އިންޑިއާގެ އަސްކަރިއްޔާއިން ބޭއްވި ހަރަކާތެއްގައި އެމްއެންޑީއެފް ކޯސްޓްގާޑު ބައިވެރިވެއްޖެ

އިންޑިއާގެ އަސްކަރީ ހަރަކާތުގައި އެމްއެންޑީއެފް ކޯސްޓްގާޑު ބައިވެރިވަނީ ---- ފޮޓޯ/ އެމްއެންޑީއެފް

އިންޑިއާގެ އަސްކަރިއްޔާއިން ބޭއްވި ހަރަކާތެއްގައި އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ބައިވެރިވެއްޖެއެވެ.

އިންޑިއާގެ ވިޝާކަޕަޓްނަމްގައި ކުރިއަށް ގެންދާ މި ހަރަކާތަކީ، ބައިވެރިވާ ގައުމުތަކުގެ އަސްކަރީ އުޅަނދުތައް އެއް ތަނަކަށް ޖަމާވެގެން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތެކެވެ.

ހަތް ދިހަ ހަތަރު ގައުމަކުން ބައިވެރިވި މި ފްލީޓުގައި 85 އަސްކަރީ އުޅަނދު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި، އިންޑިއާ ކަނޑުގެ ސިފައިންގެ 66 އުޅަނދަކާއި ބޭރުގެ އެކި ގައުމުތަކަށް ނިސްބަތްވާ 19 އުޅަނދު ހިމެނެއެވެ.

އިންޑިއާގެ އަސްކަރީ ހަރަކާތުގައި އެމްއެންޑީއެފް ކޯސްޓްގާޑު ބައިވެރިވަނީ ---- ފޮޓޯ/ އެމްއެންޑީއެފް

އަންނަ ބުދަ ދުވަހާ ހަމައަށް ކުރިއަށްދާ މި ހަރަކާތުގައި ގައުމުތަކުގެ އަސްކަރީ އިސްވެރިން ވަނީ، ބަނދަރުކޮށްފައިވާ އުޅަނދުތަކުގެ ކައިރިން ކަނޑުމަގުން ދަތުރުކުރައްވައި ފްލީޓް ބައްލަވައިލައްވާފައެވެ.

މި އަހަރުގެ މި އަސްކަރީ ހަރަކާތުގައި ދިވެހި އަސްކަރިއްޔާގެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމެވެ.

މި ދަތުރުފުޅުގެ ތެރެއިން ސަލީމް ވަނީ، ބަންގްލަދޭޝާއި އިންޑިއާއާއި ސްރީލަންކާއާއި އޮސްޓްރޭލިއާގެ ވަފުދުތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަވާފައެވެ. އެ ބައްދަލުވުންތަކުގައި މަޝްވަރާކުރެއްވީ، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ދިވެހި ގައުމީ ދިފާއީ ބާރުގެ ފަރާތުން ފްލީޓުގައި ބައިވެރިވިވެޑަގައިގެންނެވި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމް [ކ]ގައި ---- ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ، ބައިނަލްއަގުވާމީ މިފަދަ ހަރަކާތެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ބައިވެރިވުމަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށާއި ބޭރުގެ ގައުމުތަކުގެ އަސްކަރިއްޔާތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށެވެ.

comment ކޮމެންޓް