ހަނގުރާމައާއެކު މުޅި ދުނިޔޭގެ އިގްތިސާދު ނުރައްކަލަކާ ދިމާލަށް!

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފުޅާވެ، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 115 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އެރުމާ ގުޅިގެން، ދުނިޔޭގެ އިޤްތިޞާދަށް 'ސްޓެގްފްލޭޝަން' ގެ ބިރުވެރިކަން ކުރިމަތިވެއްޖެއެވެ. ސްޓެގްފްލޭޝަނަކީ އިގްތިސާދީ ކުރިއެރުން މަޑުޖެހުމާއި، ވަޒީފާނެތް މީހުންގެ އަދަދު މަތިވުމާއި، އިންފްލޭޝަން މަތިވުމާ ގުޅިގެން އުފެދޭ އިގްތިސާދީ ދަތި ހާލަތެކެވެ.

މިއާއެކު ދުނިޔޭގެ ބޮޑެތި ހިއްސާގެ ބާޒާރުތަކުގައި ވަނީ އިންވެސްޓަރުން އެ މީހުންގެ ހިއްސާ ވިއްކަން ފަށައި، ބާޒާރުތައް ވަރަށް ބޮޑަށް ދަށަށް ދާން ފަށާފައެވެ.

ތެލުގެ އަގު އުފުލުމާއި ސަޕްލައިއަށް އައި ހުރަސް

މިދިޔަ ހަފުތާގައި ތެލުގެ އަގު ވަނީ ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ނުއުފުލޭ މިންވަރަށް އުފުލިފައެވެ. ބައިނަލްއަޤްވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު 115 ޑޮލަރަށް އަރާފައިވާއިރު، މިއީ 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އެރި ފަހުން ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ގެ އަގު ވަނީ ޖެނުއަރީ މަހާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އުފުލިފައެވެ.

ތެލުގެ އަގު މިހާ ބޮޑަށް އުފުލިގެން ދިޔައީ، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މައި މަގު ކަމަށްވާ ހުރްމޫޒް ކަނޑުއޮޅި އީރާނުން އަމަލީގޮތުން ބަންދުކުރުމާ ގުޅިގެންނެވެ. މީގެ އިތުރުން، މެދުއިރުމަތީގެ ބައެއް ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރުމުން، ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އޮސްޓްރޭލިއާގެ ޖޫޑޯ ބޭންކަށް އިޤްތިޞާދީ ލަފާދޭ މާހިރު ވޮރެން ހޯގަން, "ދަ ގާޑިއަން" ނޫހުގައި ފާހަގަކުރެއްވި ގޮތުގައި، މިއީ ދުނިޔޭގެ ތާރީޚުގައިވެސް ތެލުގެ އަގު މިހާ ކުއްލި ގޮތަކަށް އުފުލިގެންދިޔަ އެއް ފަހަރެވެ.

ސްޓެގްފްލޭޝަންގެ ނުރައްކާ

އިޤްތިޞާދީ މާހިރުން މިހާރު އެންމެ ބޮޑަށް ކަންބޮޑުވަނީ ދުނިޔޭގެ އިޤްތިޞާދު 'ސްޓެގްފްލޭޝަން' އަކަށް ހިނގައިދާނެތީއެވެ. ސްޓެގްފްލޭޝަން އަކީ އިޤްތިޞާދީ ދުވެލި މަޑުޖެހި، ވަޒީފާ ނެތް މީހުންގެ ނިސްބަތް އިތުރުވުމާއެކު، ތަކެތީގެ އަގުތައް (އިންފްލޭޝަން) އިންތިހާއަށް އުފުލިގެން ދިއުމެވެ.

ހަކަތައިގެ އަގު އުފުލުމަކީ ދަތުރުފަތުރާއި، ކަރަންޓާއި، އަދި އުފެއްދުންތެރިކަމުގެ ހަރަދު ބޮޑުވެ، އާންމު ކާބޯތަކެއްޗާއި މުދަލުގެ އަގު އުފުލިގެންދާނެ ކަމެކެވެ.

މިކަމުގެ ސަބަބުން އެމެރިކާގެ ފެޑެރަލް ރިޒާވް އަދި ޔޫރަޕްގެ މަރުކަޒީ ބޭންކުތަކަށް އިންޓަރެސްޓް ރޭޓު ދަށްކުރުމަށް ހުރަސްއެޅި، އިޤްތިޞާދީ ކުރިއެރުމަށް އިތުރު ހީނަރުކަމެއް އަންނާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

އެމެރިކާގެ ވަޒީފާގެ ބާޒާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި މަހު ވަޒީފާ އުފެއްދި މިންވަރަށްވުރެ ވަޒީފާ ގެއްލުނު މިންވަރު ވަނީ އިތުރުވެފައެވެ. މިއީ ސްޓެގްފްލޭޝަންގެ އަލާމާތެއް ކަމަށް މާހިރުން ދެކެއެވެ.

https://www.sun.mv/218911

ދުނިޔޭގެ އިޤްތިޞާދަށް ކުރާނެ އަސަރު

ހަނގުރާމަ ދިގުލައިގެން ގޮސް، ހުރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެނަމަ، ކުރިއަށް އޮތް އެއް ހަފުތާ ނުވަތަ ދެ ހަފުތާގެ ތެރޭގައި ތެޔޮ ފީފާއެއްގެ އަގު 130 އާއި 150 ޑޮލަރާ ދެމެދުގެ މިންވަރަކަށް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށް މާކެޓް އެނަލިސްޓުން އިންޒާރުދެއެވެ.

މި ހާލަތުގެ އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ހަކަތަ އިމްޕޯޓުކުރާ ޤައުމުތަކަށެވެ. އޭގެ ތެރޭގައި ޔޫރަޕްގެ ޤައުމުތަކާއި، ޖަޕާނާއި، ދެކުނު ކޮރެއާގެ އިތުރުން ދުނިޔޭގެ އިޤްތިޞާދީ ދުވެލީގެ މައިގަނޑު ދެ އިންޖީނު ކަމަށްވާ އިންޑިއާ އަދި ޗައިނާ ހިމެނެއެވެ.

މީގެ ސަބަބުން މި ޤައުމުތަކުގެ އުފެއްދުންތެރިކަން ދަށަށް ގޮސް، ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބޮޑެތި ބުރޫތަކެއް އަރާނެކަމަށް ބެލެވެއެވެ.

އަނެއްކޮޅުން، މި ހާލަތުން އަރައިގަތުމަށްޓަކައި އިއާދަކުރަނިވި ހަކަތައަށް ބަރޯސާވާ މިންވަރު އަވަސްކުރުމަށް ޤައުމުތަކަށް މަޖުބޫރުވާނެކަމަށް ބައެއް ދިރާސާވެރިން ފާހަގަކުރެއެވެ. ނަމަވެސް ކުރު މުއްދަތެއްގައި މި ބަދަލު ގެނައުމަކީ އުނދަގޫ ކަމަކަށް ވާތީ، ކުރިއަށް އޮތް މަސްތަކަކީ ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ދަތި ދުވަސްވަރަކަށް ވާނެކަމަށް އިޤްތިޞާދީ އިދާރާތަކުން ލަފާކުރެއެވެ.

comment ކޮމެންޓް