ބޮލީވުޑްގެ ކުރީގެ އެކްޓަރު އިމްރާން ޚާން އެނބުރި ފިލްމީ ދާއިރާއަށް ނުކުންނަ އާ ފިލްމުގެ ބަތަލާގެ ރޯލްއިން ފެންނާނީ ބޫމީ ޕެޑްނެކާރު ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ފިލްމު "ޖާނޭ ތޫ ޔާ ޖާނެ ނާ"އިން 2010 ވަނަ އަހަރު އެކްޓިންގް ދާއިރާއާ ގުޅުނު އިމްރާން 10 އަހަރު ފަހުން އަލުން މަސައްކަތް ފަށާ ފިލްމަކީ ނެޓްފްލިކްސްއިން ގެނެސްދޭ ޕްރޮޖެކްޓެއް ކަމަށް ފިލްމީ ޚަބަރުތަކުން ބުނެއެވެ.
ފިލްމުގައި އިމްރާން އާއި ބޫމީ ފެންނާނީ ދެމަފިރިންގެ ރޯލްއިން ކަމަށާއި މިއީ ކައިވެންޏަށްފަހު ދިރިއުޅުމަށް އަންނަ ބޮޑެތި ބަދަލުތަކާ ގޮންޖެހުންތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ކަމަށް ބޮލީވުޑް ހަންގާމާގައި ވަނީ ބުނެފައެވެ.
އިމްރާން ފިލްމީ ދާއިރާއަށް ތައާރަފްވި ފިލްމަކީ އެކްޓަރުގެ ބޮޑު ބޭބެ އާމިރު ޚާންގެ އަމިއްލަ ފިލްމު ކުންފުނިން ގެނެސްދިން ފިލްމެކެވެ. އެ ފިލްމަށް ލިބުނު މަގުބޫލުކަމާ އެކު އިމްރާން އޭރުގެ ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދިއެވެ.

އިމްރާން ޚާން ބޮޑު ބޭބެ އަދި އެކްޓަރު އާމިރް ޚާންއާ އެކު--ފޮޓޯ/އެންޑީޓީވީ
އޭގެ ފަހުން އިމްރާން ކުޅުނު ގިނަ ފިލްމުތަކަށް މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް 2011 ވަނަ އަހަރު ރިލީޒްކުރި އިމްރާންގެ ފިލްމު "ދެއްލީ ބެލީ" ބެލުންތެރިންނަށް ވަރަށް ކަމުދިޔައެވެ.
އިމްރާންގެ ފިލްމީ ކެރިއަރުގައި އެކްޓަރެއްގެ ގޮތުގައި އެންމެފަހުން މަސައްކަތްކުރި ފިލްމަކީ 2015 ވަނަ އަހަރު ބަތަލާ ކަންގަނާ ރަނާވަތުއާ އެކު ކުޅުނު ފިލްމު "ކައްޓީ ބައްޓީ"އެވެ. އިމްރާން ވަނީ މި މަހުގެ ކުރީކޮޅު ނެޓްފްލިކްސްއިން ގެނެސްދިން "ހެޕީ ޕަޓޭލް: ހަތަރުނާކް ޖާސޫސް"ގެ ވޭސް ކެމޯ މަންޒަރެއް ކުޅެފައެވެ.
ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި އިމްރާމް އެނބުރި ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމުގެ އަޑުތަކެއް ދޭތެރެދޭތެރެއިން އެރި ނަމަވެސް އޭނާ އެނބުރި ފެންނާނީ ސީދާ ކޮން ފިލްމަކުން ކަމެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.