ރެފަރެންޑަމާއި އިންތިޚާބު އެކުގައި ބޭއްވޭނީ މިމަހު 18 އަށް ގާނޫނު ނިމިގެން: ޒާހިދު

އީސީގެ ރައީސް ޒާހިދު: ވިދާޅުވީ ރެފަރެންޑަމާއި އިންތިޚާބު އެކުގައި ބޭއްވޭނީ މިމަހު 18 އަށް ގާނޫނު އިސްލާހުކޮށް ތަސްދީގުކޮށް ނިމުމުން ކަމަށް --- ފޮޓޯ/ އިިލެކްޝަންސް ކޮމިޝަން

އަންނަ ލޯކަލް ކައުންސިލު އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި މައި ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ޚިޔާލު ހޯދާ ވޯޓު އެއް ދުވަހަކަށް ހަދާ ނަމަ، އިންތިޚާބުތައް އެއްކޮށްލައިގެން ބޭއްވޭނީ މިމަހުގެ 18ވަނަ ދުވަހުގެ ކުރިން ހުރިހާ މަރުހަލާއެއް ނިމުމުން ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ޒާހިދު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮލުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓު، އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ކައުންސިލު އިންތިޚާބާ އެއްކޮށްލައިގެން ނަގާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް، ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ރޭ ވިދާޅުވެފައި ވަނިކޮށެވެ.

މައި ދެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހާ ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ހާޒިރުކުރި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒާހިދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް މަސައްކަތްކުރަމުން އަންނާނީ ގާނޫނުއަސާސީއާއި ގާނޫނުގައި މަތިކޮށްފައިވާ ގޮތަށް ކަމަށެވެ.

އެގޮތުން މިވަގުތު ކޮމިޓީ މަރުހަލާ ނިމި، ތަޅުމަށް ފާސްކުރަން ހުށަހަޅަން ތައްޔާރުވެފައި އޮތް ރެފަރެންޑަމް ގާނޫނުގައި އޮންނަ ގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގަރާރެއް ނެރުއްވިޔަސް، ނުވަތަ ރައްޔިތުންގެ މަޖިލީހުން ގާނޫނު ފާސްކުރިޔަސް ގާނޫނުގައިވާ ކަންކަން ތަންފީޒުކުރާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.

"އެކަމަކު ކުރާއިރުގަ އަޅުގަނޑުމެންނަށް ގާނޫނުގަ އެ ބުނާ ގޮތަށް އެންމެ ލަސްވެގެން 45 ޑޭސް ލިބެން ޖެހޭނެ އެކަން ކުރުމަށްޓަކައި،" އޭނާ ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވިގޮތުގައި، ކައުންސިލު އިންތިޚާބާއި މައި ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު އެއް ދުވަހެއްގައި ބޭއްވޭނީ މިމަހުގެ 18ވަނަ ދުވަހުގެކުރިން މަޖިލީހުން ފާސްކުރަންޖެހޭ ބިލުތައް ފާސްކޮށް، ރައީސް އެ މުއްދަތުގައި ބިލުތައް ތަސްދީގުކުރެއްވުމުންނެވެ.

ރޭ ވެރިކަންކުރާ ޕީއެންސީގެ މެދުހެންވޭރު ދާއިރާގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާޙް ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާއަށް ފަހު، ގާނޫނުއަސާސީއަށް ގެންނަ ބޭނުންވާ އިސްލާހު ގެނެވި، އެ ބަދަލު ތަސްދީގު ކުރުމަށް ރައީސަށް ފޮނުވޭނެ ކަމަށެވެ.

އެގޮތުން، މިހާރު ހިނގަމުންދާ ދައުރުން ހަ މަސް ދުވަސް އުނިކޮށް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވޭނެ ނިޒާމަކަށް ތައްޔާރު ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބު އޮންނަ, އަންނަ އޭޕްރީލް ހަތަރެއްގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލާ އިސްލާހު ގެނައުމަށް ރައްޔިތުންގެ ވޯޓު ނެގިއްޖެނަމަ، ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފަލާހު ގަބޫލުކުރައްވައެވެ.

އެހެން ދުވަހެއްގައި އެ ކަން ކުރަން ޖެހިއްޖެނަމަ، ދައުލަތުގެ ބަޖެޓުން އިތުރަށް 80 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި އިދިކޮޅު ބޭފުޅުންގެ ތެރެއިން މައި ދެ އިންތިޚާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. އެ އިސްލާހާ ދެކޮޅުކަން އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ހާމަކުރެއްވިއިރު، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވަނީ ހާމަކުރައްވައިފައެވެ.

ހަމައެއާއެކު މީގެ ކުރިން ސިޔާސީ ކަންކަމުގައި މާ ބޮޑަށް ޚިޔާލުފާޅުނުކުރައްވާ ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލަން އުޅެނީ ވެރިކަން ދިފާއުކުރުމަށްޓަކައި ކަމަށާއި، އެކަމަކީ އަމިއްލަ ދަހިވެތި ކަމުގައި ޤައުމާއި ރައްޔިތުން ފުން ވަޅު ގަނޑަކަށް ވައްޓާލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް