އެމެޒޯންގެ އީ-ކޮމާސް ޕްލެޓްފޯމުގައި ޕާޕްލެކްސިޓީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޝޮޕިންގް އެޖެންޓުން ބޭނުންކުރުން ހުއްޓުވުމަށް އެމެރިކާގެ ކޯޓަކުން ވަގުތީ އަމުރެއް ނެރެފިއެވެ.
ކެލިފޯނިއާގެ ފެޑަރަލް ފަނޑިޔާރު މެކްސިން ޗެސްނީ ނެރުއްވި މި އަމުރުގައި ބުނެފައިވަނީ، ޕާޕްލެކްސިޓީގެ 'ކޮމެޓް' ބްރައުޒާ މެދުވެރިކޮށް ހުއްދަނެތި އެމެޒޯންގެ ވެބްސައިޓަށް ވަދެފައިވާކަމުގެ "ވަރުގަދަ ހެކި" އެމެޒޯންއިން ހުށަހަޅާފައިވާ ކަމަށެވެ. މި އަމުރާއެކު، އަންނަ ހަފުތާއިން ފެށިގެން ޕާޕްލެކްސިޓީގެ އޭއައި އެޖެންޓުން އެމެޒޯންގެ ވެބްސައިޓަށް ވަނުން މަނާވާނެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން، ޕާޕްލެކްސިޓީން އެމެޒޯންގެ ޕްލެޓްފޯމަށް ވަނުމަށް ކުރާ މަސައްކަތްތައް ވަގުތުން ހުއްޓާލަން ޖެހެއެވެ.
މީގެ އިތުރުން، މިހާތަނަށް އެގޮތަށް ވަދެގެން ހޯދާފައިވާ ހުރިހާ މައުލޫމާތެއް ނައްތާލުމަށާއި، މި އަމުރަށް ފުރިހަމައަށް އަމަލުކުރާކަން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ކޯޓަށް އަންގަން ޖެހޭނެ ކަމަށްވެސް އަމުރުގައިވެއެވެ.
މި މައްސަލައިގައި ޕާޕްލެކްސިޓީން މިހާރު ވަނީ އިސްތިއުނާފަށް ހުށަހަޅާފައެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް އެމީހަކު ބޭނުންވާ އޭއައިއެއް އިޚްތިޔާރު ކުރުމުގެ ހައްގު ހޯދައިދިނުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އެމެޒޯންއިން ބުނަނީ މިއީ ކަސްޓަމަރުންގެ އިތުބާރާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، ވިޔަފާރީގެ ތަޖުރިބާ ހީނަރުވިޔަ ނުދިނުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި މައްސަލަ ހޫނުވީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ޕާޕްލެކްސިޓީގެ ކޮމެޓް ބްރައުޒާ ބޭނުންކޮށްގެން އެމެޒޯންގެ ސެކިއުރިޓީ ފިޔަވަޅުތައް ފޫއަޅުވާލައި، މުދާ ބަލައި ވިޔަފާރި ކުރަމުންދާ ކަމަށް ބުނެ އެމެޒޯންއިން އިންޒާރު ދިނުމާ ގުޅިގެންނެވެ. އެމެޒޯންއިން ބުނާ ގޮތުގައި، އޭއައި އެޖެންޓުންގެ ހަރަކާތްތައް މޮނިޓަރ ކުރުމުގެ ހައްގު އެ ކުންފުންޏަށް އޮންނަން ޖެހެއެވެ.
ޕާޕްލެކްސިޓީއަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މަޢުލޫމާތު ހޯދައިދޭ ދުނިޔޭގެ މަގުބޫލު "އޭއައި ސާޗް އިންޖީނެއް" އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ދާދިފަހުން ތައާރަފުކުރި އޭއައި އެޖެންޓުންނަކީ ބޭނުންކުރާ މީހާގެ ބަދަލުގައި އަމިއްލައަށް ވެބްސައިޓްތަކަށް ވަދެ، މުދާ އަޅާކިޔައި، ވިޔަފާރިކުރުން ފަދަ ކަންކަން އޮޓޮމޭޓްކޮށް ކޮށްދޭ ވަސީލަތްތަކެކެވެ. ނަމަވެސް، ވެބްސައިޓްތަކުގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ފޫއަޅުވާލައި، ހުއްދަނެތި މައުލޫމާތު ނަގާކަމަށް ބުނެ އެމެޒޯންގެ އިތުރުން ދުނިޔޭގެ ބޮޑެތި ބައެއް ނޫސް އިދާރާތަކުންނާއި ޓެކް ކުންފުނިތަކުން ދަނީ ޕާޕްލެކްސިޓީއާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.