ވޮޝިންޓަން (3 މެއި 2026): އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރު ގާނޫނީ ހަނގުރާމައަށް އެއްބާރުލުން ދޭން ދެކޮޅު ހެދި ނޭޓޯގެ ގައުމުތަކަށް އަދަބު ދޭނެކަން އެމެރިކާގެ ހަނގުރާމައާ ބެހޭ ވަޒީރު އިއުލާން ކުރައްވާފައިވަނިކޮށް، ޖަރުމަނުގެ ދިފާއަށް ރުކުރުވާލާފައިވާ އެމެރިކާގެ ލަޝްކަރުގައި ހިމެނޭ 35،000 ސިފައިންގެ ތެރެއިން 5،000 ސިފައިން އެ ގައުމުން ބާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.
ޓްރަމްޕް މިގޮތަށް ނިންމެވިކަން އެމެރިކާގެ ހަނގުރާމައާ ބެހޭ ވުޒާރާ ޕެންޓަގަންއިންވަނީ ކަށަވަރުކޮށްދީފައެވެ. ޕެންޓަގަންއިން ނެރުނު ބަޔާނެއްގައިވަނީ މި 5،000 ސިފައިން ބޭލުމުގެ އިތުރުން ޖަރުމަނުގައިވާ އެމެރިކާގެ ބައެއް ހަތިޔާރު ވެސް އަނބުރައި އެމެރިކާއަށް ގެންނާނެކަން ކަށަވަރުކޮށްދީފައެވެ.
މިއީ 1949 ވަނަ އަހަރު ހުޅަނގުގެ ދިފާއީ އިއްތިހާދުގެ ގޮތުގައި އަދި ޓްރާންސް އެޓްލާންޓިކް ދިފާއީ ގުޅުންތަކުގެ ހަބުގެ ގޮތުގައި ނޭޓޯ ވުޖޫދަށް އައުމަށް ފަހު، ނޭޓޯގެ ގައުމަކަށް އަދަބު ދިނުމުގެ ގޮތުން އެމެރިކާ ސިފައިން ނޭޓޯގެ ގައުމަކުން ބާލާ ފުރަތަމަ ފަހަރެވެ.
ޓްރަމްޕް މި ނިންމުން ނިންމަވާފައި މިވަނީ ނޭޓޯގައި ހިމެނޭ އެމެރިކާ ނޫން ގައުމުތަކާއި އެމެރިކާއާ ދެމެދު އެތައް މައްސަލަތަކަކާ ގުޅިގެން ގުޅުންތައް ވަރަށް ބޮޑަށް ނުތަނަވަސްވެ، އިތުބާރު ކުޑަވެފައިވާ ދަނޑިވަޅެއްގައެވެ. އަދި، ނޭޓޯގެ މެންބަރުންގެ މެދުގައި އެއްބައިވަންތަކަން ގެއްލި އެ ޖަމިއްޔާ ރޫޅިގެން ހިނގައިދާނެތޯ ސުވާލު ވެސް އުފެދިފައިވާ ވަގުތެއްގައެވެ.
ނޭޓޯގައި ހިމެނޭ ދެ ގައުމު ކަމަށްވާ ސްޕެއިނާއި އިޓަލީން ވަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރު ގާނޫނީ ހަނގުރާމައިގައި ބޭނުންކުރާ އަސްކަރީ އެއްވެސް އުޅަނދަކަށް އެ ދެ ގައުމުގެ ސަރަހައްދުތައް ބޭނުންކުރުން މަނާކޮށްފައެވެ. އަދި، މި ހަނގުރާމައާ ގުޅޭ އެއްވެސް ކަމެއްގައި އެމެރިކާއަށް އެއްބާރުލުން ދޭން ވެސް ދެކޮޅު ހަދާފައެވެ. މި ކަމާ ގުޅިގެން ޓްރަމްޕް ވަނީ ކޯފާވެ، އެ ދެ ގައުމަށް ވެސް އަދަބު ދޭނެކަން ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފައެވެ.
ޖަރުމަނުން އެމެރިކާ ސިފައިން ބޭލުމަށް ޓްރަޕް ނިންމެވީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރި ހަނގުރާމައިގައި އެމެރިކާ ވަނީ މަގުސަދު ހާސިލު ނުކުރެވި ސްޓްރެޓީޖިކް ގޮތުން ބަލިވެފައިކަން ދޭހަވާ މޭރުމަކުން ޖަރުމަނުގެ ޗާންސެލާ ފްރެޑްރިޗް މެޔަޒް ވާހަކަދެއްކެވުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. ޖަރުމަނުގެ ޗާންސެލާ މެޔާޒް ވަނީ ގަލްފުގައިވާ އެމެރިކާގެ ބޭސްތައް އީރާނުގެ ރައްދު ހަމަލާތަކުން ދިފާއުކުރުމުގައި އެމެރިކާއިން ނާކާމިޔާބުވެފައިވާއިރު ޖަރުމަނު ފަދަ ނޭޓޯގެ ގައުމުތައް އެމެރިކާއަށް ދިފާއުކޮށްދެވޭނީ ކިހިނެއްތޯ ދޭހަވާ މޭރުމަކުން އެމެރިކާގެ އަސްކަރީ ގާބިލުކަމަށް މަލާމާތްކުރައްވައި ވާހަކަދައްކަވާފައެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި އެމެރިކާއިން ބޮޑެތި ގޯސްތަކެއް ހަދަމުންދާކަން ފާހަގަކުރައްވައި ނޭޓޯގެ މެންބަރު ގައުމުތަކުގެ މެދުގައި ކުރިން އެމެރިކާއަށް އޮތް އިތުބާރު މިހާރު ކުޑަވެފައިވާކަމަށް ވިދާޅުވެ، މެޔާޒް ވަނީ ޓްރަމްޕްގެ ހަރުކަށި ސިޔާސަތުތަކަށް ފާޑުވިދާޅުވެ ދާދި ފަހުން ވާހަކަދައްކަވާފައެވެ.
މި މައްސަލައިގައި ޓްރަމްޕް ވަރަށް ބޮޑަށް ކޯފާވެ، މަޔާޒްއަށް ރައްދު ދެއްވުމަށް ފަހު ޓްރަމްޕް މިވަނީ ޖަރުމަނުގެ ދިފާއަށް ރުކުރުވާލާފައިވާ އެމެރިކާގެ ލަޝްކަރުގައި ހިމެނޭ 35،000 ސިފައިންގެ ތެރެއިން 5،000 ސިފައިން އެ ގައުމުން ބާލަން ނިންމަވާފައެވެ.
މުރާސިލުން ބުނާ ގޮތުގައި ސްޕެއިނާއި އިޓަލީން ވެސް އެމެރިކާ ސިފައިން ބޭލުމަށް ޓްރަމްޕް ނިންމެވުމަކީ އެކަށީގެންވާ ކަމެކެވެ.