ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކޮށް ނާކާމިޔާބުވި، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް އަލުން ހައިކޯޓަށް އައްޔަން ކުރަން ޖޭއެސްސީން ނިންމައިފިއެވެ.
ރައޫފަކީ 2011 ވަނަ އަހަރުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އެކަމަކު، ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ކަމަށް ބުނާ ފްލެޓެއް, ޚާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށާއި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ރައޫފު ފަނޑިޔާރުކަމުން ވަކިކުރަން އެމްޑީޕީގެ ސަރުކާރު އޮތްއިރު, އޭރުގެ ޖޭއެސްސީން ނިންމިއެވެ.
ޖޭއެސްސީން ރައޫފު ފަނޑިޔާރު ކަމުން ވަކިކުރަން ނިންމައި، މަޖިލީހަށް ފޮނުވުމުން ރައޫފު ފަނޑިޔާރު ކަމުން އޭރު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އޭގެ ފަހުން ރައޫފު ވަނީ މިހާރު ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މިދިޔަ މަޖިލިސް އިންތިޚާބުގައި ވ. ކެޔޮދޫ ދާއިރާއަށް ކުރިމަތިލައްވާފައެވެ. އެކަމަކު، މަޖިލީހުގެ އިންތިހާބު އޭނާއަށް ވީ ނާކާމިޔާބެވެ. އޭގެ ފަހުން ރައޫފު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ, ސްޓެލްކޯ އާއި އެމްޕީއެލްގެ ލީގަލް މަސައްކަތް ކުރައްވައިފައެވެ.
ކުރިން ޖޭއެސްސީގެ މެންބަރުކަންވެސް ކުރައްވާފައިވާ ރައޫފު، އަލުން ހައިކޯޓަށް އައްޔަން ކުރަން ނިންމީ، ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ މަގާމުން ކުރެ އެއް މަގާމަށެވެ. ހުސްވި ދެ މަގާމަކީ ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވި މުހައްމަދު ނިޔާޒްގެ މަގާމާއި އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލްގެ މަގާމެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރައޫފުއާއެކު ދެން ހައިކޯޓަށް ނަގަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއުއެވެ.
ރައޫފަކީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާ ސިޓީން ބެޗްލާ އޮފް ލޯ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރު ކަމަށް އެންމެ ފުރަތަމަ އައްޔަން ކުރުމުގެ ކުރިން ރައޫފު އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ސިވިލް ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާކަން ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ޖޭއެސްސީން މި ސަރުކާރުގެ ސިޔާސީ މަގާމެއް ފުރުއްވި މުހައްމަދު ޝަހީދު ހައިކޯޓަށް އައްޔަންކުރަން ނިންމުމުން ވެސް ފާޑުކިޔުން އަމާޒުވިއެވެ. ގިނަ ބަޔަކު އެ ކަމާ ނުރުހުން ފާޅުކުރަން ފެށުމުން ޝަހީދު އަމިއްލައަށް ނަން ނެގީ ޖޭއެސްސީން އޭނާ އައްޔަންކުރަން ވެސް ނިންމި ފަހުން މިދިޔަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހެވެ.
ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން އޭނާ ވަކިވީ ފަނޑިޔާރުކަމަށް ކުރިމަތިލައްވާށެވެ. ފަނޑިޔާރުކަމަށް އިއުލާނުކުރީ އޭނާ ވަކިވި ދުވަހެވެ.