އިންތިޚާބު ގާތްވެފައިވާއިރު، ކައުންސިލްތަކަށް ދޫކުރި ފައިސާއަށް 18 ޕަސެންޓްގެ އިތުރުވުމެއް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: އިންތިޚާބު ގާތްވެފައިވާއިރު، ކައުންސިލްތަކަށް ދޫކުރި ފައިސާވަނީ 18 ޕަސެންޓް އިތުރުވެފައި --- ފޮޓޯ: މަޖިލިސް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކައިރިވެފައިވަނިކޮށް، މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ކައުންސިލްތަކަށް ދޫކުރި ފައިސާގެ އަދަދު ވަނީ 18.1 ޕަސެންޓް އިތުރުވެފައެވެ. މިދިޔަ އަހަރުގެ މާރިޗް މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް 357.9 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މި އަހަރު އެ އަދަދު 422.7 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. ސަރުކާރުން ބްލޮކް ގްރާންޓްގެ ގޮތުގައި ފައިސާ ދޫކުރަނީ ކައުންސިލްތަކުގެ ތަރައްގީއަށާއި މުނިސިޕަލް ޚިދުމަތްތަކަށެވެ. ނަމަވެސް، ކައުންސިލްތަކުން ފައިސާ ބޭނުންކުރާ ގޮތާމެދު ސަރުކާރުން ކަންބޮޑުވުން ފާޅުކޮށް، ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރަމުން ދެއެވެ.

  • މި އަހަރުގެ ފުރަތަމަ ދެ މަހު ކައުންސިލްތަކަށް 422.7 މިލިއަން ރުފިޔާ ދޫކޮށްފައިވޭ
  • މިދިޔަ އަހަރާ އަޅައިބަލާއިރު ފައިސާ ދޫކުރި މިންވަރު 18.1 ޕަސެންޓް އިތުރުވެފައިވޭ
  • ކައުންސިލްތަކުގެ ޚަރަދުތަކާއި ފައިސާ ބޭނުންކުރާ ގޮތާމެދު ސަރުކާރުން ފާޑުކިޔުންތައް އަމާޒުކޮށްފައިވޭ
  • ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ބަދަލުތަކެއް ގެނައުމަށް ރާވަމުންދޭ

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ތައްޔާރުވަމުން އަންނައިރު، މި އަހަރުގެ ފުރަތަމަ ދެ މަސް ތެރޭ ސަރުކާރުން ކައުންސިލްތަކަށް 422.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަ ދައުލަތުން ކޮށްފައިވާ ޚަރަދުތަކާ ގުޅޭ ތަފުސީލާއެކު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު، މި އަހަރު ކައުންސިލްތަކަށް ފައިސާ ދޫކުރި މިންވަރު ވަނީ 18.1 ޕަސެންޓް އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ މާރިޗް މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ދޫކޮށްފައިވަނީ 357.9 މިލިއަން ރުފިޔާއެވެ.

ކައުންސިލްތަކަށް އެންމެ ފުރަތަމަ ބްލޮކް ގްރާންޓް ދޫކުރަން ފެށީ 2020ވަނަ އަހަރެވެ. އެގޮތުން، ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދެނީ ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތައެވެ.

މިދިޔަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓަށް 2.15 ބިލިއަން ރުފިޔާ ދޫކުރިއިރު، އޭގެ ކުރީ އަހަރު 2.25 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޫކުރަނީ ރައްޔިތުން ބޭނުންވާ ކަންކަމަށް އިންވެސްޓުކޮށް، ކައުންސިލްތަކަށް އާމްދަނީ ހޯދުމަށާއި، ރައްޔިތުންނަށް މުނިސިޕަލް ޚިދުމަތް ފޯރުކޮށްދިނުމަށެވެ.

https://sun.mv/209899

ދައުލަތުގެ އެހެން އިދާރާތަކަށް އަހަރަކު ކަނޑައަޅާ ބަޖެޓުން ފައިސާ ބާކީވި ނަމަވެސް، އެ އަހަރެއް ނިމުމުން އެ ފައިސާއެއް އަލުން ނުލިބޭނެއެވެ. ނަމަވެސް ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓުން ބާކީ ހުންނަ ފައިސާ ރައްކާ ކުރެވޭނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ ބައެއް ބޭފުޅުން މީގެ ކުރިން ވަނީ، ކައުންސިލްތަކަށް ފައިސާ ދޫކުރާ ގޮތާއި އެ ފައިސާ ބޭނުންކުރާ ގޮތާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރައްވައިފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައީސް ވަނީ، ކައުންސިލްތަކުގެ ހުރިހާ މެންބަރުން ހިމެނޭ ގޮތަށް، ބައެއް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ވެސް އެއްވެސް ފައިދާއެއް ނުވާނެ ފަދަ ތަޖުރިބާ ދަތުރުތައް ކުރާކަން ފާހަގަކުރައްވައިފައެވެ. އަދި އެއްވެސް ރަށެއްގެ ރައްޔިތަކަށް ނޫނީ އަތޮޅެއްގެ ރައްޔިތަކަށް ފައިދާ ނުވާނޭ ގޮތަށް ބޭރު ގައުމުތަކަަށް ކުރާ އެފަދަ ދަތުރުތަކާ ގުޅޭ ގޮތުން އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ.

https://sun.mv/209807

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް އެކި ފަހަރު މަތިން، އާމްދަނީގެ ފަސް އިންސައްތަ ކައުންސިލްތަކަށް ބޮލްކް ގްރާންޓްގެ ގޮތުގައި ދޭންޖެހޭ ގޮތަށް އޮތް އޮތުމަކީ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އާމްދަނީ އިތުރުވާ ވަރަކަށް ކައުންސިލްތަކަށް ދޭން ޖެހޭ ފައިސާ އިތުރުވާ ކަމަށާއި ނަމަވެސް ކައުންސިލްތަކަށް ޚަރަދު ނުކުރެވި، ބޭންކްގައި 'ގަނޑުވެފައި' ގިނަ އަދަދަކަށް ފައިސާ ހުންނަކަން އޭނާ ފާހަގަކުރައްވައިފައިވެއެވެ.

މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެނެސްފައިވާއިރު، އޭގެ ތެރޭގައި އާބާދީގެ މަދު ރަށްތަކަށް ކައުންސިލަރުން މަދުކުރުމާއި އަތޮޅު ކައުންސިލްތައް އުވާލުން ހިމެނެއެވެ.

އެ ބަދަލުތަކާއެކު އަންނަ މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުންނާއި، ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބުކުރާނެއެވެ.

comment ކޮމެންޓް