ބައިނޭންސްގެ ފައުންޑަރު ޗަންގްޕެންގް ޖާއޯ (ސީޒީ)ގެ މިލްކިއްޔާތަށް ފާއިތުވި އެއް އަހަރު ތެރޭގައި 47 ބިލިއަން ޑޮލަރު އިތުރުވެ، ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ 17 ވަނައަށް އޭނާ ޖެހިލާފައިވީ ނަމަވެސް، ފޯބްސްއިން ނެރެފައިވާ މި ރޭންކިންއާ މެދު އޭނާ ސުވާލު އުފައްދައިފިއެވެ.
ޖަލު ހުކުމެއް ތަންފީޒުކުރުމަށް ފަހު އައި މި ބޮޑު ކުރިއެރުމާ އެކު މައިކްރޯސޮފްޓްގެ ކޯ-ފައުންޑާ ބިލް ގޭޓްސް ފަހަތަށް ޖައްސާލާފައިވީ ނަމަވެސް، ކްރިޕްޓޯ އިންޑަސްޓްރީގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ދެމިހުރި ސީޒީ ބުނަމުންދަނީ ފޯބްސްގެ މި ހިސާބުތައް ގޯސް ކަމަށެވެ.
ފޯބްސްއިން ލަފާކުރާ ގޮތުގައި ސީޒީގެ މިހާރުގެ ނެޓްވޯތަކީ ގާތްގަނޑަކަށް 110 ބިލިއަން ޑޮލަރެވެ. އޭނާގެ މުއްސަނދިކަމުގެ ބޮޑު ބައެއް ހިއްސާކުރަނީ ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ކަމަށްވާ ބައިނޭންސްގައި އޮންނަ އޭނާގެ ހިއްސާއިންނެވެ.
ބައިނޭންސްއަކީ ދުނިޔޭގެ ކްރިޕްޓޯ އެކްސްޗޭންޖް މާކެޓްގެ 38 އިންސައްތަ ކޮންޓްރޯލްކުރާ ކުންފުންޏަކަށްވާއިރު، މި ކުންފުނީގެ 90 އިންސައްތަ ހިއްސާ އޮންނަނީ ސީޒީގެ އަތުގައެވެ. ބައިނޭންސްގެ ވެލިއުއޭޝަން ގާތްގަނޑަކަށް 100 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ އޭނާގެ މުއްސަނދިކަން މިހާ ހަލުވިކަމާ އެކު އިތުރުވުމުގެ މައިގަނޑު ސަބަބެވެ.
ފޯބްސްއިން އާންމުކުރި މި މައުލޫމާތާ އެކު، އެކްސްގައި ކުރި ޕޯސްޓެއްގައި ސީޒީ ވަނީ ފޯބްސްގެ ރޭންކިން ހަދާފައިވާ ގޮތާމެދު ފާޑުކިޔާފައެވެ.
"ފޯބްސްގެ އާޓިކަލް ނުކިޔަން، އެކަމަކު އޭގައިވާ ކުޑަ ޗާޓަށް ބަލާލުމުން ވެސް އެއީ ގޯހެއްކަން އެނގޭނެ،" އޭނާ ލިޔެފައިވެއެވެ.
އޭނާ ބުނެފައިވަނީ މުޅި ކްރިޕްޓޯ މާކެޓް 50 އިންސައްތައަށްވުރެ ބޮޑަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި އޭނާގެ މިލްކިއްޔާތު އިތުރުވުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. ސީޒީގެ މާލީ ކުރިއެރުމާއި އެމެރިކާގެ ސިޔާސީ މަސްރަޙަށް އައި ބަދަލުތަކާ ގުޅިފައިވާކަން ވެސް ފާހަގަކުރެވެއެވެ.
ކްރިޕްޓޯއަށް ތާއީދުކުރައްވާ ސިޔާސަތުތަކެއް ގެންގުޅުއްވާ އަދި އަމިއްލަ ކްރިޕްޓޯ ވިޔަފާރިތަކެއް ވެސް ހިންގަވާ ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމާ އަލުން ހަވާލުވެވަޑައިގަތުމާ މިކަމާ ގުޅުމެއްވާ ކަމަށް ބެލެވެއެވެ.
މާރިޗު 2025 ގައި، އަބޫދާބީގެ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ އެމްޖީއެކްސްއިން ބައިނޭންސްގައި ކުރި ދެ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ޕޭމަންޓްގެ ގޮތުގައި ވޯލްޑް ލިބަޓީ ފައިނޭންޝަލްގެ ޔޫއެސްޑީ1 ސްޓޭބަލްކޮއިން ބަލައިގަތުމަށް ބައިނޭންސްއިން ވަނީ އެއްބަސްވެފައެވެ.
މީގެ ފަހުން، ރައީސް ޓްރަމްޕް ވަނީ ސީޒީގެ މައްޗަށް އިއްވާފައިވާ ހުކުމްތަކަށް ފުރިހަމަ މާފެއް ދެއްވައި، އެމެރިކާގެ ވިޔަފާރީގެ މައިދާނަށް އަލުން ވަނުމުގެ ފުރުސަތު އޭނާއަށް ދެއްވާފައެވެ.
މިއީ ފަހުގެ ތާރީޚެއްގައި ޤާނޫނީ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު ސީޒީއަށް އައި ވަރަށް ބޮޑު ބަދަލެކެވެ. މަނީލޯންޑަރިންއާ ދެކޮޅަށް ހަދާފައިވާ ޤަވާއިދުތަކާ ޚިލާފުވިކަމަށް އިއުތިރާފުވުމަށް ފަހު، 2023 ވަނަ އަހަރު އޭނާ ވަނީ ބައިނޭންސްގެ ސީއީއޯ ކަމުން އިސްތިއުފާދީ، ކުރު މުއްދަތެއްގެ ޖަލު ހުކުމެއް ވެސް ތަންފީޒުކޮށްފައެވެ.
މި ހުރިހާ ކަމަކާ އެކު ވެސް، އޭނާ އަމިއްލައަށް އުފެއްދި އެކްސްޗޭންޖުގެ ކާމިޔާބީއާ އެކު، ސީޒީ ދެމިހުރީ ކްރިޕްޓޯ ދުނިޔޭގެ އެންމެ ނުފޫޒުގަދަ އަދި އެންމެ މުއްސަނދި ޝަޚުޞިއްޔަތުގެ ގޮތުގައެވެ.