މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެ، ހޮސްޕިޓަލުތަކަށް ބާރުބޮޑުވާން ފަށައިފިއެވެ.
'ސަން'އިން ސުވާލުކުރުމުން އައިޖީއެމްއެޗުން މިއަދު ބުނީ، ރޯގާގެ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.
އެހެންވެ، އެ ހޮސްޕިޓަލުގައި މިދިޔަ މަހު 18ގައި ފުލޫ ކުލިނިކެއް ގާއިމުކޮށްފައިވާއިރު، ޚާއްސަކޮށް ފަހަކަށް އައިސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން އިތުރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. ނަމަވެސް، ބަލިތައް އިތުރުވާން ފެށި، ސީދާ ތާރީޚެއް ބުނަން ދަތިކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ގިނަ ބަޔަކު ދިރިއުޅޭ ހުޅުމާލޭގައި ހުންނަ ހޮސްޕިޓަލުން ވެސް 'ސަން'އަށް މިއަދު ބުނީ، ރޯގާ ޖެހިގެން އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، ބޭރަށް ހިންގުމާއި ހޮޑުލެވޭތީ ޑޮކްޓަރަށް ދައްކާ މީހުން ސުކޫލުތައް ހުޅުވުނު ފަހުން އިތުރުކަން ހުޅުމާލެ ހޮސްޕިޓަލުން ފާހަގަކުރިއެވެ.
ޚާއްސަކޮށް، ޑޮކްޓަރަށް ދައްކާ ކުޑަކުދިން އިތުރުކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މި ދުވަސްވަރު ބަލިތައް އިތުރުވަމުން އަންނައިރު، ސަރުކާރު ހޮސްޕިޓަލުތަކުގައި ކިޔޫތައް ދިގުވުމާއި ޚިދުމަތް ލަސްވާ ކަމުގެ ޝަކުވާތައް ދޭތެރެއަކުން މީހުން ކުރެއެވެ.
ސުކޫލުތައް ހުޅުވިގެން ދުވަސްކޮޅެއް ވެފައިވާއިރު، ސްކޫލު ބަންދުގައި ގިނަ ބަޔަކު ވަނީ އުމްރާއަށް ގޮސްފައެވެ. އާއްމުކޮށް ވެސް ގިނަ ބަޔަކު އުމްރާއަށް ގޮސް, އައުމުން ބަލިތައް ފެތުރޭ މިންވަރު އިތުރުވެއެވެ.
މިދިޔަ ޑިސެމްބަރުގެ ހިސާބުތަކަށް ބަލާއިރު، 28619 މީހުން އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރިއިރު، ބޭރަށް ހިންގުމުގެ 2931 ކޭހެއް އެ މަހު ވަނީ ރިޕޯޓުކޮށްފައެވެ.
ބަލިތައް ފެތުރޭ ދުވަސްވަރަށް ސާފުތާހިރު ކަމަށް ސަަމާލުވުމަށް ސިއްހީ މާހިރުން އަބަދުވެސް އިލްތިމާސްކުރެއެވެ. އެގޮތުން، އަތް ދޮވުމާއި މާސްކު އަޅައި، ރައްކާތެރިކަން ކަމުގެ ފިޔަވަޅުތައް އަޅަން އެބޭފުޅުން އިރުޝާދުދެއެވެ.