ބަވަނަ ވެފައިވާ ދުނިޔެއެއްގައި ގައުމުތަކުން އަދާކުރާ އެންމެ މުހިންމު ދައުރަކީ ބޭރު ދުނިޔެއާއެކު އޮންނަ ގުޅުންތަކެކެވެ. އަދި ތަރައްގީގެމަގުން ގައުމުތައް ހޯދާ ކުރިއެރުންތަކާއި، މިނިވަންކަން ދެމެހެއްޓުމުގައިވެސް ހިކުމަތްތެރި ކަމާއެކު ގައުމުތަކުން އަދާކުރާ ދައުރު، އަދުގެ ދުނިޔޭގައި ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
މިގޮތުން، ދޭދޭ ގައުމުތަކުގެ މެދުގައި ކުރަންޖެހޭ މުއާމަލާތްތައް އެތައްގުނައެއް ފުޅާވެގެން ގޮސްފައިވާ އަދުގެ ދުނިޔޭގައި، ވަކީން ޚާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކާއި، އަދި ދުނިޔޭގެ ފަގީރު ގައުމުތަކަށް އޮތް އެންމެ އުދަގޫ ޕްރެޝަރަކީވެސް، ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ މެދުގައާއި އަދި ނުފޫޒުގަދަ އަވައްޓެރި ގައުމުތަކުގެ މެދުގައި ހަމަހަމަކަމާއެކު ގުޅުން ދަމަހައްޓާ، ވަކިވަކި ގައުމުތަކުގެ އުގަށް ނުވެއްޓި ޚާރިޖީ ސިޔާސަތު ދެމެހެއްޓުމެވެ.
ހަމަ އެފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގާލުމުން، ބައެއް ގައުމުތަކުގެ އެތެރޭގެ ސިޔާސީ މައްސަލަތައް ބޮޑުވެ، ދާޚިލީ ހަމަނުޖެހުންތައް ހައްދުން ނައްޓާ، ވެރީން ވެރިކަމުގައި ދެމި ތިބުމަށްޓަކާ ތަންފީޒު ކުރަމުން އަންނަ ޚާރިޖީ ސިޔާސަތުތަކުގެ ނަތީޖާ ވަރަށްވެސް ފުރިހަމަޔަށް ބައިނަލް އަގުވާމީ މަސްރަހުން މިއަދު ފެންނާން އެބަ ހުއްޓެވެ.
މީގެ ދިރިހުރި އެތަކެއް މިސާލުތަކެއް އަރަބި ދުނިޔެއިން މިއަދު އެދަނީ ފެންނަމުންނެވެ. ބޭރުގެ ގައުމުތަކާއެކީ ކުރަންޖެހޭ މުއާމަލާތްތަކުގެ ތިލަފަތް ހަމަ ކުރުމުގެ މުހިންމުކަމާއި، އަދި ގައުމުގެ އެތެރޭގައި އުފެދިގެންދާ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން، އެގައުމުތަކުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަނުމުގެ ފުރުސަތު ބޭރުގެ ބާރުތަކަށް ލިބިގެންދާ ދިއުމުގެ ފުރިހަމަ މިސާލުތައް އިރާގު، އަފްއާނިސްތާން، ސީރިއާ، ލިބިއާ، ޔޫކުރެއިން އަދި ކިއެއްތަ މުޅި އަރަބި ބައްރުންވެސް މިއަދު އެދަނީ ވަރަށްވެސް ފުރިހަމަޔަށް ތަމްސީލު ވަމުންނެވެ. އަރަބި ބައްރުގައި މިހާރު ހިނގަމުންދާ އިރާން-އެމެރިކާ-އިސްރާއީލު ހަނގުރާމައަށް ބަލާލުމުންވެސް ފެންނާން އޮތީ ޑިޕްލޮމަސީ ފެއިލްވެ، ދޭދޭ ގައުމުތަކުގެ މެދުގައި ހިނގާ ހަނގުރާމައެއް އަސްލު މައްސަލައާއި ގުޅުން ނެތް ގައުމުތަކަށް ފެތުރިގެން ހިގައިދާނެގޮތުގެ ވަރަށްވެސް ފުރިހަމަ ހަގީގަތްތަކެކެވެ.
މިހާރު ހިނގަމުންދާ ހަނގުރާމާގައި އީރާނުން ވަނީ ގަލްފު ބައްރުގެ ޖުމްލަ ނުވަ ގައުމަކަށް ޙަމަލާދީފައެވެ. އެއީ ބަޙްރައިން، އިރާޤު، ޖޯޑަން، ކުވައިތު، އޮމާން، ޤަޠަރު، ސަޢުދީ ޢަރަބިއްޔާ އަދި ޔޫއޭއީ އެވެ. މީގެ ތެރޭގައި ހިމެނެނީ ބަޙްރައިންގައި ހުންނަ އެމެރިކާގެ ފިފްތު ފްލީޓްގެ މައި މަރުކަޒާއި، ޤަޠަރުގައި ހުންނަ އަލް އުދައިދު އެއަރ ބޭސް އާއި، ކުވައިތުގައި ހުންނަ ޢަލީ އަލް ސާލިމް އެއަރ ބޭސްގެ އިތުރުން ޔޫއޭއީގައި ހުންނަ އަލް ދަފްރާ އެއަރ ބޭސް އެވެ. އީރާނުގެ ސަރުކާރުން ވަނީ ހަނގުރާމަ ފެށުނުފަހުން މި އެއަރބޭސްތަކަށް އެގައުމުން ޙަމަލާ ދެމުންދާކަން ކަށަވަރުކޮށްދީފައެވެ. އަދި މެދުއިރުމަތީގައިވާ އިސްރާއީލާއި އެމެރިކާގެ ހުރިހާ އަސްކަރީ އަމާޒުތަކަށް ޙަމަލާދީފައިވާކަމަށް އީރާނުގެ އައިއާރްޖީސީ (IRGC) އިން ވަނީ ދަޢުވާކޮށްފައެވެ. އަދި "މުޅި ސަރަޙައްދުގައިވާ އެމެރިކާގެ ހުރިހާ ތަންތަނަކީ ޙަމަލާދިނުން ހުއްދަ އަމާޒުތަކެއް" ކަމަށް އެ ގައުމުން ވަނީ އިޢުލާންކޮށްފައެވެ.
މި ހުރިހާ ގައުމުތަކަކީވެސް އެމެރިކާގެ ދާއިމީ އަސްކަރީ މަރުކަރުތައް އެގައުމުތަކުގައި ގާއިމް ކުރެވިފައިވާ، އަރަބި ބައްރުގައި ހިމެނޭ ކުދި އަދި އަސްކަރީ މާބޮޑު ބާރެއް އޭގެ ޒާތުގައި ނެތް، އެހެންނަމަވެސް އެމެރިކާގެ އަސްކަރީ ހިމާޔަތުގައިވާ ގައުމުތަކެވެ. މި ގައުމުތަކުން ދުނިޔޭގެ ގައުމުތަކާއި އިގްތިސާދީ އަސްކަރީ ގުޅުންތައް ދެމެހެއްޓުމުގައި ބޭނުން ކުރަމުން އަންނަ އެންމެ ވަރުގަދަ ހަތިޔާރަކީ ޑިޕްލޮމަސީއެވެ. އެހެންނަމަވެސް، އެމެރިކާއާއި އިސްރާއީލުގެ ހަންފެތުރުމުގެ ސިޔާސަތުގެ ދަށުން އީރާންގެ ބާރު ކަނޑުވާލުމަށް އެ ދެގައުމުން ހިންގާ ޢުދުވާންގެ އެންމެ ބޮޑު ގެއްލުމާއި ހަލާކު ތަހައްމަލް ކުރާންޖެހިފައިވާ ގައުމުތަކަކީ އަރަބި ބައްރުގައި ހިމެނޭ މި ގައުމުތަކެވެ. ހުޅަނގުގެ ގައުމުތަކާ އީރާންއާ ދެމެދު އެތައް އަހަރަކަށް ދިގުދެމިގެންދާ އަރާރުންތަކަށް ޑިޕްލޮމަސީގެ ހައްލު ނުހޯދި ކޯޅުންތައް އެންމެ ފަހުން ބޮޑު ހަނގުރާމައަކަށް ބަދަލުވެގެން ދިޔަދިއުމުގެ ޝިކާރައަކަށް އެންމެ ފަހުން މިގައުމުތައް ވެގެންދިޔައީ މި ގައުމުތަކުން އެމެރިކާއާއެކު ދަމަހައްޓަމުންދާ އަސްކަރީ އަދި ސިޔާސީ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
އެހެންކަމުން، އަދުގެ ދުނިޔޭގައި އެއްވެސް ގައުމަކަށް ބައިނަލް އަގުވާމީ މަސްރަހާއި ވަކިވެގަނެގެން ކުރިޔަށް ދެވެން ނެތްއިރު، ބޭރުގެ ގައުމުތަކުގެ އިތުބާރު ނަގަހައްޓާ، ދަމަހައްޓާ، ތަރައްގީއާއި ދަމައްދުނުގެ ރޮގުގައި ކުރިއެރުން ހޯދާ، މިނިވަން ގައުމެއްގެ ގޮތުގައި ދެމި އޮތުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެންމެ މުހިންމު ވަސީލަތަކީ ހަގީގަތުގައިވެސް ޚާރިޖީ ސިޔާސަތާއި ޑިޕްލޮމަސީކަމުގައި ދަންނަވާން ޖެހެއެވެ.

އެމެރިކާއިން އަރަބި ދުނިޔޭގައި އެގައުމުގެ ނުފޫޒު ދަމަހައްޓަނީ ސައުދީ އަރަބިއާފަދަ ނުފޫޒުގަދަ ގައުމުތަކާ އެކީ ޑިޕްލޮމަސީގެ ގުޅުންތައް ދަމަހައްޓައިގެން
ތަރައްގީގައި ރާއްޖެއަށް ބޭރުގެ ގައުމުތަކުގެ އެހީތެރިކަން ވަރަށް މުހިންމު!
ދިވެހިރާއްޖެއަކީ އުފެއްދުންތެރިކަން ކުޑަ، މުޅި ގައުމުގެ އިގްތިސާދުގެ ބޮޑުބައެއް އިމްޕޯޓަށް ބަރޯސާވެފަ އޮންނަ ގައުމެކެވެ. ހަމަ އެފަދައިން ކޮންމެ އަހަރެއްގެވެސް ބަޖެޓް އެކުލާވާލާއިރު، ބަޖެޓްގެ މުހިންމު އެއްބަޔަކީ، ދޭދޭ ގައުމުތަކާ ޖަމިއްޔާ ޖަމާއަތްތަކުން ލިބޭނެކަމަށް ލަފާކުރާ ހިލޭ އެހީއާއި މާލީ އެހީތެރިކަމެވެ.
ހަމަ އެފަދައިން ގައުމަށް ކުރިމަތިވާ ކޮންމެ ބޮޑު ކާރިސާއެއްގައިވެސް ބޭރު ގައުމުތަކުގެ އެހީތެރިކަމަށް ރާއްޖެއިން އެދެން ޖެހެނީ، ގައުމުގެ އުފެއްދުންތެރިކަން ދަށްވުމާއި، އިގްތިސާދީ ގޮތުން ބައިނަލް އަގުވާމީ އެހީތެރިކަމަށް ބަރޯސާވާންޖެހޭ މިންވަރުގެ ބޮޑުކަމުންކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
ފާއިތުވެދިޔަ ތަނުގައި ރާއްޖެ ކުރިމަތިލާންޖެހުނު ބޮޑެތި ހުރިހާ ކާރިސާތަކަށް ނަޒަރެއް ހިންގާލުމުންވެސް މި ހަގީގަތް ވަރަށް ރަގަޅަށް ސާފުވާން އެބައޮތެވެ. 2015 ވަނަ އަހަރު ކުރިމަތިވި ފެނުގެ ކާރިސާއާއި، 2020 އިން 2022 ވަނަ އަހަރާއި ހަމައަށް މުޅި ދުނިޔެ ތަޖުރިބާ ކުރި ކޯވިޑް19ގެ އާލަމީ ވަބާއަށް ނަޒަރެއް ހިންގާލުމުންވެސް މިހަގީގަތް މާ ސާފުކޮށް ފެންނާން އެބަ އޮތެވެ.
ވަކީން ޚާއްސަކޮށް، ކޯވިޑް19ގެ ސިއްޙީ ކާރިސާގައި ދިވެހިރާއްޖޭގެ އިގްތިސާދު އެކީ ހުއްޓުމަކަށް އައިސް، އެހެންނަމަވެސް، ކާރިސާ މެނޭޖުކުރުމަށް ބޮޑެތި ޚަރަދުތަކެއް ހިގަންޖެހުނު ދަނޑިވަޅުގައި، މުވައްޒިފުންގެ މުސާރަތައް ކުޑަނުކޮށް، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް ނުގެނެސް، ކާރިސާ މެނޭޖުކުރެވެމުން އޭރު ގޮސްފައިވަނީ، ބައިނަލް އަގުވާމީ ގޮތުން ލިބިގެން ދިޔަ އެތަކެއް އެހީތެރިކަމެއްގެ ނަތީޖާއެއްގެ ގޮތުންނެވެ.
އެހެންކަމުން، ރާއްޖެފަދަ ގައުމަކަށް އަބަދުވެސް އެންމެ މުހިންމު ވެފައި އޮންނަނީ، ވަކި ފަރާތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެއް ތަންފީޒު ކުރުމެވެ. މާނައަކީ ދުނިޔޭގެ ހުރިހާ ގައުމަކާ އެކީވެސް މުއާމަލާތު ކުރެވޭނެ ހާލަތުގައި އޮވެމެ، އެއްވެސް ގައުމަކާ ހަތުރުވެރި ނުވެ، ވަކިފަރާތަކަށް ނުޖެހޭ، އެހެންނަމަވެސް އަމިއްލަ ޒާތީ މަސްލަޙަތު ވަރުގަދައަށް ހިމާޔަތްކުރާ ޚާރިޖީ ސިޔާސަތަކީ އަބަދުވެސް، ރައީސް މައުމޫނުގެ ދައުރުން ފެށިގެންވެސް، ދިވެހިރާއްޖެއިން ތަމްސީލުކުރަމުން އައިސްފައިވާ ޚާރިޖީ ސިޔާސަތެވެ.

ކޯވިޑް ކާރިސާގައި ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އެއްގައުމަކީ ޖަޕާން
ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބަރޯސާވާންޖެހޭ ދެ ނަޒަރިއްޔާތު!
ރައްޖެފަދަ ވަސީލަތްތައް މަދު، އަދި ލިބިފައިވާ ވަސީލަތްތަކުގެ ނާޒުކުކަން އިންތިހާއަށް ބޮޑު ގައުމެއްގެ ދިރި ދެމިއޮތުމަށް (ސަވައިވަލްއަށް) އޮތް އެންމެ މުހިންމު ވަސީލަތަކީ ޚާރިޖީ ސިޔާސަތެވެ. އެއީ ގައުމުގެ ފުރަތަމަ ދިފާޢީ އައްޑަނައެވެ. އެހެންކަމުން އެސިޔާސަތު ތަންފީޒުކުރުމަށް ހުރި ވަސީލަތްތައް ހޯދާ ބަލާ، އެމަގުން "ރަގަޅަށް" ޚާރިޖީ ސިޔާސަތު ތަންފީޒު ނުކުރެވިއްޖެނަމަ ގައުމު "ބަނޑަށް ޖެހުމުގެ" ފުރުސަތު އޮންނާނީ ވަރަށްވެސް ގާތުގައެވެ. ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން %75ގެ ހިއްސާއެއް ރާއްޖެއަށް އިންޕޯޓުކުރާ މުދަލާއި ޚިދުމަތުގައި އޮތް އޮތުމުން، ބޭރު ގައުމުތަކާއި ކުރާ މުއާމަލާތުގެ މައްޗަށް ރައްޖޭގެ އިގްތިސާދު ބަރޯސާ ވެފައި އޮތް މިންވަރު ވަރަށްވެސް ފުރިހަމަޔަށް މޭރުން ކޮށްދެއެވެ.
އެހެންކަމުން، އިސްތިރާޖީ (ސްޓަރޓީޖިކް) ގޮތެއްގައި ތަންފީޒުކުރެވޭ ވަށައިޖެހޭ ޚާރިޖީ ސިޔާސަތެ އޮވެގެން މެދުނުވީ އަދުގެ ދުނިޔޭގައި ރާއްޖެއަށް ދިރިދެމި ނުއޮވެވޭނެކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެވެ. އެގޮތުން ބަލާއިރު، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި އަބަދުވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަވާން އޮތީ ދޭދޭ ގައުމުތަކުގެ މެދުގައި އޮތް ވާދަވެރިކަމުގައި ފިތި ބާރުވާން މެދުވެރި ވުމެވެ. އެ ދެމެދުން ދަތުރު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ގިރާ ކުރުމެވެ. ވަކި އަތަކަށް ބުރަ ނުވެ، ގައުމުތަކާއި ހަތުރުވެރިވެސް ނުވެ، ހަމަ އެއާއެކު ގައުމުތަކުން އެހީތެރިކަން ކަށަވަރު ކުރަމުން ގެންދިއުމެވެ. ސަބަބަކީ ބައިނަލްއަގުވާމީ ބޮޑެތި ހުރިހާ މައްސަލަތަކެއްގައިވެސް ދުނިޔޭގެ ބޮޑެތި ބާރުތައް ފެކްޝަންތަކަށް ބެހި، އެއްގައުމު އަނެއް ގައުމާ ވާދަކުރަމުންދާއިރު، ބައި ގިނަކޮށް އަޑު ގަދަކުރުމަށް ބާރުގަދަ ގައުމުތަކުން އެނޫން ގައުމުތަކުގެ މަދަދަށް އެދެމުން ދާތީއެވެ.
އޭޝިއާގެ ބައްރު ދޫކޮށް ޔޫރަޕްގެ ބައްރަށް ބެލި ކަމުގައިވި ނަމަވެސް މިހަގީގަތް މިގޮތުގައި ފެންނާން އެބައޮތެވެ. ޗައިނާއާއި ރަޝިއާއިން ބައިނަލްއަގުވާމީ މައްސަލަތަކުގައި އެއް ރޫޙެއްގައި މަސައްކަތް ކުރަމުންދާއިރު އާސިއާންގެ ގިނަ ގައުމުތަކުގެ މައްޗަށް ޗައިނާގެ ނުފޫޒު އަބަދުވެސް އޮވެއެވެ. ހަމަ އެބީދައިން ސެންޓްރަލް އޭޝިއާގެ ބައެއް ގައުމުތަކުގެ މައްޗަށް ރަޝިއާގެ ނުފޫޒު އަބަދުވެސް އޮންނަ ފަދައިން، ސައުތު އޭޝިއާގެ ގިނަ ގައުމުތަކުގެ މައްޗަށް އިންޑިއާގެ ނުފޫޒު އޮވެއެވެ. އެމެރިކާގެ ނުފޫޒު ޔޫރަޕްގެ ގިނަ ގައުމުތަކުގެ މައްޗަށް އޮވެއެވެ. ސައުދީ އަރަބިއާގެ ނުފޫޒު އަރަބި ބައްރުގެ ގިނަ ގައުމުތަކުގެ މައްޗަށް އޮވެއެވެ. މިއީ ތާރީޚީ ގޮތުންނާއި ދޭދޭ ގައުމުތަކުގެ އިގްތިސާދުތައް އެއްގައުމު އަނެއްގައުމުގެ މައްޗަށް ބަރޯސާވާން މަޖުބޫރު ވެފައި އޮންނަ އޮތުމުގެ ނަތީޖާއެއްގެ ގޮތުން ދަމަހައްޓަން ޖެހިފައިވާ ސިޔާސީ އަދި އިގްތިސާދީ ގުޅުންތަކެވެ.

ރައީސް ސާލިހު ޔޫއެންގެ ސެކެޓްރީޖެނެރަލްއާއި ބައްދަލު ކުރައްވަނީ
އެހެންނަމަވެސް މިބީދައިން އުފެދިފައި އޮންނަ ޚާރިޖީ ގުޅުންތައް ވަކި ހަމަތަކެއްގައި ހިފެހެއްޓުމަށް ގައުމުތަކުން މަސައްކަތް ކުރި ނަމަވެސް، ވަކީން ޚާއްސަކޮށް އަސްކަރީ ގޮތުންނާއި އިގްތިސާދީގޮތުން "ބާރު ދެރަ" ގައުމުތަކުގެ ޚާރިޖީ ސިޔާސަތުގެ އަމާޒު މީޒާން ކޮށްފައި އޮންނާން ޖެހޭނީ މައިގަޑު 2 އަސާސެއްގެ މައްޗަށް ކަމުގައި ދަންނަވާން ޖެހެއެވެ. އެއީ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމާއި މާލީ އަދި އިގްތިސާދީ ނަފާވެރިކަން ކަށަވަރު ކުރުމުގެ މައްޗަށެވެ.
ޒަމާނީ ޑިމޮކްރަސީގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އަމާޒު ހިފާފައި އޮންނަމުން ދަނީވެސް މި އަމާޒުގެ މައްޗަށް ކަމަށްވާއިރު، އެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީއާއި ނާކާމިޔާބީ ވަޒަންކުރާންޖެހެނީ މި ދެ އަސާސް ފުރިހަމައަށް ރައްކާތެރިކުރެވޭ މިންވަރެއްގެ މައްޗަށެވެ. އެއީ ރާއްޖޭގެ މިނިވަންކަން ގުރުބާން ވިޔަނުދީ، ރައްޔިތުންގެ "ބަނޑު ފުރާނަ މުއްތި ކުރުމާއި" ގައުމީ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ބައިނަލް އަގުވާމީ މަސްރަހުން ކަށަވަރު ކުރުގެ މައްޗަށެވެ.
ދެ ނަޒަރިއްޔާތުގެ މައްޗަށް ބަރޯސާވާ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީއާއި ނާކާމިޔާބީ!
އެއްވެސް ޝައްކެއް ނެތް ގޮތުގައި އަދުގެ ދުނިޔޭގައި ދިވެހިރާއްޖެފަދަ ގައުމެއްގެ މިނިވަންކަން ގެއްލިގެންދާނީ ޚާރިޖީ ސިޔާސަތު ފެއިލް ވެގެންނެވެ. އޭގެ މާނައަކީ، އެއްވެސް ހުއްޖަތެއް ގާއިމް ނުކޮށް، ނުވަތަ އެއްވެސް ސަބަބެއް ދެއްކުމަކާ ނުލާ، މިރާއްޖެއަށް އަދުގެ ދުނިޔޭގައި އެއްވެސް ގައުމަކުން އަތްގަދަ ކުރުމަށް މަސައްކަތް ނުކުރާނެތީއެވެ. އަމުދުން ހަތިޔާރުގެ ބޭނުންކޮށްގެން މިރާއްޖެ ހިފުމަށް އެއްވެސް ގައުމަކުން މަސައްކަތެއް ކޮށްފާނެފަދަ ހާލަތެއް މެދުވެރިވެދިއުމުގެ އެއް އަސްލަކަށް ވެގެންދާނީ ރާއްޖެއިން ތަންފީކުރާ ޚާރިޖީ ސިޔާސަތެވެ. އެ ސިޔާސަތު ފެއިލްވެގެން ދިއުމެވެ. އެއީ އެއްގައުމެއްގެ އުނގަށްވެއްޓި އަނެއް ގައުމަކާ ހަތުރުވެރި ވެގަތުން، ނުވަތަ ދޭދޭ ގައުމުގެތަކުގެ ޑިމާންޑުތަކާއި އިންޓަރެސްޓަށް، އިސްތިރާޖީ ވިސްނުމަކުން ނުވިސްނާ ހަރުކަށިކަމާއި މުރަނަކަން ދެއްކުންފަދަ، ތަންފީޒުކުރެވޭ ޚާރިޖީ ސިޔާސަތެއްގެ ނަތީޖާއެއްގެ ގޮތުންނެވެ.
އަދި ހަތިޔާރުގެ ބޭނުންކޮށް ރާއްޖެފަދަ ކުޑަ ގައުމެއް ހިފުން އެއީ ނާދިރު ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކަށް ދެކެވުނު ނަމަވެސް، ބައެއް ގައުމުތަކަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ރާއްޖެއަށް ދަތިކޮށް، އިގްތިސާދީގޮތުން ރާއްޖެ އެކަހެރި ކޮށްލުމުގެ ގާބިލްކަން ހުރި ގައުމުތައްކަމަށް ވާއިރު، އެބީދައިން ރާއްޖެއަށް ތަދުމަޑުކަމެއް އަތުވެއްޖެނަމަ އެއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަރާނެ ވަރަށްވެސް ބޮޑު ލޮޅުމަކަށް މެނުވީ ނުވާނެއެވެ. މިފަދަ ލޮޅުންތަކުގެ އިހުސާސް ރައީސް ޔާމިންގެ ވެރިކަމުގައި ދިވެހިރާއްޖެއަށް ކުރަން ޖެހުނެވެ. އިންޑިއާއާއި ގުޅުން ގޯސްވެ، ސިއްޙި އެހީތެރިކަމާއި، އަސާސީ ބައެއް މުދާ އިންޑިއާއިން ހޯދުމުގައި ކުރިމަތިވާންފެށި ހުރަސްތަކަކީ މިފަދަ ބައެއް ލޮޅުންތަކުގެ ނަތީޖާކަމުގައި ދަންނަވާން ޖެހެއެވެ. ޚާރިޖީ ސިޔާސަތު މުރަނަވެ، ދޭދޭ ގައުމުތަކާއެކު ބާއްވާންޖެހޭ ގުޅުންތަކުގެ ތިލަފަތުގެ ހަމަކަން ގެއްލިގެން ދިއުމުގެ ނަތީޖާއެވެ.

2016 ވަނަ އަހަރު ރައީސް ޔާމިން އިންޑިއާގެ ބޮޑުވަޒީރު މޯޑީއާއި ބައްދަލު ކުރައްވަނީ
އެހެންނަމަވެސް ރައީސް ސާލިހުގެ ވެރިކަމުގައި ފެނިގެންދިޔައީ ޚާރިޖީ ސިޔާސަތުގެ އަމާޒު މީޒާންކޮށް، އިންޑިއާއެކު ބޭއްވި ގުޅުންތައް "އިންޑިއާ ފަސްޓް ޕޮލިސީ"ގެ ގޮތުގައި މޭރުން ކުރެވިގެންދިޔަ ނަމަވެސް ޗައިނާއާއެކުވެސް ރަގަޅު ޚާރިޖީ ގުޅުންތަކެއް ދެމެހެއްޓި ތަނެވެ. އަދި އެ ސިޔާސަތުގެ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރާންޖެހެނީ ރައީސް ސާލިހުގެ ވެރިކަމުގައި ތަންފީޒުކުރި އިންޑިއާއަށް "ބަރޯސާވި" ޚާރިޖީ ސިޔާސަތުގެ ތެރެއިން ތަރައްގީގެ (ބަޖެޓް ސަޕޯޓަށް އިންޑިއާއިން ދިން އެހީތެރިކަމުގެ އިތުރުން، ވިލިމާލެ ބުރިޖާއި ހައުސިން މަޝްރޫޢުތަކާއި މަގުހެދުން ފަދަ) މެގަ ޕްރޮޖެތްތައް ޔަގީންކޮށް، ގައުމުގެ މިނިވަންކަން ގުރުބާން ނުކޮށް އިގްތިސާދީ އެހީތެރިކަން އެސަރުކާރުން ކަށަވަރު ކުރި ކުރުމެވެ.
އާދޭހެވެ! ދެން އޮތީ މިސަރުކާރުގެ ޚަރިޖީ ސިޔާސަތުގެ ކާމިޔާބީއާއި ނާކާމިޔާބީގެ ވާހަކައެވެ. ރައީސް މުއިއްޒުގެ ވެރިކަން ފެށިގެން އައީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިއިން ޒަމާނަކު ދެކެފައި ނުވާފަދަ ފުން ވަޅުގަޑަކަށް ވެއްޓިގެން ދިޔަ މަންޒަރުތައް ތަސްވީރު ކޮށްދެމުންނެވެ. ވެރިކަމަށް ވަޑައިގެންނެވުމާއެކު، ރަގަޅަށް ސިޔާސަތު ރާއްވަވާ ނުލެއްވެނީސް، އިންޑިއާ ޗައިނާގެ ވާދަވެރިކަން ރަގަޅަށް ވަޒަން ނުކުރައްވާ، ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ރައީސް މުއިއްޒު ކުރެއްވީއެވެ. ވެރިކަމުގެ ކުރީކޮޅު ޗައިނާއިން ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓްތަކާއި އަދި ބަޖެޓް ސަޕޯޓަށް ބޭނުންވާ އެހީތެރިކަން ކަށަވަރު ކުރެއްވުމުގެ ބޭނުންފުޅުގައިކަމަށް ވެދާނެއެވެ. އެހެންނަމަވެސް މިއަދާއިހަމައަށް އައިރިއުވެސް އެބީދައިން މިވެރިކަމުގައި ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ މަންޒަރު އަދި ފެންނަމުން ނުދާކަމުގައި ދަންނަވާން ޖެހެއެވެ. އެއާއެކު، އިންޑިއާއަކީ ގަނާކުރާ ގައުމެއްކަމުގައި ސީދާ ރައީސް މުއިއްޒު ވިދާޅުވި ވިދާޅުވުމުން ފެށިގެން، މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާ ސަރުކާރުގެ ވެރީންނަށް ފާޑު ވިދާޅުވި ހިސާބުން އުފެދުނު ނުތަނަވަސްވުންތަކުން، ރާއްޖެއާއި އިންޑިއާއި ހަނގުރާމަ އިއުލާންކުރިކަމަށް ދޭހަވާފަދަ ޚާރިޖީ ސިޔާސަތެއް ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅުގައި ވަނީ ތަމްސީލުވެގެން ގޮސްފައެވެ.
އެއަށްފަހު ތުރުކީއަށް ފުރަމާނަ ދަތުރުޅެއް ރައީސް މުއިއްޒު ކުރެއްވިއެވެ. ސައުދީ އަރަބިއާފަދަ އިސްލާމީ ދުނިޔޭގައި ނުފޫޒުގަދަ ބަސްވިކޭ ގައުމުތަކުން، ވެރިކަމެއް ފެށިގެންދާއިރު ސިޔާސަތު އެތުރެމުންދާ ގޮތް ބަލަން އޮންނާނޭކަން މިސަރުކާރަށް އޭރު ރަގަޅަށް ވަޒަން ކުރެވުނުކަމުގައި މިއަދު ދަންނަވާން ދައްޗެވެ. މިއަދާއި ހަމައަށް އައިއިރުވެސް، ރާއްޖެއަށް ލިބޭނަކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި އިގްތިސާދީ އެހީތެރިކަން ތުރުކީން ލިބުނު މަންޒަރު އަދި ފެންނާކަށް ނެތެވެ. އަދި ސައުދީ އަރަބިއާއާއެކީ އޭގެ ކުރީ ސަރުކާރުތަކުން ދަމަހައްޓަމުން އައި ގާތް ގުޅުން މިސަރުކާރާ އެކީ އެ ބީދައިން ދަމަހައްޓަމުންދާ މަންޒަރު ތަމްސީލު ވަމުންނެއް ނުދެއެވެ.
އެހެންނަމަވެސް މި ހަގީގަތްތައް މިގޮތުގައި ހުރިހަނަމަވެސް، ރައީސް މުއިއްޒުގެ ވެރިކަމުގެ ޚާރިޖީ ސިޔާސަތުގެ އަލުން އަތުރާ، ދޭދޭ ބައެއް ގައުމުތަކާއެކީ ބާއްވަމުން އަންނަ ޚާރިޖީ ގުޅުންތަކުގެ މިސްރާބު އަލުން ހޭރިޔާކޮށްފައިވާތަން ދަނީ ފެންނަމުންނެވެ. ނަތީޖާއެއްގެ ގޮތުން އިންޑިއާއެކު އުފެދިފަ އޮތް ނުތަނަވަސްކަން ރަގަޅުވެއްޖެއެވެ. އިންޑިއާއިން ދަނީ ރާއްޖެއަށް "މެދު މިނުގެ" މަލީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު އެންމެ ފަހުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ކުރިން ދެގައުމުގެ ދެމެދުގައި ސޮއި ކޮށްފައިވާ 800 މިލިއަން ޑޮލަރުގެ އެލްއޯސީގެ ބަދަލުގައި 565 މިލިއަން ޑޮލަރުގެ އެލްއޯސީއެއްގައި ސޮއި ކޮށްފައެވެ. އެހެންނަމަވެސް ފާހަގަ ކޮށްލާން ޖެހޭ ނުކުތާއަކީ މިއީ 800 މިލިއަން ޑޮލަރުގެ އެލްއޯސީން ބޭނުން ނުކުރެވި ހުރި 340 މިލިއަން ޑޮލަރު ހިމަނައިގެން، ޔޫއެސް ޑޮލަރުގެ ބަދަލުގައި އިންޑިއަން ރުޕީސްއިން އަނބުރާ ދައްކާގޮތަށް ފަރުމާ ކޮށްފައިވާ އެއްބަސް ވުމެއް ކަމެވެ. ނަތީޖާއަކީ ރައީސް ސާލިހުގެ ސަރުކާރުގައި އިންޑިއާއިން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ބަދަލުގައި މިސަރުކާރަށް އިންޑިއާއިން ދިން އަދަދު ލައިން އޮފް ކްރެޑިޓްގެ އަދަދު ހުރީ 225 މިލިއަން ޑޮލަރުގައެވެ. އެހެންނަމަވެސް އަލަށް އެކުލަވާލެވުނު މި އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއިން އިންޑިއާއަށް އަހަރަކު އަނބުރާ ދައްކާޖެހޭ ރީޕޭމަންޓުގެ މިންވަރު 51 މިލިއަން ޑޮލަރުން 29 މިލިއަން ޑޮލަރަށް ދަށްވެގެން ގޮސްފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އެހެންނަމަވެސް، އިންޑިއާއެކު މިސަރުކާރުން ދަމަހައްޓަމުން އައި ޚާރިޖީ ގުޅުން އަލުން ހޭރިޔާ ކުރެވިގެން ދިޔައިރު، ރައީސް ޔާމިންގެ ސަރުކާރުން ޗައިނާއާއެކު ދެމެހެއްޓި ތަރައްގީއަށް ބަރޯސާވި ޚާރިޖީ ގުޅުން މިސަރުކާރަށް އަނބުރާ އިޢާދަ ކުރެވުނު މަންޒަރު މިހާތަނަށް ފެނިގެން ގޮސްފައެއް ނުވެއެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި މިހާތަނަށް ޗައިނާއިން ރާއްޖޭގައި މެގަ އެއްވެސް ޕްރޮޖެކްޓެއް އަލަށް ފަށާފައި ނުވާއިރު، ޕައިޕްލައިންގައި ހުރި މަޝްރޫޢުތައްވެސް ކުރިޔަށްދާތަން ފެންނަމުން ދަނީ ފިނިހަނކަ ދުވެލީގައެވެ. ޗައިނާ ސަރުކާރުގެ އެހީގައި ކުރިގެންދިއުމަށް އިއުލާން ކޮށްފައިވާ މާލެ ވިލިމާލެގެ މަގުހެދުމުގެ މަޝްރޫއަކީ މިކަމުގެ ހެއްކެއްގެ ގޮތުގައި ފެންނާން އޮތްނަމަވެސް، ޗައިނާއާއެކުވެސް ރާއްޖެއިން ރަގަޅު ގުޅުމެއް ދަނީ ދަމަހައްޓަމުންނެވެ. އެހެންނަމަވެސް އެ "ރަގަޅު" ގުޅުމަކީ މި ސަރުކާރުން ޗައިނާއާއެކު ދަމަހައްޓާނެކަމަށް ގިނަބަޔަކު އުއްމީދު ކުރި ގުޅުމެއް ނޫނެވެ.

މި ސަރުކާރުގެ ފުރަތަމަ ޚާރިޖީ ވަޒީރު މޫސާ ޒަމީރު
އާދޭހެވެ! ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގުރުބާން ވެދިއުމުގެ ނުރައްކާ އޭގެ ޒާތުގައި ޚާރިޖީ ގުޅުންތަކުގެ ތެރެއިން މިއަދު ފެންނާކަށް ނެތެވެ. އެހެންނަމަވެސް، އިންޑިއާއި ޗައިނާގެ ސަރަހައްދީ ވާދަވެރިކަމުގައި ރާއްޖެއިން މި ދެގައުމާއެކު ދަމަހައްޓަމުންދާ ގުޅުމުގެ ތެރެއިން ރާއްޖޭގެ ތަރައްގީއަށް "ބޮޑެތި" އެހީތެރިކަމެއް ދެގައުމުން ކުރެ ގައުމަކުން ކަށަވަރު ނުކުރެވޭހާ ހިނދަކު، ދަމަހައްޓަމުންދަނީ ކާމިޔާބު ޚާރިޖީ ސިޔާސަތެއް ގޮތުގައި މޭރުން ކުރުމުގެ ފުރުސަތު ކުޑައެވެ. އަދި އެގައުމުތަކުން ރާއްޖެއާއެކު ބާއްވަން ބޭނުންވާ ޚާރިޖީ ގުޅުން މޭރުން ކުރާންޖެހޭ ގޮތްވެސް މެއެވެ. އަދި، މިސަރުކާރުން ތަންފީޒުކުރަމުންދާ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީއާއި ނާކާމިޔާބީ އިގްތިސާދީ ނަޒަރިއްޔާތުން ވަޒަންކުރާއިރު، ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ނަތީޖާ ރަގަޅުކަމުގައި ދަންނަވާން ދަތިވާ ސަބަބަކީ އެއީއެވެ.
ޗައިނާގެ އެހީތެރިކަމުގައި ކުރިޔަށް ގެންދާނެކަމަށް ސަރުކާރުން އިއުލާން ކޮށްފައިވާ މެގަ ޕްރޮޖެކްޓެއް ފެންނާން ނެތްއިރު، އެގައުމުން އެހީތެރިކަން ފޯރުކޮށްދީގެން ކުރިޔަށް ގެންދާނެކަމަށް އިއުލާންކޮށްފައިވާ އެހެނިހެން މަޝްރޫއުތައްވެސް ކުރިޔަށްދާ މަންޒަރު ފެންނަމުންދަނީ މަޑު ދުވެލީގައެވެ. އިންޑިއާއިން ބަޖެޓް ސަޕޯޓަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ލޯނު ދެއްކުން ފަސްކުރަމުން ދިޔަނަމަވެސް، އާ އެއްވެސް "މެގަ" މަޝްރޫއެއް ފާއިތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އިއުލާން ކޮށްފައެއް ނުވެއެވެ. ކުރިޔަށް ދަނީ އިންޑިއާއިން ކުރިއްސުރެ ފަންޑު ކުރަމުންދާ މަޝްރޫޢު ތަކެވެ.
އެއްވެސް ޝައްކެއް ނެތެވެ. މި ސަރުކާރަށް ދެ އަހަރު ފުރި، ދައުރު ދެބައިވުމާ ހަމައަށް މިވަނީ ދަތުރު ކޮށްފައެވެ. ދައުރުގެ ބާކީ ދެން އޮތީ ދެ އަހަރާއި ފޮއި ދުވަހެވެ. އެ މުއްދަތުގައި މާލީ އެހީތެރިކަން ކަށަވަރުކޮށް، އާ ބިޔަ މަޝްރޫއެއް ވުޖޫދުކޮށް އަމަލީގޮތުން ފެށިދާނެތޯ މިއީ ކޮށްލުން އައުލާވެގެންވާ ސުވާލެކެވެ. ބޭރު ގައުމުތަކުގެ މާލީ އެހީތެރިކަން ކަށަވަރު ނުކުރެވި، ދައުލަތުގެ މާލިއްޔަތުންނާއި ކުންފުނިތަކުގެ މާލިއްޔަތުން ބިޔަ ބޮޑު މަޝްރޫއުތަކަށް ޚަރަދު ކުރަމުންދާނަމަ އޭގެ ނޭދެވޭ އަސަރު ގައުމުގެ އިގްތިސާދުން ދާނީ ފެންނަމުންނެވެ. އަދި އެއީ، ދިވެހިރާއްޖެފަދަ ޟައީފް އިގްތިސާދެއް އޮތް ގައުމަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދެވިދާނެ ސިޔާސަތެއްވެސް ނުމެ ނޫންމެއެވެ.
އެގޮތުން ރާއްޖޭގެ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކުގެ ދުވެލި ބާރުކޮށް ކުރިޔަށް ގެންދާން ބޭނުންނަމަ ދޭދޭ ގައުމުތަކުގެ އެހީތެރިކަން ކަށަވަރު ކޮށްގެން މެނުވީ މިސަރުކާރުކަށްވެސް ކާމިޔާބީއާއި ހަމައަށް ވާސިލެއް ނުވެވޭނެއެވެ. އެއީ މިސަރުކާރުގެ ޚާރިޖިއްޔާއިން ކުރަމުންދާ ދަތުރުގައި އަދި ހާސިލްވަމުންދާ ކާމިޔާބީތަކެއް ކަމުގައި ދަންނަވާން ދައްޗެވެ.