އީރާނަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލައިފިނަމަ ޔުރޭނިއަމް މުއްސަނދިކުރާ މިންވަރު 60 ޕަސަންޓް މަދުކުރަން އީރާނުން ހުށަހަޅައިފިއެވެ.
ނަމަވެސް އެއީ ހަމައެކަނި އެމެރިކާއިން އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައްކަން ނުވަތަ އީރާނަށް އަޅާފައިވާ ހުރިހާ ފިޔަވަޅެއް ކަމެއް ސާފެއް ނޫނެވެ.
އީރާނުގެ ނިއުކްލިއާ އެނާޖީ އޭޖެންސީގެ ވެރިޔާ ވިދާޅުވީ، މުޙައްމަދު އިސްލާމީއާ ހަވާލާދީ އީރާނުގެ ރަސްމީ ނޫސް އޭޖެންސީ އައިއާރްއެންއޭ އިން ބުނީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި ނަމަ، އީރާނުން ޔުރޭނިއަމް ފައްކާކުރާ މިންވަރު މަދުކުރުމަށް ތައްޔާރު ކަމަށެވެ.
ޔޫރޭނިއަމް މަދުކުރުމޭ ބުނާ މާނައަކީ މުއްސަނދިކުރާ މިންވަރު ދަށްކުރުމަށްޓަކައި، އެހެން މާއްދާއަކާ އެއްކުރުމަށެވެ. މީގެ މައިގަނޑު މަގްސަދަކީ، އުފައްދާ އުފެއްދުންތައް ކަނޑައެޅިފައިވާ ވަކި ހުދޫދަކަށްވުރެ މަތިވިޔަނުދީ އެ މިންގަނޑުގައި ހިފެހެއްޓުމެވެ.
އީރާނުން އެގޮތަށް ބުނެފައިވާއިރު، އެ ގައުމުން އަނެއްކާވެސް ތައްޔާރުވަމުން އަންނަނީ އެމެރިކާއާއެކު ކުރާ ނިއުކްލިއާ މަޝްވަރާތަކުގެ ދެވަނަ ބުރަށެވެ. މަޝްވަރާތައް ބާއްވާނެ ވަކި ތާރީޚެއް އަދި ކަނޑަނާޅާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
މަޝްްވަރާތަކުގެ ފުރަތަމަ ބުރު މިދިޔަ ހުކުރު ދުވަހު ވަނީ އޮމާންގައި ބާއްވާފައެވެ.
ފުރަތަމަ ބުރުގެ މަޝްވަރާތަކަކީ ރަނގަޅު ފެށުމެއް ކަމަށް އީރާނުން ބުނެފައިވެއެވެ.
އެމެރިކާއާއެކު އީރާނުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހު އީރާނުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ރޫޅާލުމުގައި އެތައް ހާސް ބަޔަކު މެރި ކަމުގެ ތުހުމަތާ އެކު އެމެރިކާއިން އީރާނަށް ހަމަލާދޭނެ ކަމަށް ބުނުމުން ދެ ގައުމުގެ ދެމެދުގައި ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވަނިކޮށެވެ.
ފާއިތުވި ހަފުތާތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން އެއްބަސްވުމަކަށް ނުގޮސްފިނަމަ، ބޮމުގެ ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އިންޒާރުތަކަށް ފަހު ޓްރަމްޕް ވަނީ މެދުއިރުމައްޗަށް އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި ފަޔާ ޖެޓްތަކާއެކު މަތިންދާބޯޓު އުފުލާ ބޯޓެއް ވެސް ފޮނުވާފައެވެ.