ދިވެހިރާއްޖެ ބަލައިގެންފައިވާ އާ ގާނޫނު އަސާސީން، ރާއްޖެއަށް އައި އެންމެ ބޮޑު ބަދަލަކީ ދިވެހި ރައްޔިތުންނަށް އެ ގާނޫނު އަސާސީގެ ޒަރީއާއިން އަސާސީ ހައްގުތައް ކަށަވަރު ވެގެން ދިޔަ ދިއުމެވެ. ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަށަވަރު ކޮށްދިނުމުގެ ގޮތުން، ފެހި ގާނޫނު އަސާސީގައި އަސާސީ ހައްގުތަކުގެ ގޮތުގައި ވަކި ޚާއްސަ ބާބެއްވެސް ހިމަނާފައި ވެއެވެ.
މިގޮތުން، ގާނޫނު އަސާސީގެ ދެ ވަނަ ބާބުގެ ގޮތުގައި ޚާއްސަވެފައި އޮތް، އަސާސީ ހައްގުތަކުގެ ބާބުންވެސް އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ މުހިންމު ތިން މާއްދާއެއް އެބައޮތެވެ. އެއީ ޖެހިޖެހިގެން އޮތް، ގާނޫނު އަސާސީގެ 27، 28 އަދި 29 ވަނަ މާއްދާއެވެ.
މި ތިން މާއްދާއަކީ، އެއް މާއްދާއަށް އަނެއް މާއްދާއިން ބާރު ލިބިދީ، ޚިޔާލު ފާޅުކުރުމާއި، މައުލޫމާތު ހޯދަ ލިބިގަތުމާއި އަދި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރު ކޮށްދިން ތިން މާއްދާއެވެ.
އެހެންކަމުން، ދިވެހިރާއްޖޭގައި މިއަދު، ނޫސް މީޑިއާތަކުގައި ބޭނުން ވާހަަކައެއް ލިޔެލެވި، ބޭނުން ޚިޔާލެއް ފާޅު ކޮށްލެވި، އަދި ބޭނުން މަޢުލޫމާތެއް ދައުލަތުގެ މުއައްސަސާތަކުން މަޖުބޫރުން ނަމަވެސް ހޯދައިގަތުމުގެ ފުރުސަތު ފެހި ގާނޫނު އަސާސީން ފޯރު ކޮށްދީފައިވަނީ ވަރަށްވެސް ފުރިހަމަކޮށް ކަމުގައި ދެންނެވިދާނެއެވެ.

ރައީސް މައުމޫން އާގާނޫނު އަސާސީ ތަސްދީގު ކުރައްވަނީ: އާގާނޫނު އަސާސީންވަނީ ގިނަގުނަ އަސާސީ ހައްގުތަކެއް ލިބިދީފައި
އެހެންނަމަވެސް، ގަބޫލު ކުރަންޖެހޭ ހަގީގަތަކީ، ގާނޫނު އަސާސީގެ ފަތްފުށްތަކުގައި، މި މިނިވަންކަމުގެ ވާހަކަތައް ނުހަނު ފުރިހަމަކަމާއެކު ލިޔެލެވިފައި ހުއްޓެއްކަމަކު، އިސްވެ ދެންނެވުނު އަސާސީ ހައްގުތަކުގެ ފޮނިމީރުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބިގެންދާނީ، ހައްގުތައް ފޯރުކޮށްދިނުމުގެ ޒިންމާ އުފުއްލަވައިގެން ތިއްބެވި ވެރީން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހައްގުތަށް ފޯރުކޮށްދިނުމަށް ފުރުސަތު ފަހިކޮށް ދިނުމުގެ އިތުރުން، އަސާސީ ހައްގުތަކުގެ ބޭނުން ކުރާ ފަރާތްތަކުން، ހައްގުތަކަށް ފުރިހަމައަށް އިހުތިރާމް ކޮށްގެން ކަމެވެ.
މިވެރިކަމުގެ އެންމެ ބޮޑު ބޮލުގެ ރިހުމަކަށް މީޑިއާ!
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަން ވުޖޫދުވެގެން އައުމަށްފަހުވެސް މިއަދާ ހަމައަށް ފެންނާން އޮތް އެންމެ ބޮޑު ހަގީގަތަކީ މި ސަރުކާރުގެ އެންމެ ބޮޑު ދުޝްމަނަކަށް ބައެއް މީޑިއާތައް ވެގެން ގޮސްފައިވާ ކަމެވެ.
އޭގެ ހެއްކަކީ ބައެއް މީޑިއާތަކުން ގެނެސްދޭ ރިޕޯޓުތަކާއި ޑޮކިއުމެންޓްރީ ތަކުގައި އެކުލެވޭ ސަރުކާރާ ދެކޮޅު ވާހަކަތަކާއި މައުލޫމާތުތަކުގެ ނަތީޖާއެއްގެ ގޮތުން ޖިނާއީ ތުހުމަތުތައް ކުރެެވި ބައެއް ނޫސްވެރިންނާ ދެކޮޅަށް ހިނގަމުންދާ ތަހުގީގުތަކެވެ.
އޭގެ އިތުރުން "ކޮންޓްރޯލް ބިލް"ގެ ނަމުގައި މަޝްހޫރުވެގެންދިޔަ މީޑިއާ ބިލާ ދެކޮޅަށް މީޑިއާތަކުން ކުރި އިހުތިޖާޖުގެ ތެރެއިން މި ހަގީގަތްތައް މާ ސާފުކޮށް ވަނީ ފާޅުވެގެން ގޮސްފައެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްވެރިންގެ ރުހުން ނެތި، ސަރުކާރުން ފަރުމާކުރި މި ބިލް ވެގެން ދިޔައީ މި ސަރުކާރާ މީޑިއާތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ޖާނަލިސްޓުންނާ ދެމެދު ޖެހިގެންދިޔަ ލަށްގަޑަކަށެވެ.
އެ އިހުތިޖާޖުތަކުގައި ހަމަނުޖެހުން ހިނގާ، ޖާނަލިސްޓުންނަށް އަނިޔާވެ، ހައްޔަރުވެސް ކޮށްފައި އެބަހުއްޓެވެ. ރައީސުލްޖުމްހޫރިއްޔާ މިބިލް ތަސްދީގު ކުރެއްވިއިރުވެސް ނޫސްވެރިން ތިބީ އިހުތިޖާޖުގައެވެ.
އެއަށްފަހު ބައެއް ނޫސް މީޑިއާތަކާ މި ސަރުކާރާ ދެމެދު އޮތް ބޮޑު މައްސަލައަށް ހައްލެއް ނުލިބި މިއަދު މިވަނީ، "އަދަދު" ނޫހުގެ އިދާރާ ފުލުހުން, ރެއިޑްކޮށް އެ ނޫހުގެ ބައެއް ވެރީންގެ މައްޗަށް ޖިނާއީ ތަހުގީގެއް ފެށިފައެވެ. އެ ނޫހުގެ ބައެއް ވެރީންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ. ރައީސް މުއިއްޒަށް ފާޑުކިޔާ ގެނެސްދިން ޑޮކިއުމެންޓްރީއެއްގެ މައްސަލަ ފުލުހުންގެ މުވައްސަސާއިން މިހާރުވަނީ ތަހުގީގުވެސް ކުރާން ފަށާފައެވެ.

އަދަދު ނޫހުގެ އޮފީސް ކުރިމަތީގައި ފުލުހުންތަކެއް: އެ އޮފީސް ބަލައި ފާސްކުރި މައްސަލައިގައި ޓްރާންސްޕޭރަންސީން ވަނީ ކަންބޮޑުވުންތަކެއް ފާޅުކޮށްފައި -- ސަން ފޮޓޯ/ އަހުމަދު އިޔާދު
ހަގީގީ މައްސަލައަކީ ކޮބާ؟
މިރާއްޖެ ޒަމާނީ ޑިމޮކްރަސީއަކަށް އަލި ވިލުމަށްފަހު އައި ހުރިހާ ވެރިކަމެއްގައި ވެސް، މީޑިއާތަކާއި ސަރުކާރާ ކުރިމަތިލުންތައް ހިގާފައި އެބަހުއްޓެވެ. އެކިފަހަރު އެކި މިންވަރަށެވެ.
ތެދުފުޅެކެވެ. މީޑިއާތަކުން ފާޑު ކިޔާނެއެވެ. އަދި ފާޑު ކިޔާންވެސް ވާނެއެވެ. އެހެންނަމަވެސް، މީޑިއާތަކުގައި ލިޔެވެންވާނީ ތެދު ވާހަކައެވެ. ކުރެވެން ވާނީ ސާބިތު ހިފޭ ތުހުމަތުތަކެވެ.
ހަމަ އެއާއެކު ގަބޫލުކުރާންޖެހޭ އަނެއް ހަގީގަތަކީ ލިޔެވޭ ވާހަކައަކީ އެއްބަޔަކު ނުރުހޭ ވާހަކައަށް ވެދާނޭ ކަމެވެ. ހަމަ އެ ވާހަކައަކީ އަނެއް ބަޔަކު ރުހޭ ވާހަކަޔަކަށްވެސް ވެދާނޭކަމެވެ. އެއީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އަ ހަގީގަތް އޮތް ގޮތެވެ.
އެހެންނަމަވެސް، މިރާއްޖެއަށް ކުރިމަތިވެފައި އޮތް ބޮޑު މައްސަލައެއް އެބައޮތެވެ. އިސްވެ ދެންނެވުނު ރަނގަޅާއި ނުރަނގަޅުގެ ދެމެދުގައި އޮންނާން ޖެހިފައިވާ ހައްލުގެ މައްސަލައެވެ. އެއީ މީޑިއާތައް ރެގިއުލޭޓް ކުރުމެވެ. ރެގިއުލޭޓް ކުރުމަށް އެކުލަވާލެވިފައި އަބަދުވެސް ހުންނަ މިންގަޑުތަކެވެ.
އެންމެ ފުރަތަމަ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މީޑިއާތަކަށް ޕޮއިންޓް ދީގެން ރެގިއުލޭޓް ކުރުމަށް އެކުލަވާލި އުސޫލެވެ. އެ އުސޫލަށްވެސް އޭރު މީޑިއާތަކުގެ ފާޑުކިއުން އަމާޒުވެގެން ދިޔައީ، މީޑިއާތަކުން ޑިމާންޑް ކުރަމުންއައި ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމަކަށް ނުގޮސް، އޭރުގެ ސަރުކާރުގެ ނުފޫޒުން މީޑިއާތައް ރެގިއުލޭޓް ކުރަން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
އެއަށްފަހު ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ވުޖޫދުކުރި އަބުރުގެ ބިލެވެ. ނޫސް މީޑިއާތަކާއި ނޫސްވެރިން އިހުތިޖާޖުގައި ތިއްބާ ތަސްދީގުކުރި މި ބިލްގެ ނަތީޖާ ވަރަށްވެސް ގޯހެވެ. އޭރުގެ ސަރުކާރާއި މީޑިއާތަކާ ދެމެދު، ދައުރު ނިމިގެންދިޔައިރުވެސް އޮތީ "ހަނގުރާމަ" އިއުލާން ކޮށްފައެވެ. އެ ސަރުކާރުންވެސް މީޑިއާތައް ރެގިއުލޭޓް ކުރުމަށް، ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމަކަށް ދާން ބޭނުން ނުވީއެވެ.
މިއީ މިއަދެވެ. މިސަރުކާރުން ވުޖޫދުކުރީ "ކޮންޓްރޯލް" ބިލްގެ ނަމުން މަޝްހޫރުވެފައިވާ މީޑިއާގެ ބިލެވެ. މިސަރުކާރުންވެސް، މީޑިއާ ރެގިއުލޭޓް ކުރުމަށްޓަކާ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ބަލައިގެންފައިވާ އުސޫލުތައް ބަލައިގަންނަން ބޭނުން ނުވީއެވެ. ބޭނުންވީ މީޑިއާތަކުގެ ކޮންޓްރޯލެވެ. އިސްކަންދިނީ މީޑިއާ ކޮމިޝަން އެކުލަވާލާ، ސަރުކާރުން ބޭނުންވާ ބަޔަކު އެ ކޮމިޝަންގައި ބޭތިއްބުމަށެވެ.
ނަތީޖާއަކީ ކޮބައިތޯއެވެ. މިހާރު އެކުލަވާލާފައިވާ މީޑިއާ ކޮމިޝަންގެ އެންގުންތައް އެއީ ސިޔާސީ ނިންމުންތަކުގެ ގޮތުގައި ސިފަ ކުރެވެނީއެވެ. އެއީ ރަނގަޅު ނިންމުމަކަށް ނުވަތަ ނުރަނގަޅު ނިންމުމަކަށްވިޔަސް ފަރުވާލެއް ނޯވެއެވެ. އެ ކޮމިޝަނަށް އިތުބާރެއް ނެތެވެ. ކޮމިޝަންގެ މެމްބަރުނަކީ ސިޔާސީ ނުފޫޒުގެ ދަށުވެފައިވާ، މިނިވަންކަމެއް ނެތް ބައެއްގެ ގޮތުގައި މޭރުން ކުރެވެނީއެވެ.

މީޑިއާ ކޮމިޝަނުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވަނީ: އެ ކޮމިޝަނުން ވަނީ ތިން ގަވާއިދެއް މިއަދު ގެޒެޓް ކޮށްފައި --- ފޮޓޯ/މީޑިއާ ކޮމިޝަން
ހަގީގީ ސަބަބަކީ ކޮބައިތޯއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް އަމަލު ކުރެވޭ އުސޫލު އެއްވެސް ސަރުކާރަކަށް ބަލައި ނުގަނެވުމެވެ. ނޫސްވެރިކަން ރެގިއުލޭޓް ކުރުން ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމަކަށް ދޫކޮށްލުމަށް ސަރުކާރުތަކުން ފަސްޖެހި، މީޑިއާތައް އެ ސަރުކާރެއްގެ މުށުތެރޭގައި ބޭއްވުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ޚުދު އެ ސަރުކާރުތަކުގެ ބޮލުގެ ރިހުމަކަށްވެގެން ނިމިދަނީއެވެ. މި ސަރުކާރަށްވެސް މިއަދު ކުރާންޖެހިފައިވާ ހަގީގީ ތަޖުރިބާއަކީ މިއީއެވެ.
ހައްލަކީ ނޫސް މީޑިއާތައް ޕްރޮފެޝަނަލްކޮށް ރެގިއުލޭޓް ކުރުމަށް ދޫކޮށްލުމެވެ. އެ ޖާގަ ދިނުމެވެ. މީޑިއާތަކުގައިވެސް ހަމަ ގަބޫލުކުރާ، "ރަނގަޅު" މީހުން ތިބޭނެކަމަށް ސަރުކާރުތަކުން ގަބޫލު ކުރައްވާން ވީއެވެ.
ހުރިހާ މީޑިއާއަކީއަކީ ނުވަތަ ހުރިހާ ނޫސްވެރިންނަކީ ދެކޮޅުވެރީންގެ ގޮތުގައި ނުވަތަ އިދިކޮޅު މީހުންގެ ގޮތުގައި ބަލައި ނުގަންނާން ވީއެވެ. މީޑިއާތަކުން މީޑިއާތަކަށް ފިޔަވަޅު އަޅާ، ރަސްމީ މުއައްސަސާތަކުގެ ދައުރުވެސް އެކުލެވިގެންވާގޮތަށް މީޑިއާތައް ރެގިއުލޭޓް ކުރުމަށް ދޫކޮށްލެވިގެން ނޫނީ، މީޑިއާތަކަކީ ސަރުކާރުތަކުގެ ބޮލުގެ ރިހުމަކަށް ވެގެންދާ ދިއުމަށް ހައްލެއް ނެތްކަމީ މާޒީވެދިޔަ 15 ވަރަކަށް އަހަރުގެ ތަޖުރިބާއިންވެސް ސާފުވާން އޮތް އެންމެ ބޮޑު ހަގީގަތެވެ.