ހެޔޮ ޢަޤީދާއަށްވުރެ ކުރިން ފޯރީގައި ޢަމަލުނުކުރާށެވެ!

އިސްލާމްކަން ފެށެނީ ޢަމަލަކުން ނޫނެވެ. އެ ކަން ފެށެނީ ޢަޤީދާއިންނެވެ. އަޅުގަނޑުމެން ކުރާ ކަންކަމަށް ބެއްލެވުމުގެ ކުރިން الله تعالى ބައްލަވާވޮޑިގެންވަނީ އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް އަޤީދާއަށެވެ. މި ސަބަބަށް ޓަކައި ދީނުގެ ޢިލްމުވެރިން އަބަދުވެސް ވިދާޅުވަމުން އެ ގެންދަވަނީ، ޞައްޙަ ރަނގަޅު ޢަޤީދާއަކީ ދީނުގެ އަސާސް ކަމުގައެވެ.

ރަނގަޅު ޢަޤީދާއެއް ނެތި މީހަކު ދީނުގެ ޢަޅުކަންތަކާއި އެހެނިހެން ޢަމަލުތަކައިގެން އުޅެގެންފިއްޔާ ނޭނގިހުރެ އޭނާއަށް ދީނުގެމަގު ދޫކޮށް ޢަދާވާތްތެރިންގެ މަގު ހިފިދާނެއެވެ. އެއީ ޠާޣޫތުންގެ މަގެވެ. ﷲއަށް އީމާންވެ ޠާޣޫތުންގެ މަގު ދޫކޮށްލާ މީހާއަކީ ސަލާމަތުގެ އައްސޭރިއަށް ވާސިލުވާނޭ އެންމެ ސާފު ޢަޤީދާގައި ހިފައިފި މީހެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ‎﴿فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ﴾ (البقرة: ٢٥٦)‏ މާނައީ: "ފަހެ، ޝައިޠާނާޔަށް ކާފިރުވެ ﷲއަށް އީމާންވާ މީހާ (ދަންނާށެވެ!) ފަހެ، އެ މީހާ، އެންމެ ވަރުގަދަ ޢަޤީދާގައި ހިފަހައްޓައިފިކަން ކަށަވަރެވެ."

ޞައްޙަ ޢަޤީދާގައި ހުރުމަކީ، ދަތިކަމާއި މުޞީބާތުގެ ވަގުތުގައި މީހާއަށް ސާބިތުކަން ގެނެސްދޭނޭ ކަމެކެވެ. އަދި ހަމައެހެންމެ އޭނާ ކުރާ ޢަމަލުތަކަށް ޙަޤީޤީ މާނައިގައި ސަވާބު ލިބޭނީ ޢަޤީދާގެ މަތީގައި ރަނގަޅު ނިޔަތަކާ އެކު ޢަމަލުތައް ކުރުމުންނެވެ. ޢުމަރުގެ ފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «إنَّـمَا الْأَعْمَالُ بِالنِّيَّاتِ» (رواه البخاري) މާނައީ: "ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެން ވަނީ ނިޔަތުގެ މައްޗަށެވެ." އެހެންކަމުން އަސާސަށް ބަލާއިރު ރަނގަޅު ނިޔަތެއް އަންނާނީ ރަނގަޅު ޢަޤީދާއެއްގެ މަތީ ހުންނަ މީހެއްގެ ކިބައިންނެވެ. އެހެން ނޫނީ އޭނާގެ ނިޔަތް އޮންނާނީ އޭނާގެ ޢަޤީދާ އޮތް ގޮތަކަށެވެ.

ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم މުޢާޛުގެފާނު ޔަމަނަށް ފޮނުއްވެވި ދުވަހު ވެސް ޙަދީޘްކުރެއްވީ އެ ރަށުގެ އަހުލުވެރިންނަށް އެންމެ ފުރަތަމަ ޞައްޙަ ޢަޤީދާ އުނގަންނަވައި ދެއްވުމަށެވެ. އެއަށްވުރެ ކުރިން އެއްވެސް އެއްޗެއް އުނގަންނައި ނުދެއްވުމަށެވެ. ޙަދީޘްކުރެއްވިއެވެ. «فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَيْهِ شَهَادَةُ أَنْ لَا إِلٰهَ إِلَّا اللَّهُ» (رواه مسلم) މާނައީ: "އެ މީހުންނަށް ކަލޭގެފާނު ގޮވައިލައްވާ ފުރަތަމަ ކަމަކީ 'ﷲ މެނުވީ ޙައްޤުވެގެން އަޅުކަން އެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށް ހެކިވުން' ކަމުގައި، ހައްދަވާށެވެ."

މި އުންމަތުގެ މުރައްބީ މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އެކަލޭގެފާނުގެ ޞަޙާބީން ތަމްރީނުކުރެއްވުމުގައި ވެސް ގެންގުޅުއްވީ މި މަންހަޖެވެ. ޢަޤީދާގެ ޞައްޙަ ބިންގާ އެ ބޭބޭފުޅުންގެ ހިތްޕުޅުގައި އެޅުއްވުމެވެ. އޭގެކުރިން އިތުރު އެހެން އެއްޗެއް ދަސް ވެސް ނުކުރައްވާ ކަމަށް ބައެއް ބޭފުޅުންގެ ކިބައިން ރިވާވެގެން ވިއެވެ. އެ ގޮތުން ޢުމަރުގެފާނުންގެ ދަރިކަލުން ރިވާކުރެއްވި މި ޙަދީޘް ފާހަގަކުރެވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންމެން ހަށިގަނޑުގައި ބާރުހުރި ޒުވާނުންގެ ގޮތުގައި ވީ ހިނދު، ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ އަރިހުގައި ވީމެވެ. ޤުރުއާން އުނގަންނައިދެއްވުމުގެ ކުރިޔަށް އެކަލޭގެފާނު ތިމަންނާމެންނަށް އުނގަންނައިދެއްވަނީ އީމާންކަމެވެ. ދެން އެއަށްފަހު ޤުރުއާން އުނގެނުނީމާ ތިމަންނާމެންގެ އީމާންކަން އިތުރުވެގެން އާދެއެވެ."

މިއަދު އަޅުގަނޑުމެންގެ ޒުވާން ޖީލަށް ދިމާވެފައި އޮތް އެއް މައްސަލައަކީ ޢަޤީދާ ނުވަތަ އީމާންކަމަށްވުރެ ކުރިން ދީނުގެ ޙުކުމްތައް ދަސްކުރާ މައްސަލައެވެ. އެޙުކުމްތައް ފޮނުއްވެފި ފަރާތަށް ފުރިހަމައަށް އީމާންވާން ދަސްވެގެން ނޫނީ އެ ޙުކުމްތައް ފުރިހަމައަށް ތަންފީޒުކުރާނީ ކިހިނަކުންބާއެވެ؟ ބަޔާންވެ ދިޔަ ޙަދީޘުން އެނގެނީ ޞަޙާބީން ޢަމަލުކުޅައުމުގައި އަވަސްއަރުވާލައިގެން ނުއުޅުއްވާ ކަމެވެ. އޭގެ ބަދަލުގައި އެންމެ ފުރަތަމަ ﷲ މަޢުރިފާކޮށް ދެނެގަތުމާއި އެއިލާހަށް ފުރިހަމަ ގޮތުގައި ކިޔަމަން ވެވޭނެ ވަރުގެ ޢަޤީދާއެއް ހިތުގައި ޤާއިމުކުރެއްވީއެވެ.

މި ތަރުތީބު މުސްލިމުންނަށް ހުރިހާ ޒަމާނެއްގައި ވެސް މުހިންމެވެ. ވަކީން ޚާއްޞަކޮށް އަދުގެ ދުނިޔޭގައި ކަންކަމަށް ވަގުތީ ފޯރި ހިނގާއިރު، ޒުވާނުންގެ ތެރޭގައި ދީނީ ކަންކަމަށް ވެސް އެފަދަ ފޯރި ހިލިގެން އަންނަކަން ފާހަގަކުރެވެއެވެ. އޭގެ ސަބަބުން އެ ކުދިންގެ އަމިއްލަ ނަފުސަށާއި އެ ކުދިން ނިސްބަތްވާ ޢާއިލާއަށާއި މުޅި އިސްލާމީ މުޖުތަމައަށް ވެސް ނޭދެވޭ އަސަރުތައް ކުރެއެވެ. ރަނގަޅު ޞައްޙަ ޢަޤީދާއެއް ހިތުގައި ކަނޑަ އެޅިއްޖެއްޔާ، އެ އީމާންތެރިކަން އެ ކުއްޖަކު ނުވަތަ އެ މީހަކު ރަނގަޅު ޢަމަލުތަކާ ދިމާއަށް ގެންދާނެއެވެ. ﷲ ވަޙީކުރެއްވިއެވެ. ‎﴿وَمَن يُؤْمِن بِاللَّهِ يَهْدِ قَلْبَهُ﴾‏ ‎(التغابن: ١١﴾‏ މާނައީ: "އަދި ﷲއަށް އީމާންވާ މީހާ (ދަންނާށެވެ!) އެކަލާނގެ އެ މީހާގެ ހިތަށް ތެދުމަގު ދައްކަވަތެވެ."

comment ކޮމެންޓް