުޖަނުންގެ ޕްރައިވެޓް ޖެޓްތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، މިހާތަނަށް 128 ޕްރައިވެޓް ޖެޓު ރާއްޖެއަށް އަތުވެއްޖެ ކަމަށް އޭވިއޭޓާސް މޯލްޑިވްސްއިން ބުނެފިއެވެ.

އޭވިއޭޓާސް މޯލްޑިވްސްއިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި ހަފުތާގެ އާދީއްތަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ޕްރައިވެޓް ޖެޓްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އެ ގޮތުން، މި މުއްދަތުގެ ތެރޭގައި ޖުމުލަ 128 ޖެޓް ރާއްޖެއަށް އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރިކޯޑުކުރެވުނު 70 ޖެޓާ އަޅާބަލާއިރު 83 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

އެހެންކަމުން މެދުއިރުމަތީގެ ބޮޑެތި ޓްރާންސިޓް ހަބްތަކުން ދަތުރުކުރުމުގައި ދިމާވާ ފްލައިޓް ކެންސަލްވުމާއި ލަސްވުމުގެ މައްސަލަތަކުގެ ސަބަބުން، މުއްސަނދި ފަތުރުވެރިން ސީދާ ޕްރައިވެޓް ޖެޓްތަކުގައި ރާއްޖެއަށް ދަތުރުކުރުމަށް މިހާރު އިސްކަންދޭކަން ހާމަވާކަމަށް އޭވިއޭޓާސް މީލްޑިވްސްއިން ރިޕޯޓުކޮށްފައިވެއެވެ.

https://sun.mv/218684

ނަމަވެސް، ރާއްޖެ އަންނަ ޖެޓްތަކުގެ އަދަދުތަކާ ގުޅޭ ގޮތުން އެއާޕޯޓުތައް ހިންގާ އެމްއޭސީއެލްގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް އައީ ފަސް ޕްރައިވެޓް ޖެޓު ކަމަށާއި އެންމެ ބާރު ބޮޑުވި ދުވަހު ވެސް އައިސްފައިވަނީ ނުވަ ޖެޓު ކަމަށް ވަނީ އެ ތަފާސްހިސާބުތަކުގައިވެއެވެ. ނަމަވެސް މި އަހަރު ދުވާލަކު އެވްރެޖްކޮށް 12 އަށް ވުރެ ގިނަ ޖެޓް ރާއްޖެއަށް ޖައްސަމުންދާ ކަމަށާއި މި މަހުގެ މަހުގެ ތިންވަނަ ދުވަހު އެކަނި ވެސް 18 ޕްރައިވެޓް ޖެޓު ރާއްޖެއަށް އައިސްފައިވާއިރު އެއީ ރިކޯޑު އަދަދެއްކަން އޭވިއޭޓާސް މޯލްޑިވްސްއިން ފާހަގަކުރެއެވެ.

ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު ފެށި ހަނދުރާމައާ ގުޅިގެން އީރާނުން އަންނަނީ ޔޫއޭއީއާއި ގަތަރު ހިމެނޭ ގޮތަށް, ދުނިޔޭގެ މައި ވައިގެ ބަނދަރުތައް ހުރި ގައުމުތަކަށް ހަމަލާތައް ދެމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ބާރު ބޮޑު އޭވިއޭޝަން ދާއިރާއަށް އެތައް ގޮންޖެހުމެއް ކުރިމަތިވެ, ފްލައިޓްތަކުގެ ދަތުރުތަކަށް ވަނީ ބުރޫ އަރައިފައެވެ.

https://sun.mv/219329

މި ހަނގުރާމައިގެ ސަބަބުން އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ގިނަ ވަގުތުތަކަކަށް ބަންދުކުރުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 50 ޕަސެންޓް ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ, އިނަ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާގު ވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުގައި ބޭނުންކުރާ ގިނަ އަދަދެއްގެ ބިޒްނަސް ޖެޓުތައް އޭޝިއާގެ އެހެން ގައުމުތަކަށް ބަދަލުކުރުމުގެ ފުރުސަތު ބޮޑު ކަމަށާއި އޭގެ ފައިދާ ނަގަން މިއީ ރާއްޖެއިން ސްޓްރެޓެޖިކް ގޮތެއްގައި ބޭނުންހިފަންޖެހޭ ފުރުސަތެއްކަން ފާހަގަކޮށްފައެވެ.

ދުނިޔޭގެ މުހިންމު ލޮކޭޝަނެއްގައި އޮތް ރާއްޖެ, ވައިގެ ދަތުރުފަތުގެ ހަބަކަށް ހެދިއްޖެނަމަ އެއީ ގިނަ ފައިދާތަކެއް ގައުމަށް ވާނެ ކަމެކެވެ. ޚާއްސަކޮށް ހަނިމާދޫ އެއާޕޯޓް މިހާރު ވަރަށް ބޮޑަށް ތަރައްގީ ކޮށްފައިވާއިރު އެ ތަން ރަނގަޅަށް ހިންގުމަށްޓަކައި އެފަދަ ނިޒާމަކަށް ކޮންމެހެން ވެސް ވަނީ ބޭނުން ޖެހިފައެވެ.

comment ކޮމެންޓް