އިންޑިއާގެ މަޝްހޫރު "ޗައިތަންޔާ އައި ހޮސްޕިޓަލް"ގެ ލޮލުގެ ޚާއްސަ ދެ ޑޮކްޓަރުން، މާދަމާއިން ފެށިގެން ފަސް ދުވަހަށް އައިކެއަރ ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އައިކެއަރ ހޮސްޕިޓަލުން ބުނި ގޮތުގައި، މި ދަތުރުގައި ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައިވަނީ، ޗައިތަންޔާ ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓް އަދި ވިޓްރިއޯރެޓިނަލް ސާޖަން ޑރ. މަނޯޖް އާއި، ކެޓަރެކްޓް، ގްލޮކޯމާ އަދި ފެކޯ ސާޖަރީގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ހަރިކްރިޝްނަން ސީޕީ އެވެ. މި ދެ ޑޮކްޓަރުން ބަލިމީހުން ބައްލަވާނީ އޯކިޑް މަގުގައި ހުންނަ އައިކެއަރ ހޮސްޕިޓަލުގައެވެ.
އައިކެއަރ ހޮސްޕިޓަލުން ބުނި ގޮތުގައި، ލޮލުގެ ޚާއްސަ ފަރުވާ ދިނުމުގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޗައިތަންޔާ ހޮސްޕިޓަލާއެކު ހެދި މި ޕާޓްނާޝިޕްގެ ސަބަބުން، މީގެ ކުރިން އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ދިވެހިންނަށާއި، އަލަށް ޚާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން ފަސޭހަކަމާއެކު އެ ފުރުސަތު ލިބޭނެއެވެ.
މި މުއްދަތުގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 6:00 އަށް ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ކުރިއަށްދާނެކަން އައިކެއަރ ހޮސްޕިޓަލުން ފާހަގަކުރިއެވެ. މި ދެ ޑޮކްޓަރުންނަށް ދެއްކުމުގައި އާސަންދަ އަދި އެހެނިހެން އިންޝުއަރެންސްގެ ޚިދުމަތް ލިބޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
އައިކެއަރ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި މި ދަތުރު ޚާއްސަކުރެވިފައިވަނީ ލޯ ޗެކްކުރުމަށާއި ކޮންސަލްޓޭޝަނަށެވެ. އެއަށްފަހު އިތުރު ފަރުވާ ނުވަތަ އޮޕަރޭޝަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ވަސީލަތްތަކަށް ބެލުމަށްފަހު، ކުރިއަށް އޮތް ތަނުގައި އައިކެއަރ ހޮސްޕިޓަލުގައި އެފަދަ ފަރުވާތަކާއި ސާޖަރީތައް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ރާވައިފައިވާކަން އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ.
އައިކެއަރ ހޮސްޕިޓަލުން ބުނި ގޮތުގައި ރާއްޖެއިން ދެވެން ނެތް ފަރުވާތަކަށް ބަލިމީހުން ރިފާ ކުރެވޭނީ އިންޑިއާގެ ޗައިތަންޔާ ހޮސްޕިޓަލަށެވެ. އެގޮތުން ބަލިމީހުން ފުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމާއި، ޓިކެޓާއި އެކޮމޮޑޭޝަން ހަމަޖެއްސުމުގައި އައިކެއަރ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކުރިއެވެ.
މި ފުރުސަތުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގެ ޑޮކްޓަރުންގެ ޚިދުމަތް ރާއްޖެއިން ލިބި، ދަތުރުފަތުރަށް ހިނގާ އިތުރު ޚަރަދުތައް ސަލާމަތްވެ، ފަރުވާއާ ގުޅޭގޮތުން ޑޮކްޓަރާ މަޝްވަރާކޮށް ގޮތް ނިންމުމަށް ބަލިމީހުންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އައިކެއަރ ހޮސްޕިޓަލުން ފާހަގަކުރިއެވެ.
އެ ޑޮކްޓަރުން ދެއްކުމަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހުޅުވާލާފައެވެ. ޑޮކްޓަރަށް ދައްކަން ދާއިރު ކުރީގެ މެޑިކަލް ރިޕޯޓްތަކާއި، ބޭސްސިޓީ އަދި ލޮލުގެ ޓެސްޓުތަކުގެ ނަތީޖާ ގެންދިއުމަށް އައިކެއަރ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.
އައިކެއަރ ހޮސްޕިޓަލުގެ ނަންބަރު 3321026 އަށް ގުޅުމުން، ނުވަތަ 7201026 އަށް ވައިބާ/ވަޓްސްއަޕް ކުރުމުން އެޕޮއިންޓްމެންޓް ހެއްދޭނެއެވެ. އަދި އައިކެއަރގެ ވެބްސައިޓު، https://eyecarehospital.mv/book-an-appointment/ މެދުވެރިކޮށް ނަން ނޯޓުކުރެވޭނެކަން ވެސް އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ.