ރާއްޖޭގައި ޑޮލަރުގެ އަގު އުފުލިފައި ހުންނަތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، އެ މައްސަލަ ހައްލުކުރުމަށް މި ގައުމަށް ރަނގަޅު ގޮތަކީ 'ފްލޯޓިން އެކްސްޗޭންޖް' ނިޒާމު ނުވަތަ ބާޒާރުގެ އަގަށް ޑޮލަރުގެ އަގު ބަދަލުވާ ގޮތަށް ދޫކޮށްލުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޑޮލަރުގެ ކަޅު ބާޒާރު އުވާލުމުގެ ވައުދާއެކު ކަމަށްވާއިރު، 2024 ވަނަ އަހަރުގެ މާރިޗު މަހު އެ މަނިކުފާނު ވަނީ، ރުފިޔާގެ އަގު ހިފެހެއްޓި، ޑޮލަރުގެ އަގު ދަށްވާން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ. އޭރު ޑޮލަރެއް ލިބެނީ 18 ރުފިޔާއަށެވެ.
އެހެންނަމަވެސް އޭގެ ފަހުން ވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި، އާންމުކޮށް ހުންނަނީ 20 ރުފިޔާއިން މަތީގައި ހިފެހެއްޓިފައެވެ. އެއީ ޑޮލަރެއްގެ އަގަކީ 15.42 ރުފިޔާ ކަމަށް މަރުކަޒީ ބޭންކުން ކަނޑައަޅައިފައި އޮއްވައެވެ.
އެހެންނަމަވެސް، ހުރިހާ ބޭނުންތަކަށް ރަސްމީކޮށް ޑޮލަރު ގަންނަން ދަތިތައް ދިމާވާތީ، ބޭސްފަރުވާއަށް ބޭރަށް ކުރާ ދަތުރުތައް ފަދަ ކަންކަން ހިމެނޭ ގޮތަށް، ޑޮލަރު ހޯދަން ގިނަ ބަޔަކު ކަޅު ބާޒާރަށް ބަރޯސާވެއެވެ.
ޑޮލަރުގެ އަގު އުފުލުމާ ގުޅިގެން، މިދިޔަ އަހަރު ތަކެތީގެ އަގުތައް ވެސް އުފުލިފައިވާ ކަމަށް ސްޓެޓިސްޓިކްސްގެ ބިއުރޯގެ ތަފާސްހިސާބުން ވަނީ ދައްކައިފައެވެ.
އެ މައްސަލައާ ގުޅުވައި، ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖޭން ރުފިޔާގެ އަގު ދަށްކޮށް، ޑޮލަރެއްގެ އަގު 20އަށް ބަދަލުކުރިޔަސް، އެ ރޭޓުގައި ބޭންކުން ޑޮލަރު ނުލިބޭނަމަ ކަޅު ބާޒާރު ގަދަޔަށް ހިނގާނެ ކަމަށެވެ.
ރާއްޖެއަށް ރަނގަޅު ގޮތަކީ އެކްސްޗޭންޖް ރޭޓް މުޅިން ފްލޯޓްކޮށް، ދޫކޮށްލުން. ޑޮލަރުގެ އަގަކީ ބާޒާރުގެ ތަބީއަތުން ކަނޑައެޅޭ ހަމަ އަގަށް ހެދުން
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
މީގެ ކުރިން ވެސް، އެކި ފަހަރު މަތިން ނަޝީދު ވަނީ ޑޮލަރުގެ އަގު، އެއަށް އޮންނަ ޑިމާންޑުން ކަނޑައެޅޭ ގޮތަށް ދޫކޮށްލަން ގޮވާލައްވައިފައެވެ.
އެ މަނިކުފާނު 2008ގައި ވެރިކަމަށް ވަޑައިގެންނެވިއިރު ޑޮލަރު ރޭޓު ހުރީ 12.85ގަ އެވެ. ނަމަވެސް އެ މަނިކުފާނުގެ ވެރިކަމުގައި ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި އަގު އުފުލުމުން ރޭޓު ވަނީ 10.28 ރުފިޔާއާއި 15.42 ރުފިޔާއާ ދެމެދުގެ އަގަކަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން ޑޮލަރުގެ އަގު ހުންނަނީ 15.42ގައި ހިފެހެއްޓިފައެވެ.
އެ ބަދަލު ނަޝީދު ގެންނެވީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ދިން ލަފަޔާ ޚިލާފަށެވެ. އަދި އެ ބަދަލާއެކު، އެ ދުވަސްވަރު ޒަރޫރީ ކާބޯތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލުނެވެ.
ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވުމާ ގުޅިގެން، ދައުލަތަށް ޑޮލަރުގެ ބޭނުން ވަނީ ވަރަށް ބޮޑުވެފައެވެ. އަދި ޑޮލަރު ހޯދުމަށް ޓަކައި، މި ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ޑޮލަރު މާރުކުރުން މަޖުބޫރުކޮށްފައެވެ.
މި އަހަރު ރާއްޖޭން 1.1 ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަންޖެހޭއިރު، ސަރުކާރުން އަންނަނީ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނަމުންނެވެ. ނަމަވެސް ދަރަނީގެ ނުރައްކާ ބޮޑުވުމުން، ބައިނަލްއަގުވާމީ ކްރެޓިޑް ރޭޓިން އޭޖެންސީތަކުން އަދިވެސް އޮތީ ރާއްޖެއަށް ''ޖަންކް ރޭޓިން''އެއް ދަމަހައްޓައިފައެވެ.