މޮރިޝަސްއަށް ފޯޅަވަހި ދިނުމާ ދެކޮޅަށް އިނގިރޭސިވިލާތަށް މިދިޔަ މަހު އިއުތިރާޒު ހުށަހަޅައިފިން: ރައީސް

ރައީސް މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމާއެކު: ރައީސް ވިދާޅުވީ، މޮރިޝަސްއަށް ފޯޅަވަހި ދިނުމާ ދެކޮޅަށް އިއުތިރާޒުކޮށްފައިވާނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ ތާރީޚެއް ރާއްޖެއަށް އެބައޮތް ކަމަށް ވިދާޅުވެ، ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ދިނުމާ ދެކޮޅަށް އިނގިރޭސިވިލާތަށް މިދިޔަ މަހު އިއުތިރާޒު ހުށަހަޅާފައިވާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ޗާގޯސްގެ ރަށްތަކަކީ ނުވަތަ ފޯޅަވައްސަކީ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހީން ދަންނަ, ރާއްޖޭގެ ގުދުރަތީ ސަރަހައްދުގައި އޮތް ތަނެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ކުރީގެ ރަސްމީ ލިޔެކިއުންތަކުގައި ރާއްޖޭގެ ސިޔާދަތީ އިމުގެ ތެރޭގައި ފޯޅަވަހި ހިމަނައިފައިވާކަން ތާރީޚުން ކަށަވަރުވާ ކަމަށެވެ.

މި ކަންކަމާ އެކީގައި ޗާގޯސްގެ ރަށްތައް ކައިރިއަށް އޭރުވެސް މިހާރުވެސް ދިވެހި މަސްވެރިން މަހަށް ނިކުންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ޗާގޯސްގެ ރަށްތަކާއި ދިވެހީންގެ ދެމެދު ސިޔާދަތީ ގުޅުންތަކެއް އޮތްކަން ހާމަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންކަމުން ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު ސިޔާދަތީ ގުޅުންތަކެއް އޮތްކަން މިފަދަ އެތައް ގޮތަކުން ކަށަވަރުވާތީ، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހިރާއްޖޭން އިއުތިރާޒުކޮށް އެކަމާ ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް ދިވެހި ސަރުކާރުގެ ފަރާތުން ވާނީ އިނގިރޭސި ސަރުކާރަށް އަށެއް ނޮވެންބަރު 2024ގަ، އަދި 18 ޖެނުއަރީ 2026ގަ ލިޔުމުން ހުށަހަޅައިފަ،" ރައީސް ވިދާޅުވިއެވެ.

ޗާގޯސްގެ ރަށްތައް -- ފޮޓޯ/ އަލާމީ

އަދި މިދިޔަ ޑިސެންބަރު މަހުގެ 15ވަނަ ދުވަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލެމީއާއަށް ފޯނުން ގުޅުއްވައި އެކަން ސަމާލުކަމަށް ގެނެސް އިނގިރޭސިވިލާތުގެ ސަރުކާރާއެކު މަޝްވަރާކުރަން ބޭނުންފުޅުވާކަން ހާމަކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި، ޗާގޯސްގެ ސަރަހައްދުން އިގުތިޞާދީ ބޭނުން ހިފުމަށް މޮރިޝަސްއިން ކަނޑައަޅާފައިވާ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެކަންކަމަށް ދިވެހި ސަރުކާރުން ދެކޮޅު ހަދާކަން މޮރިޝަސް ސަރުކާރާ ހިއްސާކޮށްފައިވާނެއެވެ.

https://sun.mv/217081

ރާއްޖޭގެ ދެކުނަށް އޮންނަ ޗާގޯސްގެ ރަށްތައް ހޯދުމަށާއި، ޗާގޯސްއާ ކައިރިން ރާއްޖެއާ ފުށުއަރާ ކަނޑުގެ ސަރަހައްދުން އިން ކަނޑައެޅުމަށް، މޮރިޝަސްއިން އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާއިރު، އދ.ގައި ރާއްޖޭން އަބަދުވެސް ވޯޓު ދެމުން އައީ މޮރިޝަސްއާ ދެކޮޅަށެވެ. ނަމަވެސް 2022 ވަނަ އަހަރުގެ އޮގަސްޓު މަހު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ އެ ނިންމުން ބަދަލުކުރިކަން ސިޓީފުޅަކުން މޮރިޝަސްއަށް އަންގަވައިފައެވެ.

https://sun.mv/217594

އެއަށްފަހު، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން 2023ވަނަ އަހަރުގެ އޭޕްރިލް 29ގައި ނިންމީ، ރާއްޖެއާއި މޮރިޝަސްއާ ފުށުއަރާ ސަރަހައްދުގެ ބޮޑުބައެއް ރާއްޖެއަށް ދިނުމަށެވެ.

އެ މައްސަލައިގައި ރައީސް މޮރިޝަސްގެ ރައީސަށް ފޮނުއްވި ސިޓީ ހާމަނުކުރެއްވުމުންނާއި، ޞާލިޙްގެ ސަރުކާރުން އިމުގެ މައްސަލައިގައި އަމަލުކުރީ ގޯސްކޮށް ކަމަށް ބުނެ އިދިކޮޅުގައި އޮތް ޕީޕީއެމް، ޕީއެންސީން ފާޑުކިއެވެ.

ޕީއެންސީގެ ޓިކެޓުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަަމަށް ވަޑައިގަތީ އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖެއަށް ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާ އެކު، ޗާގޯސްއާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ. އަދި، މޮރިޝަސްއާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ.

comment ކޮމެންޓް