ރޯހިތުގެ ރަހުމަތްތެރިން ގެއަށް ޒިޔާރަތް ނުކުރުމަށް އެދެފި

ދާދިފަހުން އިންޑިއާގެ ގޭންގަކުން ބަޑީގެ ހަމަލާދިން ފިލްމު ޑައިރެކްޓަރު ރޯހިތު ޝެޓީ--ފޮޓޯ/ފިލްމުފެއަ

ބޮލީވުޑްގެ ޑައިރެކްޓަރު ރޯހިތު ޝެޓީ ދިރިއުޅޭ މުމްބާއީގެ ގެއަށް ދިން ބަޑީގެ ހަމަލާއާ ގުޅިގެން ރަހުމަތްތެރިން އޭނާއަށް ބައްދަލުކުރަން ގެއަށް ޒިޔާރަތް ނުކުރުމަށް އެދެފިއެވެ.

ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ރޯހިތުގެ އެކުވެރި ބަތަލާއަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ރޯހިތު ރަހްމަތްތެރިން ގާތު އެދުނީ މިވަގުތު އޭނާ އެކަނި ދޫކޮށްލުމަށް ކަމަށެވެ.

އެގޮތަށް ބުނުމުން ބައެއް ރަހްމަތްތެރިން ހިތްހަމަނުޖެހިދާނެ ކަމަށާއި ނަމަވެސް އެއީ ހަގީގަތް ކަމަށް ނަން ހާމަކުރަން ބޭނުންނުވާ މި ބަތަލާ މީޑީއާގައި ބުނެފައިވެއެވެ.

ރޯހިތަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ވަރަށް މަގުބޫލު ޝަހްސިއްޔަތެއް ކަމަށާއި ރޯހިތަށް އަމާޒުކޮށް ބަޔަކު މީހުން ބަޑީގެ ހަމަލާދިން ޚަބަރު ފެތުރުމާ އެކު އިންޑަސްޓްރީގައި މަސައްކަތްކުރާ އެތައް ބައެއްގެ އިތުރުން ރޯހިތުގެ ގާތް ރަހްމަތްތެރިންގެ މެސެޖުތަކާއި ފޯނު ކޯލްތައް މެދުނުކެނޑި ޑައިރެކްޓަރަށް ލިބެމުންދާ ކަމަށް އެ ފަރާތުން މީޑިއާގައި ބުނެފައިވެއެވެ.

ނަމަވެސް އެއިން އެއްވެސް މެސެޖަކަށް ވެސް ފޯނު ކޯލަކަށް ވެސް ރޯހިތު ޖަވާބުދާރީވެފައި ނުވާ ކަމަށާއި އޭނާ އެގޮތަށް އަމަލުކުރީ ފުލުހުންގެ ލަފާގެ މަތިން ކަމަށް އެ ބަތަލާ ވަނީ ބުނެފައެވެ.

ރޯހިތު ގާތް އެކުވެރިޔާ އަދި ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންއާ އެކު--ފޮޓޯ/ޕިންކްވިލާ

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މުމްބާއީގެ ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ނިމެންދެން އެކަހެރި ދިރިއުޅުމެއްގައި އުޅެން ރޯހިތަށް އަންގާފައެވެ.

ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ރޯހިތުއާ އެންމެ ގާތް އެކުވެރިކަން އޮންނަ ފިލްމީ ތަރި އަޖޭ ދޭވްގަންއަށް ވެސް ޑައިރެކްޓަރަށް ޒިޔާރަތްކުރުން މަނާކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް އަޖޭގެ ފަރާތުން ރޯހިތު އެހީއަކަށް ބޭނުންވެއްޖެ ހިނދެއްގައި އެކަމެއްގައި އެހީތެރިވެދިނުމަށް އަޖޭގެ ޓީމުން ތައްޔާރަށްތިބި ކަމަށް ނޫސްތަކުގައި ބަޔާންކޮށްފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ދަންވަރު ވަގުތެއްގައި ރޯހިތު ދިރިއުޅޭ ގެއަށް ދިން ބަޑީގެ ހަމަލާއަކީ ސީދާ އޭނާ މަރާލުމުގެ ބޭނުމުގައި ދިން ހަމަލާއެއް ކަމަށާއި އެއީ އެކަމަށްޓަކައި ދައްކާލި ކުޑަވަރެއްގެ ޓްރެއިލާއެއް ކަމަށް މި ހަމަލާގެ ޒިންމާ ނަގާފައިވާ އިންޑިއާގެ ބިޝްނޯއީ ގޭންގުން ނެރުނު އޯޑިއޯ މެސެޖެއްގައި ވަނީ ބުނެފައެވެ.

އެ މެސެޖުގައި ބުނެފައި ވަނީ ރޯހިތަށް ހަމަލާ ދިނީ އެ ގޭންގުގެ މަސައްކަތްތަކަށް އޭނާ ހުރަސްއަޅާތީ ކަމަށާއި އެކަން ނުހުއްޓައިފިނަމަ އޭގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށެވެ. މި ހަމާލާއާ ގުޅިގެން މުމްބާއީ ފުލުހުންނާ އިންޑިއާގެ ޕޫނޭ ފުލުހުން ގުޅިގެން ފަސް މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ރޯހިތު ދިރިއުޅޭ އިމާރާތަށް މަދުވެގެން ފަސް ބުރަށް ބަޑި ޖަހާފައިވެއެވެ. މުމްބާއީ ފުލުހުން އަންނަނީ މި ހަމަލާގެ ތަހުގީގުތައް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ. އަދި ރޯހިތު ދިރިއުޅޭ އިމާރާތް ހުންނަ ސަރަހައްދުގެ ސެކިއުރިޓީ ކަންކަން ވެސް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

comment ކޮމެންޓް