ބައްސާމްގެ އެޕާޓްމެންޓް މައްސަލަ: އެފްއޭއެމްގެ އެއް މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ ބައި އިސްތިއުނާފުކޮށްފި

ބައްސާމް: ބައްސާމާއި އަމީން ކޮންސްޓްރަކްޝަނާ ދެމެދު ހިންގީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ނިންމި ނިންމުން އިސްތިއުނާފުކޮށްފައި -- ސަން ފޮޓޯ/ އަހްމަދު ސައީދު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރެއިން، އެއް މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ މުއާމަލާތަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. ޕީޖީ އޮފީހުން ބުނާ ގޮތުގައި، އެ މައްސަލަ ބެއްލެވި ފަނޑިޔާރު ހެކި ވަޒަންކުރެއްވީ ޤާނޫނީ ހަމަތަކާ ޚިލާފަށެވެ. އަދި ހެކިބަސް ނެގުމަށް އިންކާރުކޮށްފައިވަނީ ވެސް ގޯސްކޮށްކަމަށް އެ އޮފީހުން ފާހަގަކުރެއެވެ. މި އިސްތިއުނާފުގެ ސަބަބުން ބައްސާމްގެ މައްޗަށް މިހާރު ސާބިތުވެފައިވާ އެހެން ކުށްތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ޕީޖީން ބުނެއެވެ.

  • އެއް މިލިއަން ޑޮލަރުގެ މުއާމަލާތާ ގުޅޭ ނިންމުން ޕީޖީން އިސްތިއުނާފުކޮށްފި.
  • ހެކި ވަޒަންކުރުމުގައި ކްރިމިނަލް ކޯޓުން ޤާނޫނީ ހަމަތަކާ ޚިލާފުވެފައިވާ ކަމަށް ޕީޖީން ތުހުމަތުކުރޭ.
  • މައްސަލަ އަލުން ބެލުމަށްޓަކައި ހެކިންގެ ހެކިބަސް ނެގުމަށް ހައިކޯޓުގައި އެދިފައިވޭ.
  • މި އިސްތިއުނާފުން ބައްސާމްގެ މައްޗަށް މިހާރު ސާބިތުވެފައިވާ ޖަލު ހުކުމްތަކަށް އަސަރެއް ނުކުރާނެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަމީން ކޮންސްޓްރަކްޝަންގެ އެޕާޓްމެންޓް ގަތްއިރު ހަދައިފައިވާ އެއް މިލިއަން ޑޮލަރުގެ މުއާމަލާތަކީ، ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު އިސްތިއުނާފުކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ، ބައްސާމަށް މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅިއިރު، އެފްއޭއެމްގެ އެއް މިލިއަން ޑޮލަރުގެ ޗެކަކީ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު A1205 އަދި A1206 އެޕާޓްމަންޓް ގަތުމަށް ބޭނުންކުރި ފައިސާކަން ސާބިތުނުވާ ކަމަށް ކޯޓުން ނިންމި ކަމަށެވެ. އެ ފައިސާއަކީ އެފްއޭއެމާއި އަމީން ކޮންސްޓްރަކްޝަނާ ދެމެދު ކުރި ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމަށް ސާބިތުވާކަމަށް އެ ކޯޓުން ނިންމިކަން ޕީޖީ އޮފީހުން ފާހަގަކުރިއެވެ.

އެ އޮފީހުން ބުނީ، އެގޮތަށް މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައަޅުއްވާފައިވަނީ ގާނޫނީ ހަމަތަކާ ޚިލާފަށް ހެކި ވަޒަންކޮށްގެންކަމަށް އެ އޮފީހުން ދެކޭ ކަމަށެވެ. އަދި ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމަވާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އެ އޮފީހުން ދެކޭތީ، އެ ބައި ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް: ޕީޖީ އޮފީހުން ވަނީ ބައްސާމްގެ ޝަރީއަތުގައި ހިމެނޭ މައްސަލައެއް އިސްތިއުނާފުކޮށްފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އެ އޮފީހުން ހައިކޯޓުގައި އެދިފައިވާނީ، ދަޢުވާގެ އެ ބައި ސާބިތުކުރުމަށް ހުށަހެޅި އެންމެހައި ހެކިންގެ ހެކިބަސް ނަގައި، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކިތައް އަލުން ވަޒަން ކުރުމަށް ކަމަށް އެ އޮފީހުން ބުންޏެވެ. އަދި އެއް މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ މުޢާމަލާތަކީ މަނީ ލޯންޑްރިންގެ ޢަމަލެއްކަމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ފޮނުވުމަށް އެދިފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

https://www.sun.mv/218605

އެ އޮފީހުން ބުނީ، ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކަށް އެ އިސްތިއުނާފާ ގުޅިގެން އަސަރެއް ނުކުރާނެ ކަމަށެވެ. ސަބަބަކީ، ބައްސާމްގެ މައްޗަށް ސާބިތުވެފައިވާ ދަޢުވާގައި އެފްއޭއެމްގެ އެހެން ޗެކްތަކާއި ފައިސާ ހިމެނޭއިރު، އެ ފައިސާ ލޯންޑާކޮށްފައިވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް މި އިސްތިއުނާފުގައި ގޮތް ކަނޑައަޅަން އެދިފައިނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންނެވެ.

މި މަހުގެ ދެވަނަ ދުވަހު ޕީޖީ އޮފީހުން ވަނީ، އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ވެސް ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

އެފްއޭއެމްގެ ރައީސްކަމުގައި ހުރި ދުވަސްވަރު ހިންގިކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ ބައްސާމް ވަނީ ޖުމްލަ 32 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައެވެ.

https://www.sun.mv/219310

އޭނާއަށް އިއްވާފައިވަނީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއި ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ޚިޔާނާތްވި މައްސަލާގައި އިއްވި 23 އަހަރުގެ ޖަލު ހުކުމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ބައްސާމް ހެދި ސާޖަރީއަކަށްފަހު ޑޮކްޓަރުންގެ ލަފާގެ މަތިން އިއްޔެ އޭނާ ގޭ ބަންދަށް ބަދަލުކުރިއެވެ. އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އޭނާ ގެއަށް ބަދަލުކުރިތާ 24 ގަޑިއިރު ނުވަނީސް ވަނީ އަލުން ޖަލަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް