މި ސަރުކާރުން ހުޅުވައިލި ބޯހިޔަވަހިކަމުގެ ސްކީމަށް މިހާތަނަށް 5،067 މީހުން ފޯމު ހުށަހަޅައިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް ހައުސިން މިނިސްޓްރީން ބުނީ މިހާތަނަށް ޖުމުލަ 5،067 މީހުން ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށައަޅާފަވާކަމަށެވެ. އޭގެ ތެރެއިން ފުލެޓަށް އެދި 3،434 މީހުން ފޯމު ހުށަހެޅިއިރު ގޯއްޗަށް އެދި 1،633 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ.
ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވައިލީ ޖަނަވަރީ މަހުގެ 18ވަނަ ދުވަހެވެ.
ގޯއްޗާއި ފުލެޓަށް އެދި ކުރިމަތިލާން ޖެހޭނީ އީފާސްލޮގިން މެދުވެރިކޮށް އެ ކަމަށް ޚާއްސަ ޕޯޓަލް މެދުވެރިކޮށެވެ.
ގޯއްޗަށް އެދުމުގެ ފުރުސަތު ދީފައި ވަނީ، އަންނަ މާރިޗު ފަހެއްގެ 23:59އަށް ކަމަށްވާއިރު، ފުލެޓަށް އެދި އެޕްލައިކުރެވެނީ އަންނަ އޭޕްރީލް 18ގެ 23:59 އަށެވެ.
މި ސްކީމުގެ އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 7،900 ފުލެޓާއި، 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ.
ގޯތި ދޫކުރަނީ ދެ ކެޓަގަރީންނެވެ. އެއް ކެޓަގަރީއަކީ މާލޭ ރަށްވެހިންނަށް ޚާއްސަ އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީއެވެ. މި ކެޓެގަރީއަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. ދެވަނަ ކެޓަގަރީއަކީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓެގަރީއެވެ. މި ކެޓެގަރީއަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.