ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓާ ޝްޓައިންމަޔާގެ ދަޢުވަތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އެ ގައުމަށް ކުރައްވާ ދަތުރުފުޅުގައި، އެ މަނިކުފާނަށާއި އެ މަނިކުފާނުގެ ވަފުދަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ.
އެ ރަސްމިއްޔާތު އޮތީ ޖަރުމަނުގެ ރިޔާސީ ގަނޑުވަރު ޝްލޮސް ބެލްވޫގައެވެ.
ރައީސް އޮފީހުން ބުނީ، މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒާއި ރައީސް ޝްޓައިންމަޔާ، އެ ދެބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައި ވާކަމަށެވެ. އެއަށްފަހު ދެ ޤައުމުގެ ވަފުދުގެ ބޭފުޅުން ތަޢާރަފުކޮށްދެއްވައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސް ސޮއިކުރައްވާފައި ވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. މިއީ ރާއްޖޭގެ ރައީސަކު، ޖަރުމަނުވިލާތުގެ ރައީސްގެ ދަޢުވަތަކަށް، އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ.
ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ، ޖަރުމަނުވިލާތުގެ ރިޔާސީ ގަނޑުވަރު، ޝްލޮސް ބެލްވޫގައެވެ.

ޖަރުމަނުން ރައީސަށް ރަސްމީކޮށް މަރުހަބާ ދެންނެވުން -- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒާއި ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓާ ޝްޓައިންމަޔާ އިސްކޮށް ތިއްބަވައިގެން ކުރިއަށްގެންދެވި ރަސްމީ މަޝްވަރާގައި، ރާއްޖެއާއި ޖަރުމަނުވިލާތުގެ ސަރުކާރުގެ އިސް އޮފިޝަލުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސް އޮފީހުން ވަނީ މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ބައިނަލްއަގުވާމީ މައިދާންތަކުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުމާއި، ދެ ގައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި މަތީ ފަންތީގެ މަޝްވަރާތަކާއި، ރަސްމީ އެއްބަސްވުންތަކުގެ އެހީގައި ގުޅުން ސިންދަފާތުކޮށް، އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށް ކަމަށް ބުނެފައެވެ.
ރައީސް ޖަރުމަނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެ ގައުމުގެ ވިޔަފާރިވެރީންނާ ބައްދަލުކުރަައްވައިފައިވެއެވެ. އެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ ރާއްޖޭގައި ބޭރު ފައިސާ ދައުރުވާ މިންވަރާއި، މި ގައުމަށް އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރު އިތުރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ.