ހިޔާ ނުވަތަ ވެށި ފެހި މަޝްރޫއިން ފުލެޓު ލިބޭނެ ކަމުގެ ލިޔުން ލިބި، ނުލިބުނު މީހުންނަށް ފޯމު ހުށަހެޅުމުގައި ހައުސިން މިނިސްޓްރީން ލުޔެއް ދީފިއެވެ.
އެ މިނިސްޓްރީން އެކްސްގައި ލިޔުނު ޕޯސްޓެއްގައި ވަނީ، ހިޔާ ފުލެޓު ލިބޭނެ ކަމުގެ ލިޔުން ލިބި، ފުލެޓު ލިބިފައިނުވާ މީހުންނަށް ޚާއްސަ ކެޓެގަރީއަށް ހުށަހެޅުމުގައި ލުޔެއް ދީފައިވާ ކަމަށެވެ. މިގޮތުން، ފުލެޓު ލިބޭނެ ކަމުގެ ލިޔުން ނެތްނަމަ، ފުލެޓު ލިބޭނެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ހައުސިން މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ކަމާ ގުޅޭ އިދާރާއަކުން އާންމުކޮށްފައިވާ ލިސްޓަކުން ނުވަތަ ދޫކޮށްފައިވާ އެހެން ލިޔުމަކުން އޭރު ފުލެޓު ލިބޭކަން ކަށަވަރުވާނަމަ އެ ފަދަ މައުލޫމާތެއް ނުވަތަ ލިޔުމެއް ހުށަހެޅޭނެއެވެ.
މި ސަރުކާރުގެ ސިޔާސަތު 'އެންމެނަށް ބޯހިޔާވަހިކަން'ގެ ދަށުން އަންނަ އޭޕްރީލް 17 ވަނަ ދުވަހުގެ 23:59ގެ ނިޔަލަށް ފުލެޓަށް އެދި ހުށަހެޅެއެވެ.
ފުލެޓާއި ގޯތި ދިނުމަށް ކަނޑައަޅާފައިވާ އުސޫލުގައި ބުނާ ގޮތުން، އެ ކަމަށް އެދި ކުރިމަތިލާންވާނީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނެވެ. މި ސްކީމުގެ ދަށުން 7900 ފުލެޓު ދޫކުރާއިރު، 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ