މެދުއިރުމަތި: ހަނގުރާމައިގެ ސަބަބުން ކެންސަރު ބޭސް ފޯރުކޮށްދިނުމަށް ހުރަސްއެޅިއްޖެ

--

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ގަލްފުގެ ގައުމުތަކަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެއްޖެއެވެ.

ޚާއްސަކޮށް ކެންސަރު ބައްޔަށް ދޭ ފަރުވާއާއި، ވަކި ފިނިމިނެއްގައި ރައްކާތެރިކޮށްގެން އުފުލަންޖެހޭ (ކޯލްޑް-ޗޭން) ބޭސްތައް ސަޕްލައިކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައި ކަމަށް ރޮއިޓާސްއިން ބުނެއެވެ.

މީގެ ދެ ހަފްތާ ކުރިން އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާއި، އޭގެ ރައްދުގައި އީރާނުން ދެމުންދާ ހަމަލާތަކާ ގުޅިގެން، ވައިގެ މަގުން މުދާ އުފުލާ މައި ހަބުތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މީގެ ސަބަބުން ބޭސް އުފައްދާ ކުންފުނިތަކަށް މަޖުބޫރުވެފައިވަނީ، ފްލައިޓުތަކުގެ މިސްރާބު ބަދަލުކޮށް، އެއްގަމު މަގުން ގަލްފުގެ ސަރަޙައްދަށް ބޭސް އެތެރެކުރެވޭނެ ގޮތްތައް ހޯދުމަށެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވަނީ މިކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ބޭސް ލިބުމުގައި ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ކާބޯތަކެއްޗާއި ތެލުގެ ސަޕްލައިއަށްވެސް މި ހަމަނުޖެހުންތަކުގެ ސަބަބުން ދަނީ ބުރޫއަރަމުންނެވެ.

އީރާނުގެ ހަމަލާތަކާ ގުޅިގެން، ސަރަޙައްދުގެ އެންމެ ބޮޑު ތިން ވައިގެ ބަނދަރު ކަމަށްވާ ދުބާއީ، އަބޫދާބީ އަދި ދޯހާގެ އެއާޕޯޓުތައް ވަނީ ބަންދުކޮށްފައެވެ. މިއީ ޔޫރަޕާއި އޭޝިއާ އަދި އެފްރިކާ ގުޅުވައިދޭ މައިގަނޑު ކާގޯ ހަބުތަކެވެ. އެމިރޭޓްސް އަދި އިއްތިހާދު ފަދަ އެއަރލައިންތަކާއި، ޑީއެޗްއެލް ފަދަ ލޮޖިސްޓިކްސް ކުންފުނިތަކުން އާންމުކޮށް އުފުލަނީ ވަކި ފިނިމިނެއްގައި ބަހައްޓަންޖެހޭ ނާޒުކު ބޭސްތަކެވެ.

އެންޓްވާޕް މެނޭޖްމަންޓް ސްކޫލްގެ ޕްރޮފެސަރެއް ކަމަށްވާ ވައުޓާ ޑިވުލްފް ހާމަކުރެއްވި ގޮތުގައި، ދުނިޔޭގެ ވައިގެ ކާގޯގެ 20 އިންސައްތައަށްވުރެ ބޮޑު ބަޔަކަށް މެދުއިރުމަތީގެ މި ހަމަނުޖެހުންތަކުގެ އަސަރު ފޯރާނެއެވެ. މީގެ ތެރޭގައި ގިނައީ ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރާ ބޭހާއި ވެކްސިނެވެ.

ކުއްލިއަކަށް ފްލައިޓުތައް ކެންސަލްވުމާއި ރޫޓު ބަދަލުކުރަން ޖެހުމުގެ ސަބަބުން، ކޯލްޑް-ޗޭން ނިޒާމު ފުރިހަމައަށް ދެމެހެއްޓުމަށް ވަނީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައެވެ.

ބައެއް ބޭސްތަކަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ބޭނުންކުރަންޖެހޭ (ޝެލްފް ލައިފް ކުރު) އެއްޗިއްސަށް ވުމުން، ދަތުރު ދިގުލައިގެން ދިއުމަކީ ބޭހުގެ ކޮލިޓީއަށް އަސަރުކުރާނެ ކަމެކެވެ. މީގެ އިތުރުން، އައު ކޯލްޑް-ޗޭން ކޮރިޑޯތަކެއް ރޭގަނޑެއްގެ ތެރޭގައި ގާއިމުނުކުރެވޭނެކަން ވެސް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ހުޅަނގުގެ ބޮޑެތި ބޭސް އުފައްދާ ކުންފުނިތަކުން ދަނީ ގަލްފަށް ބޭސް އެތެރެކުރާނެ އައު މަގުތައް ހޯދަމުންނެވެ. މިގޮތުން ސައުދީ އަރަބިއްޔާގެ ޖިއްދާ އަދި ރިޔާޟްގެ ވައިގެ ބަނދަރުތަކަށް ބޭސް އެތެރެކުރުމަށްފަހު، އެއްގަމު މަގުން ޓްރަކްތަކުގައި ގަލްފުގެ އެހެން ގައުމުތަކަށް ބޭސް އުފުލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން ތުރުކީގެ އިސްތަންބޫލް އަދި އޮމާން މެދުވެރިކޮށްވެސް ބައެއް ކުންފުނިތަކުން ދަނީ މުދާ އެތެރެކުރަމުންނެވެ.

ކިއުނޭ+ނާގަލް ކުންފުނީގެ ހެލްތުކެއާ ލޮޖިސްޓިކްސްއާ ހަވާލުވެހުންނެވި ޑޮރޮތީ ބެކާ ވިދާޅުވި ގޮތުގައި، އެ ކުންފުނިން މިހާރު ދަނީ ޖިއްދާއާއި ރިޔާޟް އަދި އޮމާނަށް ފްލައިޓުތައް އޮޕަރޭޓުކޮށް، އެތަންތަނުން އެއްގަމު މަގުން ބޭސް ފޯރުކޮށްދެމުންނެވެ.

ބޭސް އުފައްދާ ކުންފުންޏެއްގެ އިސްވެރިޔަކު ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި، ބަލިމީހުންނަށް އެންމެ މުހިންމުވާ ކެންސަރު ބޭސް ފަދަ ތަކެތި ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމަށްޓަކައި ކުންފުނިތަކުގެ އެތެރޭގައި ޚާއްސަ ޓީމުތަކެއް ވަނީ އެކުލަވާލާފައެވެ. ނަމަވެސް، ފިނިކޮށް ބަހައްޓަންޖެހޭ ބޭސްތައް އެއްގަމު މަގުން ދިގު ދަތުރުތަކުގައި އުފުލުމަކީ ފަސޭހަ ކަމަކަށް ނުވާތީ، ކަނޑުމަގުން މުދާ ގެނައުމަށްވެސް ބައެއް ފަރާތްތަކުން ދަނީ ވިސްނަމުންނެވެ. އެހެންނަމަވެސް، އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމާއި، ކަނޑުމަގުން ކުރާ ދަތުރުތައް ދިގުވުމުގެ ސަބަބުން އެއީވެސް މިވަގުތަށް އެންމެ އެކަށީގެންވާ ހައްލެއް ނޫނެވެ.

މިވަގުތު ގަލްފުގެ ގައުމުތަކުގައި ބޭހުގެ ބޮޑު ތަދުމަޑުކަމެއް ފެންނަން ނެތް ނަމަވެސް، ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ ހާލަތު ގޯސްވުމަކީ ވަރަށް ގާތް ކަމެއް ކަމަށް ސިނާއަތުގެ ތަޖުރިބާކާރުން އިންޒާރުދެއެވެ. ގަލްފުގެ ގައުމުތަކަކީ ބޭހުގެ ބޮޑު އިންސައްތައެއް އިމްޕޯޓަށް ބަރޯސާވާ ގައުމުތަކަކަށް ވާއިރު، ހޮސްޕިޓަލްތަކުގެ ސްޓޮކްތައް ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭގައި ހުސްވުމުގެ ބިރު އެބައޮތެވެ.

މޫޑީސް އެޖެންސީގެ ޑޭވިޑް ވީކްސް ފާހަގަކުރެއްވި ގޮތުގައި، މައްސަލައަކީ ހަމައެކަނި ބޭސް ހުސްވުމެއް ނޫނެވެ. ބޭސް ބަންދުކުރާ ފުޅީގެ މަތިގަނޑާއި، އައިވީ ކޮތަޅު ފަދަ ތަކެތި ސަޕްލައިކުރުމަށް ހުރަސްއެޅިފައިވުމުން ވެސް މުޅި ސިއްހީ ނިޒާމަށް އޭގެ ނޭދެވޭ އަސަރު ކުރާނެއެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު މަސައްކަތްކުރަމުން ދަނީ، މިހާރު ދަތުރުމަތީގައި ހުރި ބޭސްތައް ރައްކާތެރިކަމާއެކު މަންޒިލާ ހަމައަށް ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

comment ކޮމެންޓް