ކޮލޮމްބިއާގައި ރަމަޟާން މަަސް: މުސްލިމުންގެ އާބާދީ މަދަސް، އެއްބައިވަންތަ ރޫހެއް

ކޮލޮމްބިއާގެ ބޮގޯޓާގެ ޤުރުޠުބީ އިސްލާމީ މަރުކަޒުގައި ނަމާދު ކުރަނީ -- ފޮޓޯ/ އަލް ޖަޒީރާ

އުމުރުން 14 އަހަރުގެ ޒިއާއުއްދީން ޔަހްޔާ އިގްބާލް އުފަންވެ ބޮޑުވީ ކޮލޮމްބިއާގައެވެ. އެ ގައުމުގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ ނަސާރާ ދީނު ދީނުގެ މީހުންނެވެ. އެގޮތުން، އާބާދީގެ ގާތްގަނޑަކަށް 63 އިންސައްތަ މީހުންނަކީ ކެތޮލިކް ގަބޫލުކުރުންތަކަށް ތަބާވާ މީހުންނެވެ.

ނަމަވެސް ޒިޔާއަކީ ކޮލޮމްބިއާގެ އާބާދީގެ 85،000 އާއި 100،000އާ ދެމެދުގެ އަދަކަށް މީހުން ހިމެނޭ މުސްލިމު މުޖުތަމައުއަށް ނިސްބަތްވާ ކުއްޖެކެވެ.

ކޮލޮމްބިއާގެ ބައެއް މުސްލިމުން ދައްކުވައިދެނީ މި ސަރަހައްދަށް ހިޖުރަކުރުމުގެ މުއްސަނދި ތާރީޚެވެ. އެ މުޖުތަމައުގައި ދިރިއުޅޭ ބައެއް މީހުންނަކީ އުމުރުގެ ވަކި ހިސާބަކުން އިސްލާމް ދީން ގަބޫލުކޮށްފައިވާ މީހުންނެވެ.

"ކޮލޮމްބިއާގެ އިސްލާމީ ޖަމާއަތަކީ ކުޑަ ޖަމާއަތެއް ނަމަވެސް ތަފާތު ޖަމާއަތެއް،" ޒިޔާ ބުންޏެވެ.

ރަމަޟާން މަހުގެ ކުރިން ބޮގޯޓާ އަދި މެޑެލިން ފަދަ ސިޓީތަކުގެ މުސްލިމް ޖަމާއަތްތަކުން ވަނީ އެ ސަރަހައްދު ޒީނަތްތެރިކޮށް މިސްކިތްތައް ވެސް ސާފުކޮށް ތަރުތީބުކޮށްފައެވެ.

ބޮގޯޓާގެ ޤުރުޠުބީ އިސްލާމީ މަރުކަޒުގައި ރަމަޟާން މަހުގެ ފުރަތަމަ ރޭ އިމާމުވެ ނަމާދު ކުރި ޝައިޚް އަޙްމަދު ޤުރުޠޫބީ -- ފޮޓޯ/ އަލް ޖަޒީރާ

"މިސްކިތަށް އަންނަ މީހުންގެ ތެރެއިން ގިނައީ ކޮލޮމްބިއާ މީހުން ނަމަވެސް ޓްރިނިޑާޑް އެންޑް ޓޮބޭގޯ، ތޫނިސް، ޕާކިސްތާން އަދި އެހެނިހެން އަރަބި ގައުމުތަކުގެ މީހުންވެސް މަދުމަދުން ފެނޭ،" މީގެ ހަތަރު އަހަރު ކުރިން މިސްރުން މެޑެލިންއަށް އައި، އިމާމް މުޢުތަސެމް އަބްދޯ ބުންޏެވެ.

އޭނާ ބުނީ ކޮލޮމްބިއާގެ މުސްލިމް ޖަމާއަތަކީ ނިސްބަތުން ކުޑަ ޖަމާއަތަކަށް ވާތީ، މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުން އެ ގައުމަށް އަންނަ މީހުން، އަމިއްލަ ގައުމުގެ ރޯދަމަސް ފާހަގަކުރާ ކުލަގަދަ ގޮތްތަކުގެ މަތިން ހަނދާންއާ ކުރާ ކަމަށެވެ.

ލެޓިން އެމެރިކާގައި މުސްލިމުންގެ އާބާދީ އެންމެ ފުރަތަމަ އިތުރުވީ 20 ވަނަ ގަރުނުގެ ކުރީކޮޅު އުސްމާނީ ދައުލަތް ރޫޅިގެން ދިޔަ ފަހުންނެވެ.

ކޮލޮމްބިއާގައި މުސްލިމުން ގިނަވުމަށް ހިނގި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 1970 ގެ އަހަރުތަކުގައި ލުބުނާނުގައި ހިނގި ދާޚިލީ ހަނގުރާމައެވެ. މި ހަމަނުޖެހުމުގެ ސަބަބުން ލުބުނާނުގެ ގާތްގަނޑަކަށް އެއް މިލިއަން މީހުން ވަނީ އެކި ގައުމުތަކަށް ހިޖުރަކޮށްފައެވެ. އޭގެތެރޭގައި ގިނައީ މުސްލިމުންނާއި ނަސާރާ ދީނުގެ މީހުން ކަމަށްވާއިރު، ގިނަ ބަޔަކު ކޮލޮމްބިއާއަށް ވެސް ހިޖުރަކުރިއެވެ.

ކޮލޮމްބިއާއަށް މީހުން ހިޖުރަކުރުންވީ، އެ ގައުމުގެ މުސްލިމް މުޖުތަމައު އިތުރުވި ސަބަބަކެވެ.

މަސްދަރު: އަލްޖަޒީރާ

comment ކޮމެންޓް