ބަނޑުހައިވުމާއި ކަރު ހިއްކުމަކީ ރޯދައިގެ ބައެއް!

ރޯދައިން ޙާޞިލު ކުރާން ބޭނުންވާ ތަޤުވާ އަކީ ހަމައެކަނި އަރާމާއި ލުއިގެ ތެރެއިން ލިބޭނެ އެއްޗެއްނޫން

ކޮންމެ އަހަރެއްގެ ރޯދަމަހާ އެކު ދިވެހީންގެ ދިރިއުޅުމުގެ މުޅި ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނާން ފެށިތާ އަދި މާކަ ގިނަ ދުވަހެއް ނުވާނެއެވެ. ރަސްމީ މަސައްކަތު ގަޑި ވަރަށް ބޮޑަށް ކުރު ކުރެއެވެ. މަދަރުސާތަކުގެ ކިޔެވުމުގެ ބޮޑު ބައެއް ބަންދު ކުރެއެވެ. ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ވަގުތު ކުރު ކޮށްލައެވެ. ބައެއް ކަހަލަ މަސައްކަތްތައް ކުރާ މީހުން ރޯދައަށް ޗުއްޓީ ނަގައިގެން އެއްވެސް މަސައްކަތެއް ނުކޮށް މުޅި ރޯދަމަސް އެ ގޮތުގައި ދުއްވާލައެވެ.

މިއީ ގިނަ ބަޔަކު މިއާ މެދު ހިތްހަމަ ނުޖެހިދާނެ މައުޟޫޢަކަށް ވިޔަސް، މި ސުވާލުތައް ކޮށްލަމާ ހިނގާށެވެ! އިސްވެ ފާހަގަ ކުރި ކަންކަން އެއީ ހަމަ މިކަން އޮންނާންވީ ގޮތް ހެއްޔެވެ؟ މާތްﷲ ރޯދަ ފަރުޟު ކުރެއްވީ އެ އަޅުކަން އަދާ ކުރާ މީހާ އޭނާގެ ދުނިޔެވީ މަސްއޫލިއްޔަތުތައް ދޫކޮށްލާން ޖެހޭ ގޮތަށް ހެއްޔެވެ؟ ނުވަތަ ބަނޑުހައިހޫނުކަމުގެ ތެރޭގައި ވެސް ވާޖިބުތައް އަދާ ކުރާން ދަސްކޮށްދިނުމަށް ހެއްޔެވެ؟ ރޯދައިން ޙާޞިލު ކުރާން ބޭނުންވާ ތަޤުވާވެރި ކަމަކީ، ހަމައެކަނި އަރާމާއި ލުއިގެ ތެރެއިން ލިބޭނެ އެއްޗެއްކަމަށް އަހުރެމެން ދެކެނީ ހެއްޔެވެ؟

ރޯދައަށް ހުންނަ މީހާ އަށް އިހުސާސް ކުރެވެނީ ހަގީގީ ބަނޑުހައިވުމާއި ކަރުހިއްކުމެވެ. އެއީ ރަމްޒީ ކަމެއްނޫނެވެ. ރޯދައިގެ އަސްލު ބޭނުމަކީ ވެސް އެއީއެވެ. މާތްﷲ ވަޙީކުރައްވާފައިވެ. ((يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ))(އަލްބަޤަރާ، 183). "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ".

މި އާޔަތުގައި، ރޫޙާނީ އިސާސެއް ކުރުމަށް އެންގެވުމުގެ ބަދަލުގައި އަންގަވާފައި އެވަނީ ތަޤުވާވެރި ވުމަށެވެ. ތަޤުވާއަކީ ނަފްސުގެ އެދުންތައް ހިފަހައްޓައި، ﷲ އަށް ބިރުވެތިވުމުގެ އަޚްލާގީ ސިފައެވެ. ތަޤުވާގެ ރޫޙާނީ ބަޔަކީ ތިމާގެ ނަފްސާ ދެކޮޅަށް ކުރާ މާއްދީ ޢަމަލުތަކެއްގެ ނަތީޖާއެވެ. އެއީ ކެއިންބުއިމާއި ޝަހުވަތްތަކުން ދުރުހެލިވުމަށް ހަށިގަނޑުން އުފުލާ ތަކުލީފާއި، ވަރުބަލިކަމުގެ ތެރެއިން އުފެދިގެން އަންނަ ރޫޙާނީ ބާރެކެވެ. އެކަން އުފެދެނީ ނަފްސުގެ އެދުންތަކުން ދުރުވެ، ކެތްތެރިކަން އިސްކުރުމުގެ ތެރެއިންނެވެ. އަޅުކަމުގެ ހަގީގީ ފޮނިމީރުކަމާއި ރޫޙާނީ ލައްޒަތު އިހުސާސް ކުރެވެނީ، އެކަމަށްޓަކައި ނަފްސު ތަރުބިއްޔަތުކޮށް އުފުލާ ބުރައަށް ފަހުގައެވެ.

އިބުނު ކަޘީރު އެކަލޭގެފާނުގެ ތަފުސީރު (2003) ގައި ބަޔާންކުރައްވާ ގޮތުގައި، ރޯދައިގެ އަސްލު މަޤްޞަދަކީ ނަފްސު ތަޒުކިޔާ ކޮށް، އިންސާނާގެ ކިބައިގައި ހުންނަ ނުބައި މިޒާޖާއި ނޭދެވޭ އަޚްލާގީ ސިފަތަކުން ނަފްސު ޠާހިރުކުރުމެވެ. މިއީ ނަފްސުގެ އެދުންތަކާ ދެކޮޅަށް ކުރެވޭ ޖިހާދެކެވެ. ވީމާ، ތަޤުވާގެ މި "ނަފްސު އިޞްލާޙުކޮށް ސާފުކުރުމުގެ" މަރުޙަލާއަކީ، އަރާމާއި ލުއިގެ ތެރެއިން ފުރިހަމަވާނެ ކަމެއް ނޫނެވެ.

ކީރިތި ރަސޫލާ ﷺ ރޯދަފުޅު ވީއްލަވާ ވަގުތު ވިދާޅުވެއެވެ. ((ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شَاءَ اللهُ))(އަބޫދާއޫދު، 2357). ކަރުހިއްކުން ފިލައިފިއެވެ. ނާރުތައް ތެމިއްޖެއެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ އަޖުރު ސާބިތުވެއްޖެއެވެ." މި ބަސްފުޅުގައި، "ކަރުހިއްކުން ފިލައިފި" ކަމަށް ވިދާޅުވުމުން އެނގެނީ، ރޯދައިން ލިބޭ ވަރުބަލިކަމާއި ޖިސްމާނީ ބުރައަކީ އެ އަޅުކަމުގެ ބައެއް ކަމެވެ.

އިބްނުލް ޤައްޔިމް (1994) އާއި އިމާމް ޣަޒާލީ (2011) ފާހަގަކުރައްވާ ގޮތުގައި، ރޯދައަކީ ނަފްސުގެ ޝަހުވަތްތައް މައިތިރިކޮށް، ތަޤުވާވެރިކަމަށް ރޫޙު ވަރުގަދަކުރަން އޮތް ތަމްރީނެކެވެ. ކޮންމެ ތަމްރީނެއްގައިވެސް އުނދަގޫތަކެއް ހުންނަފަދައިން، އެ އުނދަގޫތައް ތަޖުރިބާ ނުކޮށް ރޯދައިގެ އަޅުކަން ވެސް ފުރިހަމައެއް ނުކުރެވޭނެއެވެ. އަދިކިއެއްތަ؟ ނަމާދާއި ޙައްޖުގެ އަޅުކަން އަދާކުރުމާއި، ނަފުސު އެދޭ ނުބައި ޝަހުވަތްތަކާ ދުރުވެގެން ހުރުމާއި، ހެޔޮ ޢަމަލުތައް ކުރުން މަތީ ދެމި ހުރުމަކީ ވެސް ނަފްސާ ދެކޮޅަށް ކުރެވޭ ޖިހާދެކެވެ.

އިބްނު ޢާޝޫރު އޭނާގެ ފޮތް، މަޤާޞިދުއްޝަރީޢަތިލްއިސްލާމިއްޔާ (2006، 24) ގައި ބަޔާންކުރައްވާ ގޮތުގައި، "އަޅުކަންތަކަކީ ހަމައެކަނި ރޫޙާނީ އިހުސާސަކުން ނިންމާލެވޭނެ ކަންތައްތަކެއް ނޫނެވެ. އެއީ ނަފްސު ތަރުބިޔަތުކޮށް، ފަރުދުން އިޞްލާޙުކުރުމަށްޓަކައި ކަނޑައަޅާފައިވާ ޢަމަލީ ނިޒާމެކެވެ". މި ބަސްފުޅުން އެނގެނީ ހަގީގީ ތަޤުވާވެރިކަން މިންކުރެވޭނީ ވަރުބަލިވެފައި ހުންނައިރު ވެސް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވައި ރުޅި ކޮންޓްރޯލު ކުރުމުން ކަމެވެ. ބަނޑުހައިވެ ކަރުހިއްކައިގެންފައި ހުންނައިރު ވެސް ނަޒާހަތްތެރިކަމާއި ތެދުވެރިކަން އިސްކޮށް، ފަރުވާތެރިކަމާއެކު މަސްއޫލިއްޔަތުތައް އަދާ ކުރުމުން ކަމެވެ.

ކީރިތި ރަސޫލާ ﷺ ގެ ސީރަތުން މިކަން ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ. އެކަލޭގެފާނު ރޯދައަށް ހުންނަވައިގެން ވެރިކަން ކުރެއްވިއެވެ. މީސްތަކުންގެ މެދުގައި އުފެދޭ ދެބަސްވުންތައް ފައިޞަލާ ކުރައްވައި، އުއްމަތުގެ މުސްތަޤުބަލާ ގުޅޭ ބޮޑެތި ނިންމުންތައް ނިންމެވިއެވެ. އިސްލާމީ ތާރީޚުގެ އެންމެ ބޮޑު ދެ ކާމިޔާބީ ކަމުގައިވާ ބަދުރު ހަނގުރާމައާއި މައްކާ ފަތަޙަކުރެއްވުމުގެ މަތިވެރި ހާދިސާތައް ހިނގީ ރަމަޟާން މަހުގެ ތެރޭގައެވެ. ރޯދައަށް ތިބުމުން ކުރިމަތިވާ ބަނޑުހައިހޫނުކަމާއި ވަރުބަލިކަމުގެ ސަބަބުން، ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގަތުމަށް އެކަލޭގެފާނު ފަސްޖެހިވަޑައެއް ނުގަންނަވައެވެ. މިއީ ރޯދަމަހަކީ މުސްލިމުންގެ މަސައްކަތްތައް ހުއްޓުމަކަށް ގެންނާން ޖެހޭ މަހެއް ނޫންކަމާއި، އޭގެ ބަދަލުގައި އެއީ އަޚްލާޤީ ބާރު ގަދަކޮށް އާ ޖޯޝެއްގައި މަސައްކަތް ކުރާންވީ މަސްކަން އަންގައިދޭ ދަލީލެކެވެ.

ހަމައެފަދައިން، އަހުރެމެންގެ ކުރީގެ ޖީލުތަކަށް ބަލާއިރު، ކާބަފައިން ރޯދަ ހިފީ މިއަށްވުރެ މާ ހޫނުގަދަ އަދި މާ ދަތި އުނދަގޫ ހާލަތްތަކުގައެވެ. ނަމަވެސް، އެ މީހުން ބަނޑުހައިހޫނުކަމަށް ކެތްކޮށް، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އަދި ވިޔަފާރީގެ ބުރަ މަސައްކަތްތަކުގައި ދެމި ތިއްބެވެ. ރޯދަ ހިފުމަކީ މަސައްކަތް ނުކުރެވޭނެ ބަލިކަށި ހާލަތެއް ކަމަށް ހަދައި، މުޅި ދިރިއުޅުމުގެ ނިޒާމު ބަދަލެއް ނުކުރެއެވެ. ރޯދައަށް ތިބުމަކީ މަސައްކަތާ ދުރުހެލިވާން އޮތް ބަހަނާއެއްގެ ގޮތުގައި ނުހަދައެވެ.

ވީމާ، ރޯދައަކީ ތިމާގެ އަމިއްލަ އެދުންތަކަށް ފެތޭ ގޮތަށް ދިރިއުޅުން ބަދަލު ކުރުމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އުނދަގޫތަކުގެ މައްޗަށް ނަފްސު ގަދަވެގަތުމެވެ. ރޯދަ ހިފުން އުޒުރަކަށް ހަދައި، މަސްއޫލިއްޔަތުތަކުން ރެކޭނަމަ އެ ނަގައިލެވެނީ ތަޤުވާގެ މަތީ ދަރަޖައަށް ދިއުމަށް ލިބޭ އެންމެ މަތިވެރި ފުރުޞަތެވެ. ބަނޑުހައިހޫނުކަމާއި ކަރުހިއްކުމާއި ވަރުބަލި ކަމުގެ އިހުސާސަކީ ރޯދައިގެ އަޅުކަމުގައި އެކުލެވޭ އަސާސީ ބަހާތަކެވެ. ސަބަބަކީ، އެ ބުރަކަމުގެ ތެރެއިން މެނުވީ، ކެރުންތެރި އުފެއްދުންތެރި އަދި ﷲ އަށް ކިޔަމަންތެރިވާ އަޚްލާގު ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެތީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް