ވިލިމާލެއާ ކައިރިން ދެ ލޯންޗު ޖެހި، ގެއްލުންތަކެއް

ލޯންޗަށް ގެއްލުންތައް ލިބިފައި: އެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވޭ -- ފޮޓޯ/ އެމްވީ ކްރައިސިސް

މާލެ ސަރަހައްދުގައި މިރޭ ދެ ލޯންޗު ޖެހި، ގެއްލުންތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ، ވިލިމާލެއާއި ތިލަފުށްޓާ ދެމެދުގެ ސަރަހައްދެއްގައި ދެ ލޯންޗު އެކްސިޑެންޓުވި ކަމުގެ މައުލޫމާތު 21:05ހާއިރު ލިބުނު ކަމަށެވެ. އޭގެ ތެރެއިން އެއް ލޯންޗުގައި 21 މީހުން އަދި އަނެއް ލޯންޗުގައި ދެ މީހުން ތިބި ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވި ނަމަވެސް، ދެ އުޅަނދަށް އެކިވަރުގެ ގެއްލުންވި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެކްސިޑެންޓުވި ލޯންޗުގެ ތެރެއިން އެއް ލޯންޗުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ލޯންޗުގެ ފަހަތު ސީޓާ ކައިރިން ގެއްލުން ލިބި، ސަތަރިގަނޑު ވީދިފައިވާ މަންޒަރު ފެނެއެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީގެ ކުރިން ވެސް، މި ސަރަހައްދުގައި، އާންމުކޮށް ރޭގަނޑު ގަޑީގައި ނުވަތަ މޫސުން ގޯސްވެފައި ވަނިކޮށް ލޯންޗު އެކްސިޑެންޓުތައް ހިނގައި ގެއްލުންތައް ވެފައި އެބަހުއްޓެވެ.

comment ކޮމެންޓް