އިސްކުރަންވީ ޢަދުލުވެރިކަމެވެ.

މިއަދުގެ ދުނިޔޭގައި އިންސާފުވެރިކަމަކީ ވަރަށް ދަތި އަދި މުހިންމު ސިފައެކެވެ. ޢަދުލުވެރިކަން ގެއްލުމުގެ ސަބަބުން މުޖުތަމަޢުގައި ހަމަނުޖެހުމާއި ފިތުނަ ފަސާދަ އުފެދެއެވެ. އިސްލާމްދީނުގައި ޢަދުލުވެރިވުމަކީ ﷲ ސުބުޙާނަހޫ ވަޢާޠާލާ ވާޖިބުކުރައްވާފައިވާ ކަމެކެވެ. އެއްވެސް ފަރާތަކާ ދެކޮޅަށް ހުންނަ ރުޅިވެރިކަމެއް ނުވަތަ އަމިއްލަ ލޯތްބެއްގެ ސަބަބުން އިންސާފުން ކައްސާލައިގެން ނުވާނެއެވެ. ޢަދުލުވެރިކަން ޤާއިމުކުރުމަކީ ހަމައެކަނި ފަނޑިޔާރުންގެ ޒިންމާއެއް ނޫނެވެ؛ އެއީ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުދީ ޒިންމާއެކެވެ. އެހެންކަމުން، ޢަދުލުވެރިކަން އިސްކުރުމަކީ މުޖުތަމަޢުގެ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.

  • ޢަދުލުވެރިކަން ޤާއިމުކުރުމަކީ މާތް ﷲގެ އަމުރުފުޅެކެވެ.
  • ތިމާގެ އަމިއްލަ ރުޅިވެރިކަމެއް ނުވަތަ ލޯތްބެއްގެ ސަބަބުން އިންސާފުން ކައްސާލައިގެން ނުވާނެއެވެ.
  • ޙަޤީޤަތް ނޭނގޭ މައްސަލަތަކުގައި ޢަދުލުވެރިކަމާ އެކު ބަސްބުނަން ނޭނގޭނަމަ ހަނުހުރުން މާ ބުއްދިވެރިއެވެ.
  • މައިންބަފައިންނާއި ޓީޗަރުން އަދި ވެރިންނަކީ ޢަދުލުވެރިކަން ޤާއިމުކުރުމުގައި ނަމޫނާ ދައްކަންޖެހޭ ބައެކެވެ.

ހޯދަން އެންމެ ދަތި އުނދަގޫ އެޗަކަށް މިއަދު ވެފައި މި އޮތީ އިންސާފެވެ. އެންމެ ލިބުން އުނދަގޫ ސިފައަކީ ޢަދުލުވެރިކަމުގެ ސިފައެވެ. މިހެން މި ކަން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ އަމިއްލަ ނަފުސަށް ޢަދުލުވެރި ނުވެވުން ކަމުގައި ވެދާނެއެވެ. މި ރީތި ސިފައިން ޒީނަތްތެރިވެއްޖެ ކޮންމެ މީހާކަށް ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބު ލިބޭނޭ ކަން ކަށަވަރެވެ. މީސްތަކުންގެ ތެރޭ އޭނާގެ ޤަދަރު އުފުލޭހުށްޓެވެ.

ޢަދުލުވެރިކަން ގެއްލިދިޔުމަކީ އަމާންކަން ގެއްލިދާ ކަމެކެވެ. ހަމަނުޖެހުމާއި ތަޅާފޮޅުން އިތުރުވާ ކަމެކެވެ. އެ ހިސާބުން ކޮންމެ މީހަކަށް ވެސް ވިސްނަން ފަށަނީ އޭނާގެ އަމިއްލަ ޙައްޤުތަކާމެދެވެ. އިހުމާލު ވަނީ އަނެކާއާމެދު އޭނާ އުފުލާން އޮންނަ ޒިންމާއަށެވެ. ވަކިން ޚާއްޞަކޮށް އެބައެއްގެ މެދުގައި ޢަދާވާތްތެރިކަން އޮންނަ މީހުންނަށް މިފަދައިން ކަންތައް ކުރެވެއެވެ. އެހެނަސް މިފަދައިން ކަންތައް ނުކުރުމަށް ﷲ تبارك و تعالى ވަނީ މުސްލިމުންނަށް އަމުރު ކުރައްވައިފައެވެ. ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ﴾ ‎(المائدة: ٨) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ޓަކައި އެކަލާނގެ ޙައްޤުތައް ފުރިހަމަޔަށް ޤާއިމުކުރާ، އަދި ޢަދުލަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރިނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! އެ ގޮތް ތަޤުވާވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުންކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ދެބަސްވާ ދެ މީހުންގެ މެދުގައި ނުވަތަ ޚިޔާލު ތަފާތުވާ މީހުންގެ މެދުގައި ޢަދުލުވެރިކަމާ އެކު ފައިސަލާ ކުރަންވާނެއެވެ. ޢަދުލުވެރި ނުވެވެންޏާ އެ ކަމަށް ބަހެއް ނުކިޔައި ހަނުހުރުން މާ ބުއްދިވެރިއެވެ. އެއީ ތިމާގެ އަމިއްލަ ނަފުސަށް ޢަދުލުވެރިވުމަށް ޓަކައެވެ. ފަހަރެއްގައި އެ ދެ މީހުންގެ މައްސަލަ ރަނގަޅަށް ނޭނގި ހުރެ ބުނެވޭ ބަހަކުން ނުވަތަ ކުރެވޭ ކަމަކުން އެއިން މީހަކަށް ޙައްޤު ނޫން ޙުކުމެއް އިއްވިދާނެތީއެވެ.

ދެ ބަސްވެގެން އުޅޭ މީހުންގެ ތެރެއިން އެކަކީ ތިމާ ރުޅިއަރާ މީހަކަށް ވާތީ، ނުވަތަ އެ ތަނުގައި ތިބާ ބިރުގަންނަ މީހަކު ހުރީތީ، ނުވަތަ ތިމާ މާ ގަޔާވާ މީހަކު އެ ދެ މީހުންގެ ތެރޭގައި ހުރީތީ، އެ މީހެއްގެ ފަރާތަށް ލެނބެވިދާނެއެވެ. އެހެންވެއްޖެ ނަމަ، ދުނިޔޭގައި ވެސް އާޚިރަތުގައި ވެސް ތިމާގެ ކިބައިގައި އެ ކަމުގެ ފާފަ ދެމި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ކީރިތި ޤުރުއާނުގައި ﷲ سبحانه و تعالى ވަޙީކުރައްވަނީ ﴿إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّهَ نِعِمَّا يَعِظُكُم بِهِ ۗ إِنَّ اللَّهَ كَانَ سَمِيعًا بَصِيرًا﴾ ‎(النساء: ٥٨) މާނައީ: "ހަމަކަށަވަރުން، އަމާނާތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމްކުރާ ނަމަ، ޢަދުލަށް ޙުކުމްކުރުމަށް ވެސް، އަމުރުކުރައްވަތެވެ. ހަމަކަށަވަރުން، ﷲ އެކަމަކާމެދު، ތިޔަބައިމީހުންނަށް އަވުޡުއިއްވަވާ ކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި ވެއެވެ."

ޢަދުލުވެރިވުމަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުދީ ޒިންމާއެކެވެ. އެ ޒިންމާ އަދާކުރާ މީހާ އެ ކަން އެކުރަނީ އޭނާގެ އަމިއްލަ ނަފުސަށް ޢަދުލުވެރިވުމަށެވެ. އެއީ ވެރިމީހާ، އޭނާގެ ބެލުމުގެދަށުގައި ތިބި މީހުންނަށް ޢަދުލުވެރިވުމެވެ. ޓީޗަރުން، އޭނާގެ ބެލުމުގެ ދަށުގައި ތިބި ދަރިވަރުންނަށް ޢަދުލުވެރިވުމެވެ. ބަފައިން، އޭނާގެ ބެލުމުގެ ދަށުގައި ތިބި ދަރިންނަށާއި އެ ދަރީންގެ މައިންނަށް ޢަދުލުވެރިވުމެވެ. ގާތްތިމާގެކަމާއި އެކުވެރިކަމާއި އެނޫން ވެސް އެހެން ގުޅުމެއް މީހަކާމެދު އޮތުމަކީ އެބައިމީހުންގެ މެދުގައި ޢަދުލުން މުޢާމަލާތްކުރަން އޮތް ހުރަހެއް ކަމުގައި ހަދައިގެން ނުވާނެއެވެ. އެ އެންމެންގެ މެދުގައި ބަސް ބުނާއިރު ޢަދުލުވެރިކަން އިސްކުރަންވާނެއެވެ! މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَىٰ﴾ (سورة الأنعام: ١٥٢) މާނައީ: "އަދި ތިޔަބައިމީހުން ބަސް ބުނާ ނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، ޢަދުލަށް (ތެދަށް) ބުނާށެވެ!"

އަދުލުވެރިކަމަކީ މިހާ މުހިންމު ކަމަކަށް ވީތީ، އެ ކަމަށް ސަމާލުވުމަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ތިޔަ ކިޔުންތެރިންނަށް އިލްތިމާސްކުރަމެވެ. އަޅަމެންނީ ޢަދުލަށް ބަސްބުނާ ޢަދުލަށް ލޯބިކުރާ ބަޔަކު ކަމުގައި ލައްވާނދޭވެ! އަޅަމެންނީ ހެޔޮކަމުގެ މަގު އިސްކޮށް އަމިއްލަ ނަފުސުތަކަށް ޢަދުލުވެރިވާ ބަޔަކު ކަމުގައި ލައްވާނދޭވެ! އާމީން!

comment ކޮމެންޓް