50 ދުވަހުން ދިއްދޫ ބިން ހިއްކައި ނިންމައިފިކަން ރައީސް އިއުލާންކުރައްވައިފި

ރައީސް، ދިއްދޫއަށް ވަޑައިގަތުން: 50 ދުވަހުން ދިއްދޫ ބިން ހިއްކައި ނިންމައިފިކަން ރައީސް ވަނީ އިއުލާންކުރައްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށާއި އަސާސީ އެހެނިހެން ބޭނުންތަކަށް ބިން ހިއްކުމުގެ މަސައްކަތް 50 ދުވަހުން ނިންމާލައިފައިވާ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވީ، ދިއްދޫއަށް ޑްރެޖަރު ގެންގޮސް ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ކަމެވެ.

އެ މަނިކުފާނު ވިދާޅުވީ އެ މަސައްކަތް މިއަދު ނިންމާލައިފައިވާއިރު، ޖުމްލަ 112 ހެކްޓަރުގެ ބިން ހިއްކައިފައިވާ ކަމަށެވެ.

ދިއްދޫގައި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކުރީ އޭޕްރިލް 19، 2024ގައެވެ.

ފާހަގަކުރެވޭ ގޮތުގައި ނިމިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ މި ސަރުކާރުން ގެންގުޅޭ ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެ ރަށުގެ ބިން ހިއްކުމާއެކު އެއާޕޯޓުގެ އަމަލީ މަސައްކަތް ބާރު ދުވެލީގައި ނިންމައިދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދިއްދޫގެ ރައްޔިތުންނަށް ދެއްވައިފައެވެ. އަދި އެ މަނިކުފާނު ދެން އެ ރަށަށް ވަޑައިގަންނަވާނީ އެއާޕޯޓުގެ މަސައްކަތް ނިމި، ފުރަތަމަ ޖައްސާ ފްލައިޓުގައި އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ދިއްދޫގައި އެއާޕޯޓެއް އަޅާއިރު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ދިއްދުއަށް ލޯންޗެއްގައި ދިއުމަށް ނަގަނީ 15 ވަރަކަށް މިނެޓެވެ. އަދި ކުޅުދުއްފުށީ ސިޓީ އެއާޕޯޓުން ލޯންޗެއްގައި ދިއްދުއަށް ދާން ވެސް ހޭދަ ވާނީ ވިއްސަކަށް މިނެޓެވެ.

comment ކޮމެންޓް