އެކޮމެޑޭޝަން ބްލޮކަކާއި ޕޮލިސް ސްޓޭޝަނެއް އަޅަން 2 ކުންފުންޏަކަށް

ފުލުހުންގެ އުމްރާނީ ތަރައްގީގެ މަޝްރޫތަކެއްގައި ސޮއިކޮށްފި: މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރުން --- ފޮޓޯ ފުލުހުން

ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އިތުރު އެކޮމެޑޭޝާން ބްލޮކަކާއި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ފުލުހުންގެ މައި މަރުކަޒު ކަމަށްވާ ޝަހީދު ހުސައިން އާދަމް ބިލްޑިންގައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

މީގެ ތެރެއިން ފުރަތަމަ އެއްބަސްވުމަކީ ހއ. ދިއްދޫގައި ފުލުހުންގެ އެކަމަޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާ އެކު ވެވުނު އެއްބަސްވުމެކެވެ. ފެޑޯ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ ޑައިރެކްޓަރު އަލީ ވަސީއުއެވެ.

ފެޑޯ ޕްރައިވެޓް ލިމިޓެޑާއިއެކު އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ފުލުހުން

ދެވަނަ އެއްބަސްވުމަކީ ރ. މަޑުއްވަރީގައި ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމަށް މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެކު ވެވުނު އެއްބަސްވުމެކެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު ސައުދުﷲ ހިލްމީއެވެ.

މި މަޝްރޫއުތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުންގެ އުމުރާނީ ވަސީލަތްތައް ގާއިމުކޮށް، ފުލުހުންގެ މަސައްކަތްތަކުގެ ފެންވަރު މަތިކުރުމަށާއި، އަތޮޅުތެރޭގައި ހިދުމަތްކުރާ ފުލުހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ފުލުހުންގެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫއުތަކެއް ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް