މެދުއިރުމަތީގައި އެމެރިކާ ގާއިމްކޮށްފައިވާ އެންމެ ބޮޑު ރާޑަރު ފުނޑާލައިފި

---

ތެހެރާން (28 ފެބްރުއަރީ 2026) : އެމެރިކާއިން މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެންމެ ބޮޑު އަސްކަރީ ރާޑަރު ފުނޑާލައިފިކަން އީރާނުން ހާމަކޮށްފިއެވެ.

އީރާނުގެ އަސްކަރިއްޔާ އާ ހަވާލާދީ އެގައުމުގެ ރަސްމީ ޓީވީ ބުނިގޮތުގައި މި ރާޑަރު ބަހައްޓާފައިވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްކަމަށްވާ އީދީދް ވައިގެ ބޭހުގައެވެ. މި ރާޑަރު ފުނޑާލީ ވެއްޓިގަނެގެން ހަމަލާދޭ ބާވަތުގެ ޑްރޯނެއްކަމަށްވާ ޝާހިދު މަރުކާގެ ޑްރޯނެއް ބޭނުންކޮށްގެންނެވެ.

މި ޑްރޯނުން ހަމަލާދިނުމުގެ ކުޑަ ތަންކޮޅެއް ކުރިން އީރާނުންވަނީ އާދައިގެ ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެން އީދީދް ވައިގެ ބޭހަށް ހަމަލާއެއް ދީފައެވެ. ޑްރޯން ހަމަލާދިންކަމަށްވަނީ އެ މިސައިލް ވައްޓާލުމަށް ދިފާއީ ބާރުތަކުން ހަރަކާތްތެރިވި ދަނޑިވަޅުގެ ބޭނުންކޮށްގެންނެވެ.

ރިޕޯޓްތައް ބުނާގޮތުން އީރާނުން ހަލާކުކޮށްލި ރާޑަރަކީ ގާތްގަނޑަކަށް ފަސްހާސް އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލައި ޗެކްކުރުމުގެ ގާބިލްކަން ލިބިފައިވާ ޕީ އެފް – 132 މަރުކާގެ ރާޑަރެކެވެ.

އީރާން ވަނީ މެދުއިރުމައްޗާއި ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ ހަތް ބޭސްއަކަށް މިއަދު ރައްދު ހަމަލާތައް ދީފައެވެ. މީގެތެރޭގައި ސައޫދީ، ޔޫއޭއީ، ގަތަރު، ބަހްރައިން ކުވައިތު އަދި އުރުދުންގައި ހުންނަ އެމެރިކަގެ އަސްކަރީ ބޭސްތައް ހިމެނެއެވެ. އީރާނުގެ ހަމަލާތަކާ ގުޅިގެން މިގައުމުތަކުގައި މިއަދު ހެނދުނުވަނީ ބާރުގަދަ ގޮވުންތަކެއް ގޮވާފައެވެ.

އީރާން ކުރިން ވެސް ވަނީ އެމެރިކާ އީރާނާ ދެކޮޅަށް އިސްވެ އުދުވާން ހިންގައިފިނަމަ ސަރަހައްދުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި އެމެރިކާގެ އެނޫންވެސް ހުރިހާ މަސްލަހަތުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުތައް ތަކުރާރުކޮށް ދީފައެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި އީރާން މި ހަމަލާދެނީ އެމެރިކާގެ ބަލިފައިތަކަށެވެ. މިތަންތަނަކީ އާދަޔާ ޚިލާފަށް ވަރުގަދަ ދިފާއީ ނިޒާމުތައް ހުރިތަންތަންތަން ނޫންކަމަށް ވެއެވެ. އެއީ މިދިޔަ އަހަރުވެސް އެމެރިކާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދިން ހަމަލާތަކެއް ގަތަރުގައިވާ އެމެރިކާގެ އީދީދް ވައިގެ ބޭހަށް އަރާފައިވާތީއެވެ

މުހައްލިލުންގެ ނަޒަރުގައި އީރާނުގެ މި ހަމަލާތަކަކީ އަދި ފެށުމެކެވެ. މިއީ އެމެރިކާގެ ބޭސްތައް ހުއްޓަސް އެގައުމުތަކަށް ހިމާޔަތް ނުލިބޭނެކަމުގެ އިންޒާރު ނުވަތަ މެސެޖް އެ ގައުމުތަކަށް ދިނުމުގެ ގޮތުން ދިން އާދައިގެ ހަމަލާތަކެކެވެ.

މީގެއިތުރުން އީރާން ދޭ މެސެޖަކީ އީރާނާ ދެކޮޅަށް އުދުވާން ހިންގުމަށް އެގައުމުތަކުގެ ބިމާއި ވަޔާ އަދި ކަނޑުގެ ސަރަހައްދު ދީފިނަމަ އެކަމުގެ ނަތީޖާ ވަރަށް ގޯސްވާނެކަމުގެ މެސެޖެވެ.

އީރާން މިފަހަރު ދިނީ އާދައިގެ ހަމަލާތަކެއް ކަމަށް ވިޔަސް އީރާނަށް ހަމަލާދިނުމުގައި އެ ގައުމުތަކުގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު އެމެރިކާއަށް ދީފިނަމަ ދެން އީރާނުން ދޭނީ މިއަށްވުރެ މާވަރުގަދަ ހަމަލާތައް ކަމަށް އަސްކަރީ މުހައްލިލުން ވިދާޅުވެއެވެ.

އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް މިއަދު ފެށި އުދުވާނީ ހަނގުރާމައިގާ އިސްރާއީލުންވަނީ އީރާނުގެ ދެކުނުގެ ރަށެއްކަމަށްވާ މީނާބްގައި ހުންނަ އަންހެން ކުދިން ގެ ސްކޫލަކަށް ހަމަލާދީ 61 ކުއްޖަކު ޝަހީދުކޮށް އެތައް ކުދިންނެއް ޒަޚަމް ކޮށްލާފައެވެ.

އީރާނުންވަނީ މި ހަމަލާއަށް ވޭންދެނިވި ބަދަލެއް ހިފާނެކަމުގެ އިންޒާރު ދީފައެވެ. މިޖަރީމާ ހިންގުމަށްފަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާނުގެ ވެރިކަމުގެ ނިޒާމު ވައްޓާލުމަށް ޓަކައި އިސްރާއީލަށް އެހީތެރިވެ ދިނުމަށް އީރާނުގެ ރައްޔިތުންނަށް ގޮވާލާފައެވެ.

ގަތަރުގައި ހުންނަ އެމެރިކާގެ ބިޔަ ރާޑަރު ފުނޑާލިކަން އީރާނުން ކަށަވަރުކޮށްދިން ނަމަވެސް އެމެރިކާ މިކަމާބެހޭގޮތުން ބަޔާނެއް އަދި ނުދެއެވެ. މެދުއިރުމަތީގެ އަރަބި ގައުމުތަކުގައިވާ އެމެރިކާގެ ބޭސްތަކަށް އީރާނުން ދިން ހަމަލާތަކުގައި ބޭނުންކުރި ބައެއް ޑްރޯންއާއި މިސައިލް ވައްޓާލިކަމަށް އެގައުމުތަކުން ބުނެފައިވެއެވެ. އަދި އެގައުމުތަކުން ނެރުނު ބަޔާންތަކުގައި އީރާނުގެ މިއަމަލުވަނީ ކުށްވެރިކޮށްފައެވެ.

ނަމަވެސް އެމެރިކާއާއި އިސްރާއީލުން އީރާނުގެ އެތަށް ތަނަކަށް ހަމަލާދީ އަދި އީރާނުގެ އަންހެން ކުދިން ގެ ސްކޫލަކަށް ހަމަލާދީ 60 އަށް ވުރެ ގިނަ އަންހެން ކުދިން ޝަހީދުކޮށްލި ޖަރީމާ ކުށްވެރި ކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް