ޞާލިޙުގެ ސަރުކާރުގައި މިސްކިތްތަކަށް ގެއްލުންދިން މީހުންނަށް އަދަބެއް ނުދޭ: ޤާސިމް

ގާސިމް އިބްރާހީމާއި ރައީސް ޞާލިޙް: މިދިޔަ ސަރުކާރުން މިސްކިތްތަކަށް ގެއްލުންދިން މީހުންނަށް އަދަބު ނުދޭ ކަމަށް ވިދާޅުވި -- ފޮޓޯ/ ޖޭޕީ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި މިސްކިތްތަކަށް ގެއްލުންދިން މީހުންނަށް ސަރުކާރުން އެއްވެސް އަދަބެއް ދީފައިނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން، މިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ޖެހެންދެން ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ހުންނެވި ޤާސިމް، ސީދާ ބިލަށް ތާއީދުކުރައްވާ ކަމަށް ނުވަތަ ނުކުރައްވާ ކަމަށް ވެސް ވިދާޅެއްނުވެއެވެ.

އެކަމަކު ޤާސިމް ވިދާޅުވީ، މިސްކިތްތަކަށް ގެއްލުންދިނުން ހުއްޓުވަން ގާނޫނެއް ހެދިގެން ދިއުން ޚާއްސަ ކަމަށާއި ނަމަވެސް އާންމު ގާނޫނުގެ ތެރެއިން މިހާރު ވެސް މިސްކިތްތަކަށް ގެއްލުންދޭ މީހުންނަށް ބޮޑެތި އަދަބުތައް ދެވެން އެބައޮތް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ދަންނަވާލަން މި އުޅެނީ އެކަން އެހެން އޮއްވައި، އާންމު ގާނޫނުތަކުގެ ތެރެއިން ދައުވާކުރެވެން އޮއްވާ އިސްވެދިޔަ ސަރުކާރުގައި މިސްކިތްތަކަށް އިހާނެތިކޮށް އަމަލުކުރި މީހުންނަށް އެ އަދަބުދިންތޯއޭ، ނުވަތަ އެކަން އެގޮތަށް ސަރުކާރުން ހިންގިތޯއޭ؟" ޤާސިމް ސުވާލުކުރެއްވިއެވެ.

"އަޅުގަނޑު ދަންނަވަން އޮތީ އެކަން ނުކުރެޔޭ،"

ވިލާ އެއާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް: އޭނާ ވަނީ އެމްޑީޕީއަށް ފާޑުކިޔާފައި -- ފޮޓޯ/ މަޖިލިސް

ޤާސިމް ވިދާޅުވީ، މިސްކިތްތައް އިމާރާތްކޮށް މަރާމާތުކުރެވޭނީ ދައުލަތުގެ ބަޖެޓުގައި ފައިސާ ހުރެގެން ކަމަށެވެ.

ޞާލިޙުގެ ސަރުކާރުގެ އިތުރުން، ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުތަކުން ވަނީ ދައުލަތް ދަރުވާލާފައި ކަމަށާއި އެ ހުރިހާ ބުރައެއް މި ސަރުކާރުން އުފުލަންޖެހިފައިވާ ކަމަށް 2008ގެ ފަހުން އައި ހުރިހާ ސަރުކާރުތަކެއްގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އުޅުއްވި ޤާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓަށް ފައިސާ ނުލިބޭތީ މިސްކިތްތައް މަރާމާތުނުކުރެވި ދިގުލައިގެން ދިއުމަކީ މިސްކިތްތަކަށް ހުރުމަތްތެރިކޮށް ނުހިތުމެއް ނޫނެވެ.

"ހުރަހަކަށް މި ވަނީ ދައުލަތުގެ އާމްދަނީ ލިބޭ މިންވަރު، ނުވަތަ ދައުލަތުން ދަރަނި ދައްކަންޖެހިފައިވާ މިންވަރު، އެ ކަމާ ހެދި މި އުޅެނީ ހަމަ ބޯހިއްލައިނުލެވިގެން،" އޭނާ ވިދާޅުވިއެވެ.

މިދިޔަ އެމްޑީޕީ ސަރުކާރު އޮތް ދުވަސްވަރު މިސްކިތްތަކަށް ގެއްލުންދިން މައްސަލަތަކުގައި އެއްވެސް މީހަކަށް އަދަބުނުދޭ ކަމަށް ޤާސިމް ވިދާޅުވިއިރު، ޤާސިމްގެ ޖުމްހޫރީ ޕާޓީއަކީ އެ ސަރުކާރުގެ އެއް ކޯލިޝަން ޕާޓްނަރެވެ. އަދި، ޤާސިމްގެ އަނބިކަނބަލުން ޢާއިޝަތު ނަހުލާއަކީ އެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރެވެ.

comment ކޮމެންޓް