ކައުންސިލް އިންތިޚާބުގައި ތިން ކަރުދާސްކޮޅުގެ ބަދަލުގައި އެއް ކަރުދާސް ދެނީ ވޯޓު ބާތިލްކުރުން ފަސޭހަކުރަން: އެމްޑީޕީ

އެމްޑީޕީން މިއަދު އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރުން ---

ލޯކަލް ކައުންސިލް އިންތިޚާބުގައި ބޭނުންކުރާ އެއް ކަރުދާސްކޮޅުގެ ސަބަބުން ވޯޓު ބާތިލްވުމުގެ ފުރުސަތު ބޮޑުކަމަށް ބުނެ، އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ކަންބޮޑުވުން ހުށަހަޅައިފިއެވެ. އެ ޕާޓީން ބުނާ ގޮތުގައި އެއް ކަރުދާހެއްގައި ގިނަ މަގާމުތަކަކަށް ވޯޓުލާއިރު، އެއްވެސް ގޯހެއް ހެދޭނަމަ މުޅި ކަރުދާސް ބާތިލްވާގޮތަށް އޮތުމަކީ ވޯޓު ބާތިލްކުރުން ފަސޭހަވާނެ ކަމެކެވެ. މީގެ އިތުރުން ރިފަރެންޑަމް ވޯޓު ގުނުމުގެ އިޖުރާއަތުތަކާއި، ރައްޔިތުން ހޭލުންތެރިކުރުވުމުގައި ކޮމިޝަނުން އަދާކުރާ ދައުރާމެދު ވެސް އެ ޕާޓީން ވަނީ ސުވާލު އުފައްދާފައެވެ.

  • އެއް ކަރުދާސްކޮޅެއްގައި ގިނަ ކެންޑިޑޭޓުންނަށް ވޯޓުލާއިރު، އެއްވެސް ކެންޑިޑޭޓެއްގެ ނަމުގައި ގޯސްކޮށް ފާހަގަ ޖެހިއްޖެނަމަ މުޅި ކަރުދާސް ބާތިލްވާ މައްސަލަ ފާހަގަކުރުން.
  • ތިން ގޮޅީގެ ތެރެއިން އެއް ގޮޅީގައި ފާހަގަ ޖެހިފައި އޮތަސް މުޅި ކަރުދާސް ބާތިލްނުކުރާނެ ގޮތެއް ހޯދުމަށް ގޮވާލުން.
  • ވޯޓު ގުނުމުގެ ތަރުތީބުގައި ރިފަރެންޑަމް ވޯޓު ފުރަތަމަ ގުނުމަށް ހުށަހެޅުން.
  • ރިފަރެންޑަމް ވޯޓާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކޮމިޝަނުން ނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުން.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ކަރުދާސްކޮޅެއް ދެނީ ވޯޓު ބާތިލްކުރަން ފަސޭހަ ކުރަން ކަމަށް ބުނެ އެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނާ އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިއަދު ހިއްސާކޮށްފިއެވެ.

އެމްޑީޕީން މިއަދު އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ މައިގަނޑު ހަތަރު ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށެވެ.

އޭގެ ތެރެއިން އެއް ކަމަކީ ވޯޓު ބާތިލްވުމާ ގުޅޭގޮތުން ހުރި އިޖުރާއަތާ ގުޅުންހުރި ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން އެއް ކަރުދާހެއްގައި، މޭޔަރާއި، އަންހެނުންނަށް ޚާއްސަ ގޮނޑިއާއި، ކައުންސިލަރު ހިމަނާއިރު، އެ ތަނުން އެންމެ މީހެއްގެ ނަމުގައި ގޯސްކޮށް ފާހަގަ ޖެހިޔަސް އޮންނަނީ މުޅި ވޯޓު ކަރުދާސް ބާތިލުވާފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން ހުށަހެޅީ ތިން ގޮޅީގެ ތެރެއިން އެއް ގޮޅީގައި ކުރަހައިފައި އޮތަސް، މުޅި ކަރުދާސް ބާތިލްނުކުރަން ކަމަށް އެ ޕާޓީން ވަނީ ބުނެފައެެވެ.

"މި ހުރިހާ ކަމަކަށް ވެސް ކޮންސިޑާ ކުރާނެ ކަމަށް އެ ބޭފުޅުން ވިދާޅުވަނީ،" ނިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޔާޒު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ރިފަރަންޑަމް ވޯޓާމެދު ރައްޔިތުން ހޭލުންތެރިކުރުވުމަކީ އެ ކޮމިޝަނަށް ގާނޫނުން ލާޒިމްކުރާ ކަމެއް ނޫން ކަމަށެވެ. އެއީ ވެސް ކަންބޮޑުވާ ކަމެއް ކަމަށާއި، އެކަމުގައި ދެން ހޭލުންތެރިކުރުވަން މަސައްކަތްކުރާނީ ކޮންބައެއްތޯ އެއީ ސުވާލެއްކަމަށް ނިޔާޒު ވިދާޅުވިއެވެ.

"ހަމަ މިހެން އޮވެގެން ގޮސް ރިފަރެންޑަމް ވޯޓު ނަގާ ގޮތަށް އަޅުގަނޑަށް މި ސިފަވަނީ،"

ހަމައެއާއެކު އެ ޕާޓީން ހުށަހެޅި އަނެއް ކަމަކީ ފުރަތަމަ ގުނާ ވޯޓަކަށް ރިފަރެންޑަމް ވޯޓު ހެދުން ކަމަށް ނިޔާޒު ވަނީ ވިދާޅުވެފައެވެ. ސަބަބަކީ ކައުންސިލް އިންތިޚާބުގެ ވޯޓު އާންމުކޮށް ގުނާ ނިމެެނީ ރޭގަނޑު ވަރަށް ދަންވާ ފަހުން ކަމަށް ވާތީކަމަށް ނިޔާޒު ވިދާޅުވިއެވެ.

"އެހެންވީމާ ދަންވަރު ގަޑީގައި ރިފަރެންޑަމް ވޯޓު ގުނުން ލާފައި އޮތުމަކީ އޭގެ ސަބަަބުން ނުބައި ނިޔަތެއްގައި ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ވެސް ގަބޫލުކުރެވޭތީ، އެއީ ވޯޓުން ވައްކަން ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ސިފަވާތީ ފުރަތަމަ ގުނާ ވޯޓެއްގެ ގޮތުގައި ރިފަރަންޑަމް ވޯޓު ހެދުމަށް އަޅުގަނޑުމެން ވާނީ ރިކޮމެންޑުކޮށްފައި،" ނިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވީ އީސީގެ މެންބަރުންނަށް މަސައްކަތް ކުރަން ވަރަށް ދަތި އެބަހުރިކަން މި ބައްދަލުވުމުން ހާމަވި ކަމަށެވެ.

އަދި ރާއްޖޭގެ ޑިމޮކްރެޓިކް މަރުހަލާ ނެތިދިއުމުގެ ބިރާއި ސަރުކާރުގެ ނުފޫޒު މެންބަރުންނަށް އޮންނަކަން މެންބަރުންގެ ބަސްމަގުން ހާމަވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

"ދެން ހިނގާ ބަލަމާ، އަޅުގަނޑުމެން މި ތިބީ އެ ބޭފުޅުން ގާތު ވިއްދާފައި ވަރަށް ބޮޑަށް،" ޝިފާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވީ އަތޮޅު ތެރެއަށް އެ ޕާޓީން ކުރަމުން އަންނަ ދަތުރުތަކުގައާއި ބާއްވަމުން އަންނަ ޖަލްސާތަކުގައި، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ބެހޭ ރިފަރެންޑަމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މީޑިއާ ގުޅިގެން ޕްރޮގްރާމްތައް ހިންގުމާއި، އާންމުންނަށް ލީފްލެޓް ބެހުން ފަދަ ކަންކަން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އަދި ލޯކަލް ކައުންސިލް އިންތިޚާބު އޮންނަ ދުވަހު، އެހެން އިންތިޚާބެއް އޮންނަކަން ގިނަ ރައްޔިތުންނަށް ނުވެސް އެނގޭ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

comment ކޮމެންޓް