ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭނަން: ސީޕީ ނަވީން

ސީޕީ ނަވީން: ވިދާޅުވީ ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން މަސައްކަތްކުރާނެ ކަމަށް --

ކުޑަ ކުދިންގެ ނަހަމަ ފައިދާ ނަގައި ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނަށް ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭން ފުލުހުން މަސައްކަތްކުރާނެ ކަމަށް، ފުލުހުންގެ ކޮމިޝަނަރު އިސްމާޢީލް ނަވީން މިއަދު ވިދާޅުވެއްޖެއެވެ.

އުމުރުން 16 އަހަރުގެ ކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އުފުލައި، އެ ކުއްޖާ ކުށްކުރުމަށް ބޭނުންކުރިކަމުގެ ތުހުމަތުގައި މިދިޔަ އާދީއްތަ ދުވަހު މާލޭން ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.

އެކަމަށް އިޝާރާތްކުރައްވައި ސޯޝަލް މީޑިއާގައި ނަވީން ލިޔުއްވި ޕޯސްޓެއްގައިވަނީ، ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް، އެކުދިންނަށް ރައްކާތެރި އަމާން މުޖުތަމައެއް ބިނާކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތުކަން ފާހަގަކުރައްވައިފައެވެ.

"ކުޑަކުދިން ލައްވައި ކުށްކުރުވުމާއި، އެކުދިންގެ ނަހަމަ ފައިދާ ނަގާ އެއްވެސް ފަރާތަކަށް ދޫދިނުމެއް ނެތި ދިވެހި ފުލުހުންގެ ޚިދުމަތުން މިފަދަ މައްސަލަތައް ބަލައި، ކުށްވެރިންނަށް ގާނޫނީގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ކަނޑައެޅުމަށް މަސައްކަތް ކުރާނެ،" ނަވީން ލިޔުއްވާފައިވެއެވެ.

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަމާއި، އެއީ އެންމެންގެ އިޖުތިމާއީ ޒިންމާއެއް ކަން ނަވީން ފާހަގަކުރެއްވިއެވެ.

އޭނާ ވަނީ، ކުޑަކުދިން ލައްވާ ކުށްކުރުވާ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 އަށް، ނުވަތަ ގައުމީ އެމަޖެންސީ ހޮޓްލައިން 911 އަށް ގުޅައި އެ މީހުންގެ މައުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ.

ފުލުހުން އިއްޔެ އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލައި ކުށްކުރުވިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މ. ނާޒްލީމަންޒިލް / މާލެ، ޙަސަން ނުޢާޒު (28އ) އާއި، ވ. ސެޓެލައިޓް / މާލެ، އަޙްމަދު ނަޢީމް (39އ) އެވެ.

ކޯޓާ ހަވާލާދީ ފުލުހުން ބުނީ، ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

https://sun.mv/217543

ފާހަގަކުރެވޭ ގޮތުގައި، ކުށުގެ ވެށީގައި ކުށުގެ ރެކޯޑު އޮންނަ މީހުންނާ އެކީ ހަރަކާތްތެރިވާ 300އެއްހާ ކުދިންގެ މައުލޫމާތު އެއްކުރެވި ލިސްޓުކުރެވިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.

އެގޮތުން މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ކްރައިމް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓުގެ ހެޑު ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ކުދިންގެ ބެލެނިވެރިންނާ ގުޅިގެން ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެއާއެކު ޝަރީފް ވަނީ، ކުށްކުރާ 18 އަހަރުން ދަށުގެ ކުދިން ދުވަހުން ދުވަހަށް އިތުރުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

comment ކޮމެންޓް