އައްޑޫގައި ވިޔަފާރި ކުރަން ލުއިދީ، އައިޓީ ހަބަކަށް ހަދަނީ

އައްޑޫ ނޭޗާރ ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީއަކީ ވިޔަފާރި ކުރަން ފަސޭހަ ތަނަކަށް ހެދުމުގެ އިތުރުން, އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ)ގެ ހަބަކަށް އެ ސިޓީ ހައްދަވަން ނިންމަވާފައިވާ ކަމަށް, ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގަން ލުއިތައް ލިބިފައިވާ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި އެއީ އައިޓީ ހަބަކަށް ހެދުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ވިޔަފާރި ކުރަން ދޭ ލުއިތަކުގެ ތެރޭގައި ދައުލަތަށް ޓެކްސް އާއި ކުލި ދައްކަން ނުޖެހޭ ގޮތް ހެދުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ދާއިރާއަށް އިސްކަންދީގެން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދަވާ ކަމަށެވެ. އެގޮތުން މިހާތަނަށް 349 މިލިއަން ރުފިޔާ އެސްއެމްއީތަކަށް ދޫކޮށްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: --- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން ރާއްޖޭގެ ވިޔަފާރިތަކުން ހޯދި ޚިދުމަތްތަކުގެ ބިލްތަކަށް މިދިޔަ އަހަރު 6.3 ބިލިއަން ރުފިޔާ ދެއްކި ކަމަށާއި، އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ގިނަ އަހަރުވެފައިވާ 882 މިލިއަން ރުފިޔާގެ ބިލްތަކަށް، މިހާތަނަށް 469 މިލިއަން ރުފިޔާ ދައްކައިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެސްއެމްއީތައް ކުރިއަރުވަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އޮންލައިން ޕޭމެންޓް ސިސްޓަމެއް ނެތުން ކަމަށާއި، އެކަމަށް ހައްލު ގެނައުމަށްޓަކައި ރާއްޖެއަށް ތައާރަފު ކުރާ ޕޭޕަލްގެ ޚިދުމަތް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހި އުފެއްދުމެއް ކަމަށްވާ ސްވިފްޓް ވެސް މިހާރު، ބައިނަލްއަގުވާމީ ޕޭމެންޓް ނިޒާމެއްގެ ގޮތުގައި ތައާރަފުކޮށްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް