ކޮލަމްބިއާއަށް އައި ބާރުގަދަ ބިންހެލުމެއްގައި 100އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ކޮލަމްބިއާއަށް އައި ބިންހެލުމުގައި 111 މީހުން މިހާތަނަށް ވަނީ މަރުވެފައި. ފޮޓޯ/އޭޕީ

ކޮލަމްބިއާގެ ހުޅަނގަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

މި ގަރުނުގައި މިހާތަނަށް ކޮލަމްބިއާއަށް އައި އެންމެ ބާރުގަދަ ބިންހެލުމުގައި އިމާރާތްތައް ވެއްޓި ހޮސްޕިޓަލްތަކާއި އެހެނިހެން ވަސީލަތްތަކަށް ވަނީ ގެއްލުންވެފައެވެ.

މަރުވި މީހުންގެ އަދަދު މިހާތަނަށް 111 އަށް އަރާފައިވާއިރު، އެ އަދަދު އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކޮލަމްބިއާގެ ޖިއޮލޮޖިކަލް ސާވިސް އިން ބުނި ގޮތުގައި 7.4 މެގްނިޓިއުޑްގެ ބާރުމިނުގައި އެ ބިންހެލުން އައިސްފައިވަނީ 103 ކިލޯމީޓަރު (64 މޭލު) އަޑިން ކޮލަމްބިއާ ގަޑިން 07:34 (12:34 ޖީއެމްޓީ) ގައެވެ.

ގިނަ މީހުން މަރުވެފައިވަނީ ކޮލަމްބިއާގެ ކޮފީ އުފައްދާ ސަރަހައްދުގެ ޕެރެއިރާ ސިޓީއަށެވެ. އިތުރު ސިޓީތަކަށާއި ވެލް ޑެލް ކައުކާ ސަރަހައްދަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

ބިންހެލުން އައިސްފައި ވަނީ 7.4 މެގްނިޓިއުޑްގެ ބާރުމިނުގައި. ފޮޓޯ/އޭޕީ

ކޮލަމްބިއާގެ އޮތޯރިޓީތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕެރެއިރާ ސިޓީގެ މެޓްރޯޕޮލިޓަން އޭރިއާގައި 40 މީހުން މަރުވެފައިވާއިރު، 65 އިމާރާތެއް ވެއްޓިފައިވެއެވެ. އޭގެ ތެރެއިން 15 ތަނެއްގައި މީހުން ތާށިވެފައިވާ ކަމަށް ބެލެވެއެވެ.

އެ ސިޓީގެ ބައެއް ސަރަހައްދުތަކުގައި މިއަދު ހަވީރު 05:00 އާ ހަމައަށް ކާފިއު ވެސް ވަނީ އިއުލާނުކޮށްފައެވެ.

ޕެރެއިރާގެ ދެކުނުން ގާތްގަނޑަކަށް 160 ކިލޯމީޓަރު ދުރުގައި އޮންނަ ކާލީގައި 32 އިމާރާތް ވެއްޓިފައިވެއެވެ.

ޗޮކޯ އަދި ވެލެ ޑެލް ކައުކާ މަނިޒާލެސް، ކުއިބްޑޯ، މެޑެލިންއިންވެސް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ވަނީ ބެެލެވިފައި. ފޮޓޯ/އޭޕީ

އެގައުމުގެ އޭވިއޭޝަން އޮތޯރިޓީން ވަނީ ޕެރެއިރާ، މަނިޒާލޭސް، ކުއިބްޑޯ، އަރްމީނިއާ، ކާޓާގޯ އަދި ބުއެނަވެންޗޫރާ ފަދަ ސަރަހައްދީ އެއާޕޯޓްތަކަށްވެސް ބިންހެލުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

ވެރިރަށް ބޮގޯޓާގައި ގަސްތަކާއި ޓްރެފިކް ލައިޓްތައް ވެއްޓި, އާއްމު ދަތުރުފަތުރަށް ވަރަށް ބޮޑަށް ލޮޅުންއަރާފައިވާއިރު، އިމާރާތްތަކުގައި ރެނދުލާފައިވާ ކަމަށް ރިޕޯޓްތައް ބުނާ ނަމަވެސް މިހާތަނަށް އެ ސިޓީގެ އިންފްރާސްޓްރަކްޗަރަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ.

ބިންހެލުމުގެ އަސަރު އަވަށްޓެރި ވެނެޒުއެލާ، އިކުއެޑޯ އަދި ޕެނަމާއާ ހަމައަށް ވެސް ކޮށްފައިވެއެވެ.

މި ބިންހެލުން އައިސްފައި މި ވަނީ ވެނެޒުއެލާގެ އުތުރަށް ވިދިވިދިގެން ދެ ބިންހެލުން އައިސް 6،300 އަށް ވުރެ ގިނަ މީހުން މަރުވިތާ ދެ މަސް ނުވަނީހެވެ.

ބިންހެލުމާ ގުޅިގެން ކޮލަމްބިއާގެ ރައީސް އަބެލާޑޯ ޑެ ލާ އެސްޕްރިއެލާ ވަނީ ގައުމީ ކާރިސާގެ ހާލަތު އިއުލާންކޮށް، ކުއްލި ހާލަތުގައި ދޭނެ ޚާއްސަ ބާރުތަކެއް ކަނޑައަޅުއްވާފައެވެ.

comment ކޮމެންޓް