ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ވޯޓު ނަގަން އިދިކޮޅު ދެކޮޅު ހަދަނީ، އިންތިޚާބަށް ކަޑަޖެހުމަށް އާދަވެފައި ތިބުމުން ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިދިކޮޅަށް މިރޭ ރައްދެއް ދެއްވައިފިއެވެ.
މައި ދެ އިންތިޚާބު އެއް ދުވަހަކު ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ބަލަން ނަގާ ވޯޓު އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު، ކައުންސިލް އިންތިޚާބާ އެކު ބާއްވަން ނިންމަވައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގަރާރަކުން އެކަން އިއުލާން ކުރެއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ.
އެ ކަމަށް އެމްޑީޕީގެ އިސްވެރިންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ދެކޮޅުކަން ހާމަކުރައްވާފައެވެ.
ޕީއެންސީން މިރޭ ބޭއްވި ތަރާވީހުގައި ރައީސް މުއިއްޒު ވިދާޅުވީ، އެއް ދުވަހެއްގައި ދެ އިންތިޚާބު ބޭއްވުމަށް އިދިކޮޅުން ދެކޮޅު ހަދަމުން އަންނާތީ ވަރަށް ގިނަ ގޮތް ގޮތުން ވިސްނަވާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު މިރޭ ބޭއްވި ޕީއެންސީ ތަރާވިހުގައި ސަޕޯޓަރުންނާ ސަލާންކުރައްވަނީ --- ފޮޓޯ/ ޕީއެންސީ
އެއީ، ދެ އިންތިޚާބު އެއްކޮށްލާ ވޯޓު ނަގާ ދުވަހެއް ކަނޑައެޅުމުގެ ކުރިން އިދިކޮޅު ބައެއް ބޭފުޅުން މަޖިލީހާއި ރިޔާސީ އިންތިޚާބު އެއްކޮށްލާ ވޯޓު އެއް ދުވަހެއްގައި ބޭއްވުން ރަނގަޅު ކަމަށް ވިދާޅުވެ، މިހާރު އެ ގޮތް ބަދަލުވެފައިވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު އެ އިޝާރާތްކުރެއްވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށެވެ.
ރައީސް ވިދާޅުވީ، ކުރީ ޒަމާނުއްސުރެ އޮންނަނީ އިންތިޚާބަށް ކަޑަ ޖެހުމުގެ އުސޫލު ކަމަށެވެ. މިގޮތުން، އިންތިޚާބަށް ކައިރިވުމުން ކެންޑިޑޭޓުން ރަށްތަކަށް ދަތުރުކޮށް، ކަޑަ ނުވަތަ ބިންގާ އަޅާކަން ފާހަގަކުރެއްވިއެވެ. އޭގެފަހުން އެ މީހުން ނުފެސް ފެންނާނެ ކަމަށާއި ދެން ފެންނާނީ އާ ކަޑައެއް ޖަހަން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި އުސޫލު ކުރިއަށް ގެންދިޔުމުގެ އާދަ އަށަގަނެފައިވާ ފަރާތްތަކުން އެ ކަން ކުރަން ބޭނުންވާތީއޭ މިއުޅެނީ އަނެއްކާވެސް މި ކަމާ ކުރިން އެއްބަސްކިޔާފައި ދެކޮޅު ހަދައިގެން. އަޅުގަނޑުމެން މިއުޅެނީ ދެ އިންތިޚާބެއް އެއް އިންތިޚާބަކަށް ހަދާކަށް ނޫނޭރައީސް ޑރ. މުހައްމަދު މުއިއްޒު
އޭގެއިތުރުން، މި ސަރުކާރުން އުޅެނީ، މައި ދެ އިންތިޚާބާ ދެމެދު ހަ މަސް ދުވަހުގެ މުއްދަތެއް އޮންނާތީ، އިންތިޚާބުތައް އެއް ދުވަހަކަށް ހަދަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެ އިންތިޚާބުތައް އެއްކުރުމުން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިވެއެވެ. އެއީ، މިދިޔަ ރިޔާސީ އިންތިޚާބަށް ވޯޓުލާފައިވާ އަދަދު އިތުރުވެފައިވާތީ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒުގެ ދެ ކަނބަލުން ޕީއެންސީގެ ތަރާވިހުގައި ބައިވެރިވެވަޑައިގަންނަވަނީ ----ފޮޓޯ/ ޕީއެންސީ
ރައީސް އެފަދައިން ވިދާޅުވިއިރު، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު ގާނޫނާ ޚިލާފު ކަމަށް ބުނެ، އެކަން ހުއްޓުވައި ދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އިދިކޮޅު އެމްޑީޕީގެ ފަރާތުން އިއްޔެ ވަނީ ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ.
އެމްޑީޕީން ވަގުތީ އަމުރަކަށް އެދިފައިވާ ސަބަބެއްކަމަށް ބުނެފައި ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުން ލާޒިމުކުރާ ފަދަ މައުލޫމާތު ކަރުދާހެއް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއެކު ހިމަނައިފައި ނުވާތީ، އަދި އޭގެ ފަހުންވެސް އެ ކަންކަން ތަފްސީލުކޮށްދީފައިނުވާތީ، އެ ގާނޫނުގެ 26 ވަނަ މާއްދާއިން އެމްޑީޕީއަށް ލިބިދޭ ކެމްޕޭންކުރުމުގެ ހައްގު ހަނިވުމެވެ. އަދި ރައްޔިތުންގެ ޚިޔާލާއި ފިކުރު މިނިވަންކަމާއެކު ބައްޓަންކުރުމަށް ޖާގަ ދިނުމަށް އެ ޕާޓީން ކުރަންޖެހޭ މަސައްކަތް އެކަށީގެންވާ ގޮތުގައި ކުރެވޭނެ ގޮތެއް ނެތް ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ވޯޓު ހުއްޓުވަން ކޯޓަށް ހުށަހެޅިއިރު، އިލެކްޝަންސް ކޮމިޝަން (އީސީ)ން އަންނަނީ އެ ވޯޓު ބާއްވަން ތައްޔާރުވަމުންނެވެ.