ކައުންސިލު އިންތިޚާބުގެ ޓައިމްލައިން އީސީން އަދި ހާމަނުކުރާތީ އެމްޑީޕީން ކަންބޮޑުވެއްޖެ

އެމްޑީޕީގެ ކެމްޕެއިންގެ ތަރުޖަމާނު ޢަބްދުﷲ ވަޙީދު: ވިދާޅުވީ ކައުންސިލު އިންތިޚާބު ކުޑަތަންވަމުން އަންނަ އިރު، އިންތިޚާބުގެ ޓައިމްލައިނެއް އިލެކްޝަންސް ކޮމިޝަނުން އަދި ހާމަނުކުރާ ކަމަށް --- ފޮޓޯ: އެމްޑީޕީ

އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު އޮންނަ ކައުންސިލު އިންތިޚާބު ކުޑަތަންވަމުން އަންނަ އިރު، އިންތިޚާބުގެ ޓައިމްލައިނެއް އިލެކްޝަންސް ކޮމިޝަނުން އަދި ހާމަނުކުރާ ކަމަށާއި، މިއީ އިންތިޚާބަށް ނުފޫޒު ފޯރުވަން ސަރުކާރަށް ދެވޭ ޖާގައެއް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކައުންސިލު އިންތިޚާބާ ގުޅޭ އެ ޕާޓީގެ ތަރުޖަމާނު ޢަބްދުالله ވަޙީދު މިއަދު ވިދާޅުވީ، އިލެކްޝަންސް ކޮޮމިޝަނުން އަމަލުކުރަމުން އަންނަނީ ސަރުކާރުގެ ނުފޫޒަށް ތަބާވެގެން ކަމަށެވެ. ވަޙީދު ވިދާޅުވީ މިއަދާ ހަމައަށްވެސް އިންތިޚާބުގެ ޓައިމްލައިނެއް އިލެކްޝަންސް ކޮމިޝަނުން އަދި އާންމުނުކުރާ ކަމަށެވެ.

"ހަމަ އެއާއެކުގައި މި ޓައިމްލައިން ހާމަނުކޮށް، ކުރިމަތިލާ ކެންޑިޑޭޓުންގެ ނަން ނެގޭނެ އެންމެ ފަހު ތާރީޚެއް އަޅުގަނޑުމެންނަކަށް ނޭނގޭ، ގުރުލުމާ ހަމައަށް އެކަން ކުރެވޭނެ ކަމަށް ފާހަގަކުރާއިރުގައި އެއީ ކޮން ދުވަހަކު ކުރެވޭނެ ކަމެއްކަން އިލެކްޝަންސް ކޮމިޝަނަކުން ނުބުނޭ،" ވަޙީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ މި މުއްދަތަކީ ސަރުކާރަށް އެ ބޭފުޅުން ބޭނުންވާ ފަރާތްތަކެއްގެ ނަން ނެގުމަށްޓަކައި، ޖާގަ ދިނުމަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި،"

މިހާރުވެސް ބައެއް ދާއިރާތަކަށް ކުރިމަތިލާފައިތިބި ކެންޑިޑޭޓުންގެ ނަން ނެގުމަށް ވެރިކަންކުރާ ޕީއެންސީން ބޮޑެތި ހުށަހެޅުންތައް ހުށަހަޅަމުން އަންނަ ކަމަށް ވަޙީދު ތުހުމަތުކުރެއްވިއެވެ.

ހަމަ އެއާއެކު، ބައެއް ރަށްރަށުގެ ކައުންސިލަށް ކެންޑިޑޭޓުން އޮޓޮމެޓިކުން ހޮވިފައިވުން ފަދަ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން އާންމުނުކުރަނީސް ޕީއެންސީން އާންމުކުރަމުން އަންނަ ކަމަށް ވަޙީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން އިންތިޚާބުގައި ވާދަކުރަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި، ޕީއެންސީން ތައްޔާރުވަނީ ލާމަރުކަޒީ ނިޒާމުގެ ބާރުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދިނުމަށްޓަކައި ކަމަށެވެ.

އެއާއެކު، އެމްޑީޕީން ރޭ، "ހޭވައްލާ ތައްޔާރު"ގެ ނަމުގައި ކައުންސިލު އިންތިޚާބުގެ ކެމްޕެއިން ފަށައި، މެނިފެސްޓޯގެ ފުރަތަމަ ތަނބު އިފުތިތާހުކޮށްފައިވާ ކަމަށް ވަޙީދު ވިދާޅުވިއެވެ.

އަދި ދެވަނަ ތަނބު އަންނަ ހަފުތާގައި އުތުރުގައި، އަދި މިމަހުގެ 12ވަނަ ދުވަހު މާލޭގައި ބާއްވާ ޖަލްސާގައި ފަހު ތަނބާއެކު މުޅި މެނިފެސްޓޯ އިފްތިތާހުކުރާނެ ކަމަށް ވަޙީދު ވިދާޅުވިއެވެ.

comment ކޮމެންޓް