ގެއަށް ބަދަލުކުރިތާ 24 ގަޑިއިރު ނުވަނީސް ބައްސާމް އަނެއްކާ ވެސް ޖަލަށް

ބައްސާމް: --

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ސިއްހީ ސަބަބުތަކަކަށްޓަކައި ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރިތާ 24 ގަޑިއިރު ނުވަނީސް އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ ދައުވާތަކެއް ސާބިތުވެ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބައްސާމް ގޭ ބަންދަށް ބަދަލުކުރީ އޭނާ ކުރެއްވި ސާޖަރީއަކަށް ފަހު ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، ޖަލުގައި ބައްސާމަށް ބޭނުންވާ ސިއްހީ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހުމާއެކު އޭނާ އަނބުރާ ޖަލަށް ބަދަލުކުރީ ކަމަށެވެ. މި މައްސަލައާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ.

  • ބައްސާމް އަދީލް ޖަލަށްލާފައިވަނީ އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަތަކުގައެވެ.
  • ސާޖަރީއަކަށް ފަހު ޑޮކްޓަރުންގެ ލަފަޔާއެކު އޭނާ ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރިއެވެ.
  • ގޭ ބަންދަށް ބަދަލުކުރި ޚަބަރު ޢާންމުވުމާއެކު އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
  • ޖަލުގައި ހުރެގެން ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެހުމުން، 24 ގަޑިއިރު ހަމަނުވަނީސް އޭނާ އަނބުރާ ޖަލަށް ބަދަލުކުރިއެވެ.

ދިވެހިރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ހިންގިކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ ޖުމުލަ 32 އަހަރަށް ޖަލަށްލާފައި ހުރި ބައްސާމް އަދީލް ޖަލީލް ގޭ ބަންދަށް ބަދަލު ކުރުމަށް ފަހު މާ ގިނައިރު ތަކެއް ނުވަނީސް އަނެއްކާ ވެސް ޖަލު ބަންދަށް ބަދަލު ކޮށްފިއެވެ.

ކޮރަޕްޝަންގެ ހަތަރު ދައުވާއެއް ސާބިތުވެފައިވާ ބައްސާމް ގޭ ބަންދަށް ބަދަލު ކުރީ އިއްޔެ މެންދުރެވެ. އެ ޚަބަރު ރޭ ނޫސްތަކަށް އެރުމުން އާއްމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަޙްމަދު މިއަދު "ސަން" އަށް ވިދާޅުވީ ބައްސާމް އިއްޔެ, ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރީ އޭނާ ހެދި ސާޖަރީއަކަށްފަހު ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ. އެކަން ކުރީ ކަރެކްޝަނުން އެފަދަ ހާލަތުގައި އަމަލު ކުރަން އޮންނަ ގަވާއިދާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

https://www.sun.mv/219297

އަދި މިހާރު ޖަލުގައި ބަހައްޓައިގެން ސާޖަރީ އަށްފަހު ދޭ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހުމުން ބައްސާމް ވަނީ ޖަލަށް ބަދަލުކޮށްފައި ކަމަށް ޔުސްރީން ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސްކަމުގައި ހުރިއިރު އެ އެސޯސިއޭޝަނަށް ލިބުނު ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވީކަމުގެ ތުހުމަތު ބައްސާމަށް ވަނީ އަމާޒުވެފައެވެ. އެ ފައިސާއިން އޭނާ ހުޅުމާލެއިން އެޕާޓްމަންޓެއް ވެސް ގަނެފައިވާ ކަމަށް ދައުލަތުން އުފުލި ދައުވާތަކުގައި ވެއެވެ.

ބައްސާމަށް އިއްވާފައިވަނީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއި ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްވި މައްސަލާގައި އިއްވި 23 އަހަރުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް