ރާއްޖޭގައި ވޭޕްގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީއަކު، 959 ނެނޯސްޓިކާއެކު މާލޭން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކޮށް އަދި ގަވާއިދާ ޚިލާފަށް ވޭޕްގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައި ވާކަމަށެވެ.
ފުލުހުން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް، އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ 34 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ، ޗައިއޮން ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 959 ނެނޯ ސްޓިކާއި، 34 ފްލޭވާއާއި، ޑިސްޕޯސަބަލް 11 ސްޓިކް ފެނިފައި ވާކަމަށް ފުލުހުން ބުންޏެވެ.
އެ މުއައްސަސާއިން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މިފަދަ މައްސަލަތައް މި ފަހަކަށް އައިސް ވަނީ ގިނަވެފައެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވޭޕް އެތެރެކުރުން ވަނީ ނޮވެންބަރު 15، 2024ގައި މަނާކޮށްފައެވެ. އަދި ވޭޕް ގެންގުޅުމާއި ބޭނުންކުރުން، އޭގެ އެއް މަސް ދުވަސް ފަހުން ވަނީ މަނާކޮށްފައެވެ.