އުމުރުން އެންމެ 10 މަހުގެ މި ކުއްޖާގެ ގުނަވަންތަކުން ފަސް ކުއްޖެއްގެ ފުރާނަ ސަލާމަތްކޮށްދީފި

އަލީން ޝެރީން އަބްރަހަމް--ފޮޓޯ/ނިއުސް18

މީގެ ހަފްތާއެއްހާ ދުވަސްކުރިން އިންޑިއާގެ ކެރެލާގައި ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކާ ގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށް މަރުވި އުމުރުން އެންމެ 10 މަހުގެ ކުޑަ ކުއްޖެއްގެ ގުނަވަންތައް ހަދިޔާކޮށް އިތުރު ފަސް ތުއްތު ކުދިންގެ ފުރާނަ ސަލާމަތް ކުރުމުގައި ނަމޫނާ ދައްކައިފިއެވެ.

ކެރެލާގެ މަގުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން ގުނަވަންތައް ހަދިޔާކުރި މި ކުއްޖާ އަކީ އަލީން ޝެރީން އަބްރަހަމް ކިޔާ އަންހެން ކުއްޖެކެވެ.

އަލީންގެ މަންމަގެ އިތުރުން މާމަ އާއި ކާފަ ދަތުރުކުރި ކާރު އެކްސިޑެންޓްވެފައި ވަނީ ކޮއްޓަޔަމްއިން ތިރުވާލާއަށް ކުރި ދަތުރުގައި ހަތަރު އަނގޮޅިއެއްގައި ކުރިމަތިން އައި ކާރަކުން ޖެހިގެންނެވެ.

މި ހާދިސާގައި އަލީން އަށާއި ކާރުގައި ދެން ތިބި މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު އަލީންއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ޗަންގަނަރެސީ އާއި ތިރުވާލާ ހޮސްޕިޓަލްގައެވެ.

އަލީން މައިންބަފައިންނާ އެކު ކުރިން ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/ފޭސްބުކް

މި މަހުގެ ހަތް ވަނަ ދުވަހު އަލީން އިތުރު ފަރުވާއަށް ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް ގެންދިޔައިރު މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި އަލީންގެ ސިކުނޑި މަރުވެފައިވާކަން އެ ހޮސްޕިޓަލުގެ ޑޮކްޓަރުން އާއިލާއަށް ވަނީ އަންގާފައެވެ.

އަލީން މަރުވިކަން އާއިލާއަށް އެންގުމާ އެކު އާއިލާގެ ހުރިހާ މެމްބަރުން ވެސް ނިންމީ 10 މަހުގެ އެ ތުއްތު ކުއްޖާގެ ގުނަވަންތައް ބޭނުންޖެހިފައި ތިބި ކުދިންނަށް ހަދިޔާ ކުރުމަށެވެ.

އާއިލާއިން ވަނީ އަލީންގެ ދެ ކިޑްނީ ކެރެލާގެ ތިރުވަނަންތަޕޫރަމްގެ މެޑިކަލް ކޮލެޖުގައި ފަރުވާ ހޯދަމުން އަންނަ ތުއްތު ކުއްޖަކަށް ހަދިޔާކޮށްފައެވެ.

އަލީންގެ ފުރަމޭ ކިމްސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ހަ މަހުގެ ކުއްޖަކަށް ހަދިޔާކުރިއިރު ހިތުގެ ވޭލްވް ޓްރާންސްޕްލާންޓް ކުރުމަށް ހަމަޖެހިފައި ވަނީ ޓްރިވެންޑްރަމްގައި ހުންނަ ސްރީ ޗިތުރާ އިންސްޓިޓިއުޓްގައި ފަރުވާ ހޯދަމުން އަންނަ މީހަކަށެވެ. އަދި އަލީންގެ ލޯ ރައްކާކޮށްފައި ބާއްވަން ނިންމީ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލްގައެވެ.

އަލީންގެ ގުނަވަންތައް ހިފައިގެން ދަތުރުކުރި ސިއްހީ ޚިދުމަތްތެރިންގެ ޓީމު--ފޮޓޯ/ނިއުސް18

އަލީންގެ އާއިލާގެ ފަރާތުން އިތުރު ފަސް ފުރާނައެއް ސަލާމަތް ކުރުމުގައި މި ދެއްކި ނަމޫނާއާ އެކު 10 މަހުގެ މި ތުއްތު ކުއްޖާ ވެފައި ވަނީ ގުނަވަންތައް ހަދިޔާކުރި ކެރެލާގެ އެންމެ ހަގު ޑޯނަރަށެވެ.

އަލީންގެ ގުނަވަންތައް ހޮސްޕިޓަލްތަކަށް ގެންގޮސްފައި ވަނީ ވަރަށް ގިނަ ބަޔަކު ގުޅިގެން ކުރި މަސައްކަތާއި ހިތްވަރުންނެވެ. މި ކަމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ކެރެލާ ސްޓޭޓް އޯގަން އެންޑް ޓިޝޫ ޓްރާންސްޕްލާންޓް އޮގަނައިޒޭޝަން އާއި ހޯމް ޑިޕާޓްމަންޓްއިންނެވެ.

ކޮޗިންއިން ތިރުވަނަންތަޕޫރަމްއަށް ދިއުމަށް އާއްމުކޮށް ހަ ގަޑިއިރު ހޭދަވާއިރު އަލީންގެ ގުނަވަންތައް ހިފައިގެން ދަތުރުކުރި އެމްބިއުލާންސް ވަނީ ގަޑިއިރާއި 15 މިނެޓްތެރޭ އެ ސިޓީއަށް ދަތުރުކޮށްފައެވެ. މި ގުނަވަންތައް ހޮސްޕިޓަލްތަކަށް ލިބުމާ އެކު އެކަމާ ގުޅޭ ދެ ސާޖަރީއެއް ރޭގެ ވަގުތެއްގައި ކުރުމަށް ތާވަލުކުރެވިފައިވާ ކަމަށް ކެރެލާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

ރައްކާތެރިކަމާ އެކު އަލީންގެ ގުނަވަންތައް ޓްރިވެންޑްރަމަށް ގެނެސްދިނުމުގައި ހަރަކާތްތެރިވި ޓީމަށާއި މަގުމަތީގެ ރައްކާތެރިކަން ބެލެހެއްޓުމުގައި އެހީތެރިވި ފުލުހުން އަދި އާއިލާއަށް ކެރެލާގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހަމައެއާއެކު މި ހިތާމަވެރި ދަނޑިވަޅުގައި ވެސް އަލީންގެ އާއިލާއިން އިތުރު ފުރާނަތަކެއް ސަލާމަތް ކުރުމަށް ނިންމި ނިންމުމަށް އިހުތިރާމްކޮށް ޝުކުރުވެރިވާ ކަމަށް ހެލްތު މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް