ހިޔާ ޓަވަރުތަކަށް ވެސް ކުނި އަޅައި، ގޮނޑަކަށް ހަދަނީ

ހިޔާ ޓަވަރެއްގެ ލިފްޓު ކައިރިއަށް އަޅާފައި ހުރި ކުނިތައް އެޗްޑީސީން ނަގަނީ ---- ފޮޓޯ/ މަލްޝާ، އެކްސް

ހިޔާ ޓަވަރުތަކަށް ކުނި އަޅައި، ގޮނޑަކަށް ހަދާތީ އެ ކަން ކުރާ މީހުން ހޯދައި، ކުނި ނޭޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަންގަން ފަށައިފިއެވެ.

ރޯދަ މަހާ ދިމާކޮށް، ގޭތެރޭގައި ބޭނުންކުރާ ފަރުނީޗަރު ފަދަ ތަކެތި އާ ކުރުމަކީ ދިވެހީންގެ ތެރޭގައި އޮންނަ އާދައެކެވެ. އެ ކަމުގެ ތެރެއިން، ގިނަ ފަހަރަށް އުކާލާ ތަކެތިން އާއްމު ތަންތަން ގޮނޑަކަށް ހެދުމަކީ ކޮންމެ ރޯދަ މަހަކާ ދިމާކޮށް ވެސް އާއްމުކޮށް ހިނގާ ކަމެކެވެ.

އެ މައްސަލަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފުލެޓުތަކުގައި ވަރަށް ފަހުން ދިމާވިއެވެ. އެ މައްސަލައިގައި ދެ މީހަކު ޖޫރިމަނާ ވެސް ކުރިއެވެ.

https://sun.mv/217826

އެކަން މެދުކެނޑުނުތާ ގިނަ ދުވަސްތަކެއް ނުވެ، ހިޔާ ޓަވަރުތަކުގެ ތިރީގައި ހުސް ފޮއްޓާއި, ބޮޑެތި ފަރުނީޗަރުން ކުނި ފުނި ހަދާފައި ހުރި ފޮޓޯތައް އަންނަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ.

އެ ކުނި ތައް އަޅާފައި ހުރީ، ލިފްޓުތައް ކައިރީ ހުސްކޮށް އޮންނަ ސަރަހައްދަށެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި، އެޗްޑީސީގެ މުވައްޒަފުން އަންނަނީ ކުނިތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

'ސަން'އިން ސުވާލުކުރުމުން އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ހިޔާ ޓަވަރުތަކަށް ކުނި އަޅާ މައްސަލަ ފާހަގަވީ އިއްޔެ ކަމަށެވެ.

މިގޮތުން، އެ ތަންތަނަށް ކުނި އެޅުމަކީ މަނާ ކަމެއް ކަމަށާއި ކުނި އަޅާ މީހުން ދެނެގަނެ، އެ ކަން ނުކުރުމަށް އަންގަމުން އަންނަ ކަމަށް އެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، މިހާތަނަށް މީހަކަށް ފިޔަވަޅު އެޅިކަން ސާފުވެފައެއް ނުވެއެވެ.

comment ކޮމެންޓް