ދަރުމަވަންތަ ހޮސްޕިޓަލުގައި ނާރުގެ ބަލިތަކާއި ސްޓްރޯކަށް ހާއްސަ ސެންޓަރެއް

ދަރުމަވަންތަ ހޮސްޕިޓަލުގައި ނާރުގެ ބަލިތަކާއި ސްޓްރޯކަށް ހާއްސަ ސެންޓަރެއް ހުޅުވައިފި -- ފޮޓޯ: ޕީއެސްއެމް ނިއުސް

ދަރުމަވަންތަ ހޮސްޕިޓަލްގައި ނާރުގެ ބަލިތަކާއި ސްޓްރޯކަށް ޚާއްސަ ސެންޓަރެއް ރޭ ހުޅުވައިފިއެވެ.

ނާރުގެ ބަލިތަކާއި ސްޓްރޯކަށް ޚާއްސަކޮށްގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވި، "ނޭޝަނަލް ސެންޓާ ފޯ ނިއުރޯސައިންސް އެންޑް ސްޓްރޯކް"ގެ ޚިދުމަތްތައް އިފްތިތާހުކޮށްދެއްވީ މާލެ ސިޓި ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް އަބްދުއްރައްޒާގް ހަލީމެވެ.

އެ ސެންޓަރުގެ ޚިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހަލީމް ވިދާޅުވީ، އެސެންޓަރުގެ ސަބަބުން މުސްތަޤްބަލުގައި ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ ޒަމާނީ ވަސީލައްތަކާއެކު ސިކުނޑިއާއި މައިބަދައިގެ އޮޕްރޭޝަންތައް ކުރެވިގެންދާނެ ކަމަށެވެ. އަދި މުޅި ރާއްޖެ ގުޅާލެވޭ ވިއުގައެއް މެދުވެރިކޮށް ސްޓްރޯކްގެ ބަލިމީހުންނަށް ހަލުވިކަމާއެކު ފަރުވާލިބޭނެ ނިޒާމެއް ޤާއިމްވެގެންދާނެކަމަށެވެ.

މީގެ އިތުރުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއެކު ހިންގާ ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރިނަމަވެސް ފެންވަރު ރަނގަޅު ނާރުގެ ފަރުވާ ލިބުމަށް މަގުފަހިވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވަނީ ރޭ ހުޅުވި ސެންޓަރާއެކު، ނިއުރޯ ސައިންސާ ގުޅުންހުރި ދާއިރާތަކުން އިންޓަގްރޭޑެޓް ފަރުވާއެއް ބަލިމީހުންނަށް ލިބިދެވޭނެކަމަށް އުންމީދު ކުރެވޭއިރު ބަލިމީހަކަށް ދެވޭ ފަރުވާއަކީ ވަށާޖެހޭ ފަރުވާއަށް ހެދޭނީ ހޮސްޕިޓަލުގެ ކަމާ ބެހޭ ހުރިހާ ޑިޕާޓްމަންޓެއް ވެސް ގުޅިގެން، ކަމަށް ވިދާޅުވެފައެވެ.

ސެންޓަރުގެ ޚިދުމަތް ފެށޭއިރު ދިވެހި ފުރަތަމަ ނިއުރޮލިޖިސްޓް ޑރ. އަހުމަދު ރަޝީދާއި، ފުރަތަމަ ނިއުރޯ ސާޖަން ޑރ. އަލީ ނިޔާފްގެ އިތުރުން، ފުރަތަމަ ޕީޑިއަޓްރިކް ނިއުރޮލޮޖިސްޓް ޑރ. ސަމާހަތު އެ ސެންޓަރުން ބަލިމީހުން ބަލާނެއެވެ.

comment ކޮމެންޓް