ބަންދުކުރި މީހާއަށް އަނިޔާކުރިކަމުގެ ޝަކުވާއެއް ނުކުރޭ، ޑޮކްޓަރަށް ދައްކަން ވެސް ނޭދޭ: ފުލުހުން

ކުށެއްގެ ތުހުމަތުގައި ފުލުހުން ކުރިން ހައްޔަރު ކުރި ބައެއް: ފޮޓޯ: ސަން

ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ މަހުގެ 20 ވަނަ ދުވަހު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުން ބަޔާނެއް ނެރެފިއެވެ. ފުލުހުން ބުނާ ގޮތުގައި އެ މީހާ ހައްޔަރުކުރި ފަހުން މިހާތަނަށް ފުލުހުންގެ މުއައްސަސާގެ އެއްވެސް ފަރާތަކަށް އަނިޔާގެ ޝަކުވާއެއް ހުށަހަޅާފައެއް ނުވެއެވެ. އަދި ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން ޑޮކްޓަރަށް ދައްކަން ވެސް އޭނާ އެދިފައި ނުވާކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މި މައްސަލަ އެޗްއާރުސީއެމުން ބަލަމުންދާތީ، އެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ.

  • މަސްތުވާތަކެތީގެ މައްސަލައެއްގައި 36 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައިވެއެވެ
  • ފުލުހުންގެ އަނިޔާ ލިބުނު ކަމަށް ބުނެ އެ މީހާ ވަނީ އެޗްއާރުސީއެމަށް މައްސަލަ ހުށަހަޅާފައި
  • ފުލުހުންގެ މުއައްސަސާއަށް އެފަދަ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް ބުނުން
  • ބަންދުގައި ހުރި މުއްދަތުގައި ޑޮކްޓަރަށް ދެއްކުމަށް އެދިފައި ނުވާކަން ފާހަގަކުރުން
  • އެޗްއާރުސީއެމްގެ ތަހުގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ހާމަކުރުން

ތިން ކިލޯގެ ޑުރަގާއެކު މިދިޔަ މަހުގެ 20ގައި ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ، އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށް ހުށަހެޅި ނަމަވެސް، އެ މީހާގެ ފަރާތުން ފުލުހުގައި އެ ފަދަ ޝަކުވާއެއް ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ، މިހާރު ވެސް ބަންދުގައި ހުރި 36 އަހަރުގެ ހަނީފް ނަމަކަށް ކިޔާ ބިދޭސީއެކެވެ.

އޭނާ ހައްޔަރުކުރީ، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތިން ކިލޯއަށްވުރެ ގިނަ ތަކެއްޗާ އެކީގައެވެ. އޭނާއާ އެކީގައި އޭރު، ދިވެއްސަކު ވެސް ހައްޔަރުކޮށްފައިވެއެވެ. އެއީ، ގއ. މާމެންދުއަށް ނިސްބަތްވާ 28 އަހަރުގެ އަޒުހަދު ނަސީމެވެ. ދެ މީހުންގެ ތެރެއިން ހަނީފަކީ، އަޒުހަދުގެ މުވައްޒަފެއް ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

އެ ތުހުމަތުތަކާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެޗްއާރްސީއެމުން މައްސަލަ ތަހުގީގުކުރާކަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި، އެ ތަހުގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

https://sun.mv/218927

އެކަމަކު، އެ މީހާ ބަންދުކުރި މަރުހަލާގައި ވެސް އަދި ބަންދުގައި ހުރި މުއްދަތުގައި ވެސް އަނިޔާއެއް ލިބިފައިވާކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

"އަދި ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު ވެސް، އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާކަމާއި، ޑޮކްޓަރަށް ދެއްކުމަށް އެދިފައި ނުވާކަން ފާހަގަކުރަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ފޮނުވި މެސެޖުގައިވެއެވެ.

މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުކުރެވޭ ހަނީފްގެ ބަންދަށް އިތުރު 30 ދުވަސް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ. އެ އަމުރުން އެނގޭ ގޮތުގައި ކޯޓުގައި އޭނާގެ ފަރާތުން ވަނީ، ފުލުހުން އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އޭނާގެ ފަރާތުން މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް