ކަނޑުއޮޅި ހޯދުމަށް އެހެން ގައުމުތަކުގެ އެހީއަށް ޓްރަމްޕް އެދިއްޖެ

ތައިލެންޑްގެ ބަލްކް ކެރިއާ މަޔޫރީ ނަރީ ހޮރްމުޒް ކަނޑުއޮޅި ހުރަސް ކުރަން އުޅުމުން ހަމަލާ ދީފައި. ފޮޓޯ/އޭއެފްޕީ

ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު އީރާނުން ހޯދުމާ ގުޅިގެން އެމެރިކާއިން ވަނީ އެ ސަރަހައްދުގެ ރައްކާތެރިކަމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި އެހީތެރިކަމަށް އެދިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާ، ފްރާންސް އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ހަނގުރާމަ މަތީ މަނަވަރުތައް ފޮނުވައިގެން ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށް ގޮވާލައްވާފައެވެ. ނަމަވެސް އީރާނުން ދަނީ އެ ކަނޑުއޮޅި އެމެރިކާގެ ދުޝްމަނުންނަށް ބަންދުކޮށް، އެމީހުންގެ ފުރިހަމަ ބާރުގެ ދަށުގައި ކަނޑުއޮޅި އޮތްކަމަށް ބުނަމުންނެވެ. މި ހާލަތުގެ ސަބަބުން ތެޔޮ ޓޭންކަރުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، އެމެރިކާއިން މިކަމަށް ފިޔަވަޅު އެޅުމުގައި ދަތިތަކެއް ހުރިކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

  • ޓްރަމްޕްގެ އެދިވަޑައިގަތުމަކީ ހޮރްމުޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށް ބައިނަލްއަގުވާމީ ގައުމުތަކުން މަނަވަރުތައް ފޮނުވުމެވެ.
  • އީރާނުން ކަނޑުއޮޅީގެ ކޮންޓްރޯލު ނަގައި، އެމެރިކާއާ ގުޅުންހުރި ބޯޓުތަކަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.
  • އީރާނުން ބުނާ ގޮތުގައި އެމެރިކާގެ އެއްވެސް ބޯޓަކަށް ގަލްފު ސަރަހައްދަށް ވަނުމުގެ ހައްގެއް ނެތެވެ.
  • އެމެރިކާގެ އަސްކަރިއްޔާއިން ފާހަގަކުރާ ގޮތުގައި މުޅި ކަނޑުއޮޅި އެސްކޯޓުކުރުމަކީ ޚަރަދު ބޮޑު، އަދި ނުރައްކާތެރި އޮޕަރޭޝަނެކެވެ.

ހޮރްމުޒް ކަނޑުއޮޅި ހުޅުވާފައިވާ ބޭއްވުމަށް ގިނަ ގައުމުތަކުން އެ ސަރަހައްދަށް ހަނގުރާމަ މަތީ މަނަވަރުތައް ފޮނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެެވެ.

ނަމަވެސް އެކަމާބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް މިހާރު ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ބާޒާރުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލު ނަގާފައެވެ.

ޓްރަމްޕްގެ ޓްރޫތް ސޯޝަލްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާނުން ކަނޑުއޮޅި ބަންދުކުރަން ކުރި މަސައްކަތުގެ އަސަރު ކުރި ގައުމުތަކުން ހަނގުރާމަ މަތީ މަނަވަރުތައް ފޮނުވާނީ އެމެރިކާއާ ގުޅިގެން، ކަނޑުއޮޅި ހުޅުވާފައި ރައްކާތެރިކޮށް ބޭއްވުމަށް ކަމަށެވެ. ޗައިނާ، ފްރާންސް، ޖަޕާން، ދެކުނު ކޮރެއާ އަދި އިނގިރޭސިވިލާތުގެ ނަން ގެންނަވައި އެ ގައުމުތަކުން އެކަން ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

އެ ޕޯސްޓުގައި ޓްރަމްޕް ވަނީ އެމެރިކާއިން މިހާރުވެސް އީރާނުގެ އަސްކަރީ ގާބިލްކަން 100 ޕަސަންޓް ނައްތާލާފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އީރާނަށް އަދިވެސް ޑްރޯންއެއް ، މައިނެއް ނުވަތަ ކުރު ރާސްތާ މިސައިލެއް ފޮނުވާލެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

ރައްދުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ނޭވީ ޗީފް އަލިރޭޒާ ތަންގްސީރީ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި އަދި އަސްކަރީ ގޮތުން ބަންދު ނުކުރާ ކަމަށާއި ނަމަވެސް އޮތީ އީރާންގެ ފުރިހަމަ ކޮންޓްރޯލު ދަށުގައި ކަމަށެވެ.

"އެމެރިކާ މީހުން އީރާނުގެ ކަނޑުގެ ސިފައިން ނައްތާލާފައިވާ ކަމަށް ދައުވާ ކުރި. ދެން ތެޔޮ ޓޭންކަރުތައް އެސްކޯޓް ކުރި ކަމަށް ދައުވާކުރި. މިހާރު އެ މީހުން އެެދެނީ އެހެން ގައުމުތަކުގެ އެހީއަށް." އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތަންސީރީ ވިދާޅުވިއެވެ.

އޭގެފަހުން ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވަނީ ކަނޑުއޮޅު މެދުވެރިކޮށް ތެޔޮ ލިބޭ ދުނިޔޭގެ ގައުމުތަކުން އެ ކަނޑުއޮޅި ބަަލަހައްޓަން ޖެހޭނެ ކަމަށާއި އެކަމަށް އެމެރިކާއިން ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމަށް ވިދާޅުވެފައެެވެ.

އެެމެރިކާގެ ބޯޓުތަކަށް ހުއްދައެއް ނެތް

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ސާފުކޮށްދެއްވި ގޮތުގައި ސްޓްރެއިޓް ބަންދުކޮށްފައިވަނީ ހަމައެކަނި ދުޝްމަނުންނާއި އެމީހުންގެ އެކުވެރިންގެ ޓެންކަރުތަކާއި ބޯޓުތަކަށެވެ. އީރާނުގެ އެންމެ އިސް ލީޑަރާ ގާތް ނުފޫޒުގަދަ ޖަމާއަތެއް ކަމަށްވާ އީރާނުގެ އެކްސްޕީޑިއެންސީ ޑިސްސާންމަންޓް ކައުންސިލްގެ މެމްބަރު މޮހްސެން ރަޒާއީ ވިދާޅުވީ "އެމެރިކާގެ އެއްވެސް ބޯޓަކަށް ގަލްފަށް ވަނުމުގެ ހައްގެއް ނެތް" ކަމަށެވެ.

ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް ހިފައިގެން ދަތުރުކުރި އިންޑިއާގެ ދެ ޓޭންކަރު ސަލާމަތުން ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް ޕޯޓްސް، ޝިޕިން އެންޑް ވޯޓާވޭސްގެ ސްޕެޝަލް ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންހާ ވަނީ ވިދާޅުވެފައެވެ.

ތުރުކީގެ އުޅަނދެއް ވެސް ކަނޑުއޮޅި ހުރަސް ކުރުމުގެ ހުއްދަ މި ހަފްތާގެ ކުރީކޮޅު އީރާނުން ވަނީ ދީފައެވެ.

ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު އީރާނުން ނަގާފައިވާއިރު، އީރާނުގެ ހުއްދަނެތި ކަނޑުއޮޅި ހުރަސްކުރާ ބޯޓުތަކަށް އީރާން ގެންދަނީ ހަމަލާތައް ދެމުންނެވެ. އީރާނުގެ ހަމަލާތަކުގައި އެތަށް ބޯޓެއްވަނީ ހަލާކުވެފައެވެ.

އީރާނުގެ ކޮންޓްރޯލު ދުއްވާލަން އެކަނޑުއޮޅި ހުރަސްކުރާ ކޮންމެ ބޯޓެއްގެ ފަހަތުގައި އެމެރިކާގެ މަނަވަރެއް އޮވެގެން އެބޯޓު އެސްކޯޓު ކުރާނެ ކަމަށް އެމެރިކާއިން ބުނެފައިވެއެވެ. ނަމަވެސް އެކަން ކުރާވަރަށް އެމެރިކާގައި ހަނގުރާމަ މަތީ މަނަވަރުތައް ނެތުމާއި މިކަމުގެ ރިސްކުބޮޑުވުމާއި ޚަރަދު ބޮޑުވުމުން މިއީ ކުރެވޭނެ ކަމެއްނޫންކަމަށް އެމެރިކާ ގެ ހަނގުރާމައާބެހޭ ވުޒާރާއިންވަނީ ވަނީ ބުނެފައެވެ.

comment ކޮމެންޓް