އެމެރިކާގެ އަސްކަރިއްޔާއިން އިންޑިއާ ކަނޑުން ދަތުކުރަމުންދިޔަ ވެނެޒުއެލާއާ ގުޅުން ހުރި ތެޔޮ ޓޭންކަރެއް ހިފަހައްޓައިފިއެވެ.
ޕެންޓަގަން އިން ހޯމަ ދުވަހު ބުނީ އެ ޓޭންކަރު އަތުލައިގަތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެނެޒުއެލާގެ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުވުމަށް ހިންގި ކެމްޕޭނެއްގެ ތެރެއިން ކަމަށެވެ.
" އަކިލާ 2 އޮޕަރޭޓް ކުރަމުން ދިޔައީ އެމެރިކާއިން ކެރިބިއަން ސަރަހައްދުގައި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދުތައް ކަރަންޓީން ކުރުމާ ހިލާފަށް." ޕެންޓަަން އިން ބުނެފައިވެއެވެ.
އަދި އެމެރިކާ ސިފައިން ކެރީބިއަން ކަނޑުން ފެށިގެން އިންޑިއާ ކަނޑާ ހަމައަށް އެ ޓޭންކަރު ޓްރެކްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
"އެއްގަމާއި ވައިގެ މަގުން، ކަނޑު މަގުން އަހަރުމެންގެ ސިފައިން ތި އުޅަނދުތައް ހޯދައި އިންސާފު ފޯރުކޮށްދޭނެ." ޕެންޓަގަން އިން އިތުރަށް ބުނެފައިވެއެވެ.
ޕެނަމާގެ ދިދަ ޖަހާފައިވާ އަކިލާ 2 ޖެނުއަރީ މަހުގެ ކުރީކޮޅު ވެނެޒުއެލާގެ ކަނޑުގެ ސަރަހައްދުން ފުރައިގެން ގޮސްފައިވާއިރު، އެ ޓޭންކަރުގައި 700،000 ފީފާ ސާފުނުކުރާ ތެޔޮ ގެންދިޔަ ކަމަށް ވެނެޒުއެލާގެ ދައުލަތުގެ ތެޔޮ ކުންފުނި، ޕީޑީވީއެސްއޭގެ ރެކޯޑްތަކާ ހަވާލާދީ ރޮއިޓާސް ނޫހުން ބުނެފައިވެއެވެ.
އެމެރިކާއިން ވެނެޒުއެލާގެ ތެޔޮ ބޯޓުތައް އަތުލަން ފެށީ މިދިޔަ ޖެނުއަރީ މަހު އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ރަހީނު ކުރުމުގެ ކުރިން ޑިސެމްބަރު މަހުއެވެ.
ވެނެޒުއެލާގެ މައިގަނޑު އިގްތިސާދީ ވަސީލަތް ކަމަށްވާ ތެޔޮ ސަޕްލައި ކޮންޓްރޯލް ކުރުމަށް އެމެރިކާއިން ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުން ފެށިގެން ގާތްގަޑަކަށް ހަތް ތެޔޮ ޓޭންކަރު އެމެރިކާއިން ވަނީ އަތުލައިގެންފައެވެ.
އެމެރިކާއިން އިތުރު ހަމަލާތަކެއް ދިނުމުގެ އިންޒާރާއެކު ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް– ވަނީ އެގައުމުގެެ ދައުލަތުގެ ކޮންޓްރޯލް އޮންނަ ތެލުގެ ސިނާއަތް ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލުމަށް މިދިޔަ މަހު ގާނޫނެއްގައި ސޮއިކުރައްވާފައެވެ.
ނަމަވެސް އެމެރިކާ ސިފައިން އަދިވެސް އަންނަނި އެގައުމުގެ ތެޔޮ ބޯޓުތައް ހުއްޓުވައި ހިފެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.
އޯޕެކްގެ ފައުންޑިން މެމްބަރު ވެނެޒުއެލާ އަކީ ދުނިޔޭގައި ތެލުގެ ރިޒާވް އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
މަދޫރޯއާއި އަނބިކަނބަލުން ސީލިއާ ފްލޮރެސް ހިފަހައްޓައި ގައުމުން ބޭރަށް ގެންދިޔައީ ވެރިރަށް ކަރަކަސްއަށް ދިން ވަރުގަދަ ހަމަލާތަކަށްފަހު މިދިޔަ ޖެނުއަރީ 3 ވަނަ ދުވަހުއެވެ.
ހަމަލާ ދީފައި ވަނީ ވެނެޒުއޭލާއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގޭންގު މެންބަރުން އެމެރިކާއަށް ފޮނުވާ ކަމަށް ތުހުމަތު ކުރައްވައެވެ. އަދި އެކަމުގައި މަދޫރޯ ޝާމިލުވާ ކަމަށް ޓްރަމްޕް ތުހުމަތުކުރައްވައެވެ.