ޖޭއެސްސީއަށް ހައިކޯޓު ފަނޑިޔާރު ޝަފީއު އައްޔަނުކުރައްވައިފި

ޖޭއެސްސީއަށް ހައިކޯޓު ފަނޑިޔާރު ޝަފީއު އައްޔަނުކުރައްވައިފި -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެންބަރުކަމުގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު ޙަސަން ޝަފީޢު މިއަދު އައްޔަންކުރައްވައިފިއެވެ.

އެންމެ ފަހުން ޖޭއެސްސީގައި އެ ކޯޓު ތަމުސީލުކުރެއްވީ ފަނޑިޔާރު މުހައްމަދު ނިޔާޒުއެވެ. އެކަމަކު، އޭނާވަނީ ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައެވެ.

މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަނޑިޔާރު ޝަފީޢު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ. އޭނާއަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ފަނޑިޔާރު ޝަފީޢުއާއި ހަވާލުކޮށްދެއްވާފައެވެ.

ޝަފީޢުއަކީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ (އެލްއެލްބީ) ހާސިލުކުރައްވައި، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޝަފީޢު އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 27 އޮކްޓޫބަރު 2013 ގައެވެ. އެ ދުވަހު ޝަފީޢު އައްޔަން ކުރެވުނީ ފެމިލީ ކޯޓުގެ ގާޟީކަމަށެވެ.

ޝަފީއުއަކީ ހައިކޯޓުގައި ފާހަގަކޮށްލެވޭ ބޮޑެތި މައްސަލަތަކެއް ބެއްލެވި ފަނޑިޔާރެކެވެ. އޭގެ ތެރޭގައި ރައީސް ޔާމީނަށް، މިދިޔަ ރިޔާސީ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ގެއްލުނު މައްސަލައިގެ އިސްތިއުނާފު ބެންޗުގައި ވެސް ޝަފީއު ހިމެނިވަޑައިގެންނެވިއެވެ. ޝަފީއު ހިމެނިވަޑައިގެންނެވި ބެންޗުންވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށްފައެވެ. އެކަމަކު ހުކުމް ބާތިލު ކުރިއިރު، ރިޔާސީ އިންތިހާބަށް އެދި ކުރިމަތިލުމުގެ މުއްދަތު ފަހަނައަޅައި ގޮސްފައިވުމުން ޔާމީނަށް ވާދަނުކުރެއްވުނީއެވެ.

comment ކޮމެންޓް