ބަޖެޓު 2027: މި ފަހަރު ވެސް ކޮންމެ މެންބަރަކަށް ބަހުސްކުރަން ދިނީ 15 މިނެޓު

ދައުލަތުގެ ބަޖެޓު: މި ފަހަރު ވެސް މެންބަރުން ބަޖެޓަށް ބަހުސްކުރަން ދިނީ 15 މިނެޓު --- ފޮޓޯ: މަޖިލިސް

މި އަހަރު ވެސް ދައުލަތުގެ ބަޖެޓަށް ބަހުސްކުރަން ކޮންމެ މެންބަރަކަށް 15 މިނެޓުގެ ފުރުސަތެއް އަރުވަން ފެންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިދިޔަ އަހަރު ވެސް ކޮންމެ މެންބަރަކަށް ބަޖެޓަށް ބަހުސްކުރަން ދިނީ 15 މިނެޓެވެ. އަދި ބަޖެޓު ދިރާސާކުރާ ކޮމިޓީން ބަޖެޓު ފާސްކޮށް ހުށަހަޅާ ރިޕޯޓަށް ބަހުސްކުރަން ހަތް މިނެޓު ދިން އިރު، މެންބަރުންގެ ސުވާލުތަކަށް ފިނޭންސް މިނިސްޓަރަށް ޖަވާބުދެއްވަން ދިނީ 45 މިނެޓެވެ.

ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީގެ މި ހުށަހެޅުން، ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

https://sun.mv/229791

ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު، ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.

ބަޖެޓުގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް، ދައުލަތް ހިންގުމަށް ކުރާ ހޭދަ ނުވަތަ ރިކަރަންޓު ޚަރަދުތައް އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

އެގޮތުން އަންނަ އަހަރު ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. އެއީ މި އަހަރަށް ލަފާކުރި 42.5 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 0.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެެވެ. މިދިޔަ އަހަރު ރިކަރަންޓް ޚަރަދަށް 37.4 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި އަންނަ އަހަރު އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅައިފައިވާ ދާއިރާއަކީ ސިއްހީ ދާއިރާއެވެ. އެގޮތުން އެ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް